ބްލޮންކް އަކީ ބާސެލޯނާގެ ޓާގެޓެއް: ރިޕޯޓް

ބާސެލޯނާ (ޖުލައި 23) - ބާސެލޯނާ އިން އަންނަ ސީޒަނަށް ޓީމަށް ކޯޗެއް ހަމަޖެއްސުމުގެ މަޝްވަރާތައް ފަށާފައިވާއިރު އެ ޓީމުން ފާރަލާ ކޯޗުންގެ ލިސްޓުގައި ޕީއެސްޖީގެ ކުރީގެ ކޯޗު ލައުރެންޓް ބްލޮންކް ހިމަނާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މިދިޔަ ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗަކަށް ގެނައި ކީކޭ ސެޓިއެންގެ މުސްތަގުބަލާ މެދު ސުވާލުއުފެދިފައިވާއިރު، އެ ޓީމާ ދެން ހަވާލުވާނެ ކޯޗެއްގެ ވާހަކަތައް ވެސް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ. ސެޓިއެން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ އަންނަ މަހު އޮތް ޗެމްޕިއަންސް ލީގުގެ މެޗުގައި ޓީމަށް އިރުޝާދުދޭނީ އޭނާ ކަމަށާއި އެކަމަކު އަންނަ ސީޒަނުގައި އޭނާ ބާސެލޯނާ އިން ފެންނާނެތޯ އެ ސުވާލަށް ސީދާ ޖަވާބެއް ދޭން ނޭނގޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ލީޑުގައި އޮވެ މި ފަހަރުގެ ސްޕެނިޝް ލީގު ބާސެލޯނާ އަތުން ގެއްލުމުން އެ ކްލަބްގެ ބޯޑުން މިހާރު ސެޓިއެން ބެހެއްޓުމާ މެދު ހިތްހަމަނުޖެހެ އެވެ. ބޯޑުގެ މެޖޯރިޓީގެ ވިސްނުން ހުރީ އާ ކޯޗެއް ގެންނާށެވެ. އެ ގޮތުން ގިނަ ބަޔަކު ބޭނުންވަނީ ޒަވީ ހެނާންޑޭޒް ގެންނާށެވެ. އެކަމަކު އަލް ސާދާ އެކު ޒަވީ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖުލައިއާ ހަމައަށް އާ ކޮށްފައިވާއިރު، ބާސެލޯނާގެ މިހާރުގެ ބޯޑު އޮއްވައި ޒަވީ އަންނާނެ ކަމަށް ނުބެލެވެ އެވެ. އެއީ ޒަވީ ވަނީ މީގެ ކުރިން ވެސް މިހާރު އޮތް ބޯޑާ އެކު މަސައްކަތްކުރަން ބޭނުންނުވާތީ ބާސެލޯނާ ހުށަހެޅުން ދޫކޮށްލައިފަ އެވެ.

ޒަވީއާ ގާތް ފަރާތްތަކާ ހަވާލާދީ ސްޕެއިނުގެ ނޫހަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަވީ ބޭނުންވަނީ އަންނަ އަހަރު އޮތް ބާސެލޯނާގެ އިންތިހާބު ނިމުމުން އެ ޓީމާ ހަވާލުވާށެވެ. ބާސެލޯނާގެ ރައީސް ކަމަށް ވާދަކުރައްވާ ވިކްޓަ ފޮންޓްގެ ޕްލޭނުގައި އެ ޓީމުގެ ކޯޗަކަށް ގެންނަން ނިންމާފައި އޮތީ ޒަވީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މިހާރު ޝޯޓް ލިސްޓުކޮށްފައިވާ އެއް ކޯޗަކީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފްރާންސްގެ ޑިފެންޑަރު ބްލޮންކް އެވެ. ބްލޮންކް އެންމެ ފަހުން ކޯޗުކޮށްދިނީ ޕީއެސްޖީ އަށެވެ. ބްލޮންކް ކޯޗިން ކެރިއަރު ފެށީ 2007 ވަނަ އަހަރު ފްރާންސްގެ ބޯޑޯ އިންނެވެ. އެ ޓީމާ އެކު ފްރެންޗް ލީގާއި ދެ ކަޕް ކާމިޔާބު ކުރި އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ފްރާންސް ޓީމާ ހަވާލުވެ ދެ އަހަރު އެ ޓީމަށް އިރުޝާދުދިނުމަށް ފަހު ފަހުން ޕީއެސްޖީއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ. ތިން އަހަރު އެ ޓީމުގައި ހުރެ 11 ތަށި ހޯދި އެވެ.

ފްރާންސް ލީގުގެ މޮޅު ކޯޗުގެ މަގާމު ތިން ފަހަރާއި ފްރާންސްގެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރު ހޯދި ބްލޮންކް ހޯދަން މީގެ ކުރިން ޗެލްސީ އާއި ބަޔާން މިއުނިކުން މަސައްކަތްކުރި ނަމަވެސް އޭނާގެ ބައެއް ހުށަހެޅުންތަކަށް އެ ކްލަބްތަކުން އެއްބަސްނުވާތީ އޭނާ އެ ފުރުސަތުތައް ދޫކޮށްލި އެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ވިސްނުން ހުރީ ބްލޮންކަށް އެއް އަހަރުގެ އެއްބަސްވުމެއް ދިނުމަށް ފަހު ނަތީޖާތައް ރަނގަޅުނަމަ އިތުރު ދެ އަހަރަށް އާ ކުރާ ގޮތަށް މި ވަގުތު ކޮންޓްރެކްޓްގައި ހިމެނުމަށެވެ.