ޕޮޒިޓިވް ކޭހެއް ފެނުނަސް ރެއާލްގެ ހާލަތު ރަނގަޅު: ޔުއެފާ

މެޑްރިޑް (ޖުލައި 29) - ރެއާލް މެޑްރިޑް މަރިއާނޯ ޑިއާޒް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ޓީމުގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި މި ވަގުތަށް ބަލާއިރު އެ ޓީމުގެ ކަންތައްތައް އޮތީ ރަނގަޅަށް ކަމަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ބުނެފި އެވެ.


ޗެމްޕިއަންސް ލީގަށް ޕްރެކްޓިސް ފެށުމުގެ ކުރިން ޕްރޮޓޮކޯލްގެ ތެރެއިން ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރިއިރު، ވައިރަހަށް ޕޮޒިޓިވްވީ ޑިއާޒް އެކަންޏެވެ. އޭނާގެ ޓެސްޓްގެ ނަތީޖާ ލިބުމާ އެކީ ވަގުތުން ވަނީ އައިސޮލޭޝަނަށް ގެންގޮސްފަ އެވެ.

މަރިއާނޯ އަކީ ރެއާލުން ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި ހިމަނާފައިވާ ކުޅުންތެރިއެއް ނޫނެވެ. މި ސީޒަނުގައި އޭނާ ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗެއްގައި ކުޅެފައިނުވާއިރު، ގިނައިން ފެނުނީ ލަލީގާ މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ރެއާލުން ސްޕެނިޝް ލީގުގައި މި މަހު 19 ވަނަ ދުވަހު ކުޅުނު އެ ލީގުގެ ފަހު މެޗުގައި މަރިއާނޯ އިނީ ބެންޗުގަ އެވެ.

"ޕޮޒިޓްވި ކޭސް ފެނުމާ އެކީ ޔުއެފާ އިން މި އަންނަނީ ވަގުތުން ވަގުތަށް ރެއާލާ އެކީ ވާހަކަ ދައްކަމުން. އެއީ ރެއާލަަކީ ޗެމްޕިއަންސް ލީގުގައި ވަރަށް އަވަހަށް ކުޅެން ޖެހޭ ޓީމެއް ކަމަށްވާތީ. އަދި އަހަރެމެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ފެނުނު ޕޮޒިޓިވް ކޭހާ ގުޅިގެން ރެއާލްގެ ހާލަތަށް މާ ބޮޑު އަސަރެއްނުކުރޭ. ޕޮޒިޓިވްވި ކުޅުންތެރިޔާގެ ހާލަތު ވެސް ރަނގަޅު،" ޔުއެފާގެ އޮފިޝަލަކު ފްރާންސްގެ ނޫހަކަށް ބުންޏެވެ.

އަންނަ މަހު ހަތް ވަނަ ދުވަހު ރެއާލް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗު އޮތީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެ ޓީމު ދަނޑުގަ އެވެ. ރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ސިޓީ މޮޅުވީ 2-1 އިންނެވެ.

އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން ސްޕެއިނުން އިންގްލެންޑަށް އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރާ ގޮތަށް އޮތްނަމަވެސް އެ ގަވާއިދަށް ރެއާލް ކުޅުންތެރިންނާއި އޮފިޝަލުން އަމަލުކުރާކަށް ނުޖެހޭނެ އެވެ. އިނގިރޭސި ސަރުކާރުން ބުނީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގެ މެޗުތަކަށް އަންނާނީ ސިއްހީ ހާއްސަ ޕްރޮޓޮކޯލެއްގެ ތެރެއިން ކަމަށާއި އަންނަ ޓީމުތަކަކީ ވެސް ކޮވިޑް-19 އަށް ޓެސްޓްކުރެވިފައިވާ ބަޔެއް ކަމަށްވާއިރު، އިންގްލެންޑްގައި އެ މީހުން މަޑުކުރާ މުއްދަތު ވެސް މަދުވުމާ އެކު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ނުޖެހޭނެ ކަމަށެވެ.

ސިޓީ އާއި ރެއާލް ތެރެއިން ކުރިހޯދާ ޓީމެއް ކުއާޓާ ފައިނަަލަށް ދަތުރުކުރާއިރު، ކުއާޓާ ފައިނަލުން ފެށިގެން މިނީ ޓޯނަމެންޓެއް ގޮތަށް ޗެމްޕިއަންސް ލީގުގެ މެޗުތައް އޮންނާނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ.