އާޓެޓާއާ ބައިވެރިވާން ބާކެމްޕް ޝައުގުވެރިވެއްޖެ

އަމްސްޓަޑަމް (ޖުލައި 24) - އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އެ ކްލަބްގައި ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑުކަމަށާއި އެ ކަމުގައި ބައިވެރިވާން ބޭނުންކަމަށް އާސެނަލްގެ ކުރީގެ ފޯވާޑް ނެދަލެންޑްސްގެ ޑެނިސް ބާކެމްޕް ބުނެފި އެވެ.


އާސެނަލަށް 1995 އިން 2006 ވަނަ އަހަރާ ހަމައަށް ކުޅެދިން ބާކެމްޕް ކުޅުން ހުއްޓާލުމާ އެކު އާސެނަލްގެ ސްކައުޓަކަށްވާން އޭރުގެ ކޯޗު އާސެން ވެންގާ ހުށަހެޅި އެވެ. އެކަމަކު ދިގު ކެރިއަރެއް ނިންމާލުމަށް ފަހު އާއިލާ އަށް ވަގުތުދޭން ބޭނުންވާތީ އެ ހުށަހެޅުމެއް ބާކެމްޕް ފުރަގަސް ދިނެވެ. އެކަމަކު ފަހުން އޭނާ ވަނީ ކޯޗިން ބެޖް ހާސިލްކޮށް 2011 އިން 2017 ވަނަ އަހަރަށް އަޔަކްސްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު އާސެނަލްގެ ކޯޗުކަމާ ހަވާލުވެ އާޓެޓާ ވަނީ މިހާތަނަށް އައިއިރު ޖުމްލަކޮށް ބަލާއިރު ލިބިފައި ހުރި ވަސީލަތްތަކަށް ބަލާއިރު ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. މެންޗެސްޓާ ސިޓީ ކަޓުވާލުމަށް ފަހު އެފްއޭ ކަޕްގެ ފައިނަލުން ފުރުސަތު ހޯދުމަކީ އާސެނަލުން މި ސީޒަނުގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ.

ފޯފޯޓޫ މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި އުމުރުން 51 އަހަރުގެ ބާކެމްޕް ބުނީ މިއީ އެނބުރި ފުޓްބޯޅައިގެ މަސައްކަތަށް ދާންވީ ވަގުތު ކަމަށާއި އޭނާ އެންމެ ޝައުގުވެރިވަނީ އާޓެޓާއާ އެކު އާސެނަލްގައި މަސައްކަތްކުރުމަށް ކަމަށެވެ.

"އަހަރެން މިހުރީ އަލުން ކޯޗިންގައި ނޫނީ ޓެކްނިކަލް ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރަން ވަރަށް ބޭނުންވެފައި. މި ވަގުތު އަހަރެންގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުރީ އާސެނަލަށް. އާޓެޓާ އެ ކުރާ މަސައްކަތުގައި ބައިވެރިވާން ބޭނުން،" އާސެނަލަށް 300 އަށް ވުރެން ގިނަ މެޗު ކުޅެދީފައިވާ ފޯވާޑް ބުންޏެވެ.

އޭނާ ބުނީ އާޓެޓާ ކުރާ މަސައްކަތުގެ އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނީ ކްލަބްގެ ވެރިން އޭނާ އަށް އެއްބާރުލުންދީ ޓީމު ވަރުގަދަ ކުރަން ބޭނުންވާ ކުޅުންތެރިން ގެންނަން އެކަށީގެންވާ ބަޖެޓެއް ވެސް ދީގެން ކަމަށެވެ.

އާޓެޓާގެ ވިސްނުމުގައި ހުރި އާސެނަލުން އަބަދުވެސް ދަމަހައްޓަމުން އައި ރީތި ކުޅުމެއް ދެއްކުމުގެ ފިލޯސަފީއާ ގުޅޭ ސްޓައިލަކަށް އެ ޓީމު ލައްވައި ކުޅުވުން ކަމަށާއި އެއީ އެ ކްލަބަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ބުންޏެވެ. ފުޓްބޯޅައިގައި ކަންތައްތައް ބަދަލުވާން މާ ގިނަ އިރެއް ނުނަގާނެ ކަމަށާއި ވަރަށް އަވަހަށް އޭނާ ފުޓްބޯޅައިގެ ކޮންމެވެސް މަސައްކަތަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބާކެމްޕް ބުންޏެވެ.