ޑްރޮގްބާ އަށް ތާއީދުނުކުރާތީ ފިފްޕްރޯއިން ފިޔަވަޅުއަޅައިފި

އަބީޖާން (ޖުލައި 25) – އައިވަރީ ކޯސްޓުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް އެ ގައުމުގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ ގެންނަން ތާއީދުނުކުރަން އެ ގައުމުގެ ކުޅުންތެރިންގެ ޔޫނިއަނުން ނިންމުމާ އެކު އެ ޖަމިއްޔާއާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯ އިން ފިޔަވަޅު އަޅައިފި އެވެ.


ބުރާސްފަތި ދުވަހު ފިފްޕްރޯ އިން އައިވަރީ ކޯސްޓް ފުޓްބޯލާސް އެސޯސިއޭޝަން (އޭއެފްއައި) އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކުޅުންތެރިއެއްގެ ހައްގުގައި ނުކުުންނަން ޖެހުނު ވަގުތެއްގައި އެއްވެސް މަގުބޫލު އުޒުރެއް ދެއްކުމެއްނެތި އޭއެފްއައި އިން އަމަލުކޮށްފައިވަނީ ވަރަށް ދެރަކޮށް ކަމަށާއި ޑްރޮގްބާއާ މެދު އޭއެފްއައި އިން ކަންތައްތައް ކުރި ގޮތް ކަމުނުދާތީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ފިފްޕްރޯ އިން ނިންމާފައިވާ ކަމަށެވެ.

"ޑްރޮގްބާ އަކީ އައިވަރީ ކޯސްޓުގެ ކުޅުންތެރިންގެ ޔޫނިއަންގެ މެމްބަރެއް. އެކަމަކު އޭނަ އަށް ތާއީދެއް ނުކުރަން އޭއެފްއައި އިން ނިންމި ސަބަބެއް އެ މީހުންނަކަށް ބުނެ ނުދެވުނު. އެހެންވީމަ ފިފްޕްރޯގެ ނަޒަރުގައި އޭއެފްއައި އަކީ ކުޅުންތެރިންގެ ރައްކަލަކަށްް އޮތްތަނެއް ކަމަށް ނުފެންނާތީ ސަސްޕެންޑްކުރަން ވަނީ ނިންމާފައި،" ފިފްޕްރޯގެ ސިޓީގައިވެ އެވެ.

ފިފްޕްރޯ އިން ހިތްހަމަ ނުޖެހުނީ އަންނަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް އައިވަރީ ކޯސްޓުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބުގައި އޭއެފްއައި އިން އެންޑޯސްކުރާ ކެންޑިޑޭޓަކީ މިހާރުގެ ފެޑެރޭޝަނުގެ ނައިބު ރައީސް އިދްރީސާ ޑިއާލޯ ކަމަށް އިއުލާނުކުރުމުންނެވެ.

އައިވަރީ ކޯސްޓު ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލެވެނީ ފަސް އެސޯސިއޭޝަނުގެ ތެރެއިން ކޮންމެވެސް އެއް އެސޯސިއޭޝަނުން އެންޑޯސް ކުރުމާ އެކު އެވެ. ޑްރޮގްބާ އަށް އަދިވެސް އެސޯސިއޭޝަނެއްގެ އެންޑޯސްމަންޓެއް ނުލިބޭއިރު، މިހާރު ގޮތެއް ނުނިންމައި އޮތް އެސޯސިއޭޝަނަކީ މެޑިކަލް ސްޓާފުންގެ އެސޯސިއޭޝަނެވެ.

އައިވަރީ ކޯސްޓުގެ ގިނަ ކުޅުންތެރިން ވަނީ ޑްރޮގްބާ އަށް ތާއީދުކޮށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އަދި ސިޔާސީ ގޮތުންނާއި ފުޓްބޯޅައިގެ ގޮތުން ބެލިޔަސް ޑްރޮގްބާ އަކީ ނުފޫޒުގަދަ މީހެއް ކަމަށާއި އޭނާ ފަދަ ފުޓްބޯޅައިގެ ވިސްނުމުގެ މީހެއް ފެޑެރޭޝަނުގެ ރައީސަކަށް އަންނަން ޖެހޭ ކަމަށް ގިނަ ކުޅުންތެރިން ގަބޫލުކުރެ އެވެ.

އައިވަރީ ކޯސްޓް ގައުމީ ޓީމަށް 2002-2014 އަށް 105 މެޗުން 65 ގޯލް ޖަހައިދީފައިވާ ޑްރޮގްބާ ވަނީ އެ ގައުމަށް ގިނަ މެޗުތަކެއް ކުޅެދީ 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދީފަ އެވެ.