ޗެމްޕިއަންސް ލީގަށް އަގުއޭރޯ ފިޓްވާނެ

މެންޗެސްޓާ (ޖުލައި 25) - އަންނަ މަހު ޗެމްޕިއަންސް ލީގުގެ މެޗުތައް ފަަށަންވާއިރަށް މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ ފިޓްވާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.


ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށިތަނާ އަގުއޭރޯގެ ކަކުލަށް އަނިޔާވީ ބާންލީ އަތުން 5-0 އިން ސިޓީ މޮޅުވި މެޗުގަ އެވެ. އަގުއޭރޯ އަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދަން ވަގުތުން އޭނާ ބާސެލޯނާގެ ސްޕެޝަލިސްޓެއް ކައިރިއަށް ފޮނުވައި އޮޕަރޭޝަނެއް ކުރި އެވެ. މި ސީޒަނުގައި ދެން އަގުއޭރޯ އަށް ނުކުޅެވޭނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އޭރު ވެސް ގާޑިއޯލާ ހުރީ އުއްމީދުގަ އެވެ.

"ސަސްޕެންޝަނުގައި ހުރި މެންޑީ ފިޔަވައި ދެން ތިބި ހުރިހާ ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި މެޑްރިޑާ ކުޅޭ މެޗުގައި ފެންނާނެ. އަގުއޭރޯ ވެސް އޭރަށް ފިޓްވާނެ. އެއީ ހިތްހަމަ ޖެހުމެއް،" ޕްރިމިއާ ލީގުގެ ފަހު ސިޓީ މި ސީޒަނުގައި ކުޅޭ ފަހު މެޗުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ރެއާލް މެޑްރިޑް އަތުން 2-1 އިން މޮޅުވެފަ އެވެ. އަންނަ މަހު ހަތް ވަނަ ދުވަހު ސިޓީ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ ދެ ވަަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެ އެވެ. ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދި ރެއާލް ކަޓުވާލެވިއްޖެނަމަ ސިޓީ އަށް މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ދެން ހުރިހާ މެޗެއް ކުޅޭނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. ކުއާޓާ ފައިނަލުން ފެށިގެން އޮންނާނީ އެއް ލެގެވެ.

މި ސީޒަނުގައި ސިޓީ އަށް ހޯދުނީ ލީގު ކަޕް އެކަންޏެވެ. ޕްރިމިއާ ލީގުގެ ރޭހުގައި ލިވަޕޫލުން ސިޓީގެ މައްޗަށް ކުރިހޯދިއިރު، އެފްއޭ ކަޕުން ސިޓީ ކެޓީ ސެމީގައި އާސެނަލް އަތުންނެވެ. ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.