ފިންލެންޑް ކުޅުންތެރިޔާ ބަންގްލަދޭޝް ގައުމީ ޓީމަށް

ފިންލެންޑް އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފައިވާ ތޯރިގު ރައިހާން ކާޒީ ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް އެކުލަވާލި ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމަނައިފި އެވެ.


މީގެ ކުރިން ފިންލެންޑްގެ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ތޯރިގަކީ މިދިޔަ އަހަރު ބަޝުންދުރާ ކިންގްސް އަށް ބަދަލުވި ކުޅުންތެރިއެކެވެ. އުމުރުން 19 އަހަރުގެ ތޯރިގުގެ ބައްޕަ ނިސްބަތްވަނީ ބަންގްލަދޭޝް އަށެވެ. އޭނާ ބަންގްލަދޭޝްގެ ރައްޔިތުކަން ހޯދީ މިިދިޔަ އަހަރު ނޮވެމްބަރު މަހުގަ އެވެ.

"އަހަރެން ކުޑަ އިރުއްސުރެން ދެކެމުން އައި ހުވަފެނެއް ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅުމަކީ. އަހަރެންގެ ބައްޕަ ނިސްބަތްވަނީ ބަންގްލަދޭޝް އަށް. އަަހަރެންގެ ބައްޕަ ވެސް ވަރަށް ބޭނުންވޭ ބަންގްލަދޭޝް ގައުމީ ޓީމަށް އަހަރެން ލައްވައި ކުޅުވަން،" މިދިޔަ ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ރައްޔިތުކަން ލިބުމުން ދިން އިންޓަވިއުއެއްގައި ތޯރިގު ބުންޏެވެ.

ތޯރިގު ލައްވައި ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅުވަން މަސައްކަތްކުރި އެކަކަކީ ބަންގްލަދޭޝްގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭ އެވެ. ޑޭ ވަނީ ބަންގްލަދޭޝްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ދާދު ފަހުން އާ ކޮށްފަ އެވެ.

ބަޝުންދުރާ ކިންގްސް އަށް ބަދަލުވެ ތޯރިގު ވަނީ ފުރުސަތު ލިބުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައި.

"އަހަރެން އޭނާގެ ވީޑިއޯތަށް ބެލިން. ފިންލެންޑްގައި ވެސް އޭނާ ވަރަށް ރަނގަޅަށް ކުޅުނު. އަހަރެން ބޭނުން (ބަންގްލަދޭޝް) ޕްރިމިއާ ލީގުގައި އޭނާ ރަނގަޅަށް ކުޅޭނަމަ ފުރުސަތު ދޭން،" މިދިޔަ ޑިސެމްބަރު މަހު ތޯރިގާ ބެހޭގޮތުން ޑޭ ބުނެފައިވެ އެވެ.

ޑިފެންސްގެ ކޮންމެ މަގާމަކަށް ކުޅެވޭ ތޯރިގު ވަނީ މިދިޔަ އަހަރު ބަޝުންދުރާ އަށް ބަދަލުވުމަށް ފަހު ފުރުސަތު ލިބުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ ފިންލެންޑްގެ އެއް ވަނަ ޑިވިޝަނުގެ އައިވްސް އަށް ކުޅެ އެ ޓީމާ އެކު ފިންލެންޑްގެ ކަޕް ކާމިޔާބުކޮށްފަ އެވެ.

ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން އަކީ ވެސް އެހެން ގައުމަކަށް އުފަން ކުޅުންތެރިއެކެވެ. އޭނާގެ އާއިލާ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ބަޔަކު ކަމުގައިވިޔަސް ޖަމާލް އުފަންވިއިރު، އެ މީހުން ދިރިއުޅެމުންދިޔައީ ޑެންމާކުގަ އެވެ. ޑެންމާކުގެ ބައެއް ކްލަބްތަކަށް ކުޅުމަށް ފަހު ޖަމާލް ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅެން ނިންމީ 2013 ވަނަ އަހަރު އެވެ.

ބަންގްލަދޭޝް އިން 36 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައިގެން ތައްޔާރުވަނީ މި އަހަރު ކުޅެން އޮތް ހަތަރު މެޗަށެވެ. އެއީ އޮކްޓޫބަރު އަށް ވަނަ ދުވަހު އަފްގާނިސްތާނާ އެކު ކުޅޭ މެޗާއި އޮކްޓޫބަރު 13 ވަނަ ދުވަހު ގަތަރާ ބައްދަލުކުރާ މެޗުގެ އިތުރުން ނޮވެމްބަރު 12 ވަނަ ދުވަހު އިންޑިއާ އާއި ކުޅުމަށް ފަހު ނޮވެމްބަރު 17 ވަނަ ދުވަހު އޮމާނާ ދެކޮޅަށް ކުޅޭ މެޗަށެވެ.