ޗައިނާ ގައުމީ ޓީމަށް ކުޅެން އޮސްކާ ތައްޔާރު

ޝަންހާއީ (ޖުލައި 28) - ފީފާ ގަވާއިދުގެ ތެރެއިން ފުރުސަތު ލިބިއްޖެނަމަ ޗައިނާ ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށް ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ ބުނެފި އެވެ.


ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ކޮލިފައިން ފެށުމުގެ ކުރިން އޭރު ޗައިނާ ގައުމީ ޓީމުގެ ކޯޗަކަށް ހުރި އިޓަލީގެ މަޝްހޫރު ކޯޗު މާސެލޯ ލިއްޕީގެ އެދުމުގެ މަތިން ޗައިނާ ގައުމީ ޓީމުން ވަނީ އެ ގައުމުގެ ދަރިކޮޅަށް ނިސްބަތްނުވާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ފުރުސަތު ދިން ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ފޯވާޑެއް ކަމަށްވާ އެލްކެސަން ހިމެނެ އެވެ.

ޗެލްސީ ދޫކޮށް އޮސްކާ ޗައިނާގެ ޝަންހާއީ އެސްއައިޕީޖީ އަށް ބަދަލުވީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު 60 މިލިއަން ޔޫރޯ އަށެވެ. ބްރެޒިލް ގައުމީ ޓީމަށް އޮސްކާ ކުޅެދިން 48 މެޗުގެ ތެރެއިން އެންމެ ފަހު މެޗަކީ 2015 ވަަނަ އަހަރު ކުޅުނު މެޗެކެވެ. އޭގެ ފަހުން އޭނާ އަށް ބްރެޒިލް ޓީމުން ފުރުސަތެއް ނުލިބެ އެވެ.

ފީފާގެ މިހާރުގެ ގަވާއިދު އޮތްގޮތުން އުމުރުން 28 އަހަރުގެ އޮސްކާ އަށް އެހެން ގައުމީ ޓީމަކަށް ކުޅެވޭނެ ޖާގައެއް ނެތެވެ. އެއީ އޭނާ ފީފާގެ ރަސްމީ ބޮޑު މުބާރާތެއްގައި ބްރެޒިލް ޓީމަށް ކުޅެފައިވާތީ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި އޮސްކާ ވަނީ ބްރެޒިލް ޓީމަށް ކުޅެފަ އެވެ.

"އަހަރެން ތިކަމާ ވިސްނާނަން. އަދި އަހަންނަށް ތި ފުރުސަތު ލިބިއްޖެނަމަ ބޭނުން ވެސް ހިފާނަން. ޔަގީނުން ވެސް މިހާރު އޮތްގޮތަށް ބަލާނަމަ ބްރެޒިލް ޓީމުން އަލުން ފުރުސަތު ހޯދުމަކީ ފަސޭހަަކަމަކަށް ނުވާނެ. ޗައިނާ މީހުންނަށް އެނގޭ ކިހާ ރަނގަޅަށް އަހަންނަށް ކުޅެވިދާނެކަން. ޗައިނާ ގައުމީ ޓީމަށް މޮޅު މިޑްފީލްޑަރުން އެބަ ބޭނުންވޭ. ގަވާއިދުގެ ތެރެއިން ފުރުސަތު ލިބޭނަމަ އަހަރެން ޗައިނާ އަށް ކުޅޭނަން،" ޗައިނާގެ ސީޓީޖީއެން އަށް ދިން އިންޓަވިއުއެއްގައި އޮސްކާ ބުންޏެވެ.

ޗައިނީސް ސުޕަ ލީގުގައި ކުޅެން ފެށި ފަހުން އޮސްކާ އަކީ ލީގުގައި އެއް ފެންވަރެއްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރެވެ. މިދިޔަ ދެ ސީޒަނަށް ބަލާއިރު ލަނޑު ޖަހާނެ އެންމެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދިނީ އޮސްކާ އެވެ.