ލަމްޕާޑުގެ ލޯ ހަތަރު ކީޕަރަކާ ދިމާލަށް

ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އޭނާގެ ޕްލޭނާ އެއްގޮތަށް ކުޅެވޭ ފެންވަރުގެ ރަނގަޅު ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތެވެ. ޗެލްސީގައި މި ވަގުތު ހުރި ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާއާ މެދު ލަމްޕާޑް ހިތްހަމައެއްނުޖެހެ އެވެ. އަދި ދެން ހުރި ތަޖުރިބާކާރު ގޯލްކީޕަރު ވިލީ ކަބަލޭރޯ އަކީ ވެސް އުމުރުން ދުވަސްވީ ކީޕަރެއްކަމަށްވުމުން ދުރު މުސްތަގުބަލަށް ބަލާއިރު އޭނާ އަކީ އެ މަގާމަށް އޮތް ހައްލުކަމަށް ލަމްޕާޑް ގަބޫލެއްނުކުރެ އެވެ.


އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ނަޒަރުގައި ލަމްޕާޑަށް މި ވަގުތަށް ބަލާއިރު އެންމެ މުހިއްމީ ރަނގަޅު ކީޕަރެއް ހޯދައިގެން އެ ހިސާބުން ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ރަނގަޅު ކުރުމެވެ. މީގެ ދެ އަހަރު ކުރިން އެތުލެޓިކް ބިލްބާއޯ އަށް 91 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދީފައި ގެނައި ކެޕާގެ ފަރާތުން މި ސީޒަނުގައި ފެނުނީ ދަށް ކުޅުމެއް ކަމަށްވާތީ ފަހަކަށް އައިސް މުހިއްމު މެޗުތަކުގައި ގޯލު ބަލަހައްޓަނީ ކަބަލޭރޯ އެވެ. ޗެލްސީގައި ކެޕާގެ ކުރިމަގެއް ނެތްކަން ގަބޫލުކޮށް އޭނާ ވެސް އެހެން ޓީމެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޓްރާންސްފާގެ ހަބަރުތަކަށް ބަލާއިރު ޗެލްސީން ފާރަލަމުން އަންނަ ގޯލްކީޕަރުންގެ ލިސްޓުގައި ތިބީ ހަތަރު ކީޕަރުންނެވެ. އެއީ އެތުލެޓިކޯ މެޑްރިޑްގެ ގޯލްކީޕަރު ޔެން އޮބްލެކް، ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރު ޑީން ހެންޑަސަން، ބާންލީގެ ކީޕަރު ނިކް ޕޯޕް އަދި އަޔަކްސްގެ ކީޕަރު އަންދްރޭ އޮނާނާ އެވެ.

ޗެލްސީގެ ކުރީގެ ކީޕަރު އަދި މިހާރު އެ ކްލަބްގެ ޓެކްނިކަލް ޕާފޯމަންސް އެޑްވައިޒަރު ޕީޓަ ޗެކް އެންމެ ބޭނުމީ އެތުލެޓިކޯގެ ކީޕަރު އޮބްލެކް ގެންނާށެވެ. ސްލޮވީނިއާ އަށް އުފަން އޮބްލެކް އަކީ މި ވަގުތަށް ބަލާއިރު ވެސް ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ތެރެއިން އެކަކެވެ. އެކަމަކު އުމުރުން 27 އަހަރުގެ އޮބްލަކް ވިއްކާލަން އެތުލެޓިކޯ އިން ކިޔާ އަގަކީ 110 މިލިއަން ޑޮލަރު ކަމަށްވާއިރު، އެ އަގަކީ ޗެލްސީ އަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަރަދުކުރެވޭނެ ވަރެއް ނޫނެވެ. ޗެލްސީން ވަނީ ކެޕާ އާއި 50 މިލިއަން ޑޮލަރު ދިނުމަށް ފަހު އޮބްލެކް ގެންނަން ހުށަހަޅައިފަ އެވެ. އެކަމަކު އެތުލެޓިކޯގެ ރުހުމެއް ނުލިބޭތީ އެ ޑީލް ކުރިއަށް ނުދިޔަ އެވެ. އެކަމަކު އަދިވެސް ޗެލްސީން އޮބްލަކް ހޯދުމުގެ އުއްމީދު އެއްކޮށް ދޫކޮށްނުލަ އެވެ.

އިންގްލެންޑްގެ ފަރިތަކުރުންތަކުގެ ތެރެއިން ޕޯޕް (ކ) އާއި ހެންޑަސަން. -- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ޝެފީލްޑްގެ ގޯލު ބަލަހައްޓަމުން އައި ހެންޑަސަން އަކީ މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެއް ފެންވަރެއްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ގޯލްކީޕަރެވެ. އުމުރުން 23 އަހަރުގެ ހެންޑަސަން އަށް އަންނަ ސީޒަނުގައި ޔުނައިޓެޑްގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ކުޅެން ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ވަނީ ހިޔާލު ފާޅުކޮށްފަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ވިސްނުން ހުރީ ޑޭވިޑް ޑެހެއާއާ އެކު ކުރިއަށްގޮސް ހެންޑަސަން އަކީ ދެ ވަނަ ކީޕަރަށް ހަދާށެވެ. އެހެންވެ މިއީ ޗެލްސީން ހެންޑަސަން ގެންދަން ރަނގަޅު ވަގުތުކަމަށް އެ ޓީމުގެ ކުރީގެ ތަރިން ވެސް ވަނީ ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި 40 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ޔުނައިޓެޑުން ހެންޑަސަން ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. މީގެ ކުރިން ވެސް މި ދެ ކްލަބްގެ މެދުގައި ޓްރާންސްފާ ޑީލްތަކެއް ހިނގާފައިވާތީ މި ޓްރާންސްފާ ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ޗެލްސީގެ ގޯލު ބަލަހައްޓަން ލަމްޕާޑްގެ ޕްލޭނާ އެއްގޮތަށް ކުޅޭ ކީޕަރުންގެ ތެރެއިން އޭނާ އެންމެ ފުރަތަމަ ބޭނުންވި ކީޕަރަކީ ޕޯޕް އެވެ. އުމުރުން 28 އަހަރުގެ ޕޯޕް އަކީ ބޮޑު ކްލަބަކަށް ކުޅެވޭ ފެންވަރު ހުރި ކީޕަރެއް ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވެސް ވަނީ ބުނެފަ އެވެ. އިންގްލެންޑް ގައުމީ ޓީމުން ގަވާއިދުން ފުރުސަތު ހޯދަން ބޭނުންނަމަ ޕޯޕް ބޮޑު ޓީމަކާ ގުޅެން ޖެހޭ ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ. އުމުރަށް ބަލާއިރު ވެސް މި ވަގުތު ޕޯޕް ހުރީ ކެރިއަރުގައި ރަނގަޅު ހިސާބަކަށްވާތީ އަންނަ ސީޒަނުގައި ޕޯޕް ޗެލްސީން ފެނުމުގެ ފުރުސަތު އެބައޮތެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން 35 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައިގެން ޗެލްސީ އަށް ޕޯޕްގެ ސޮއި ހޯދިދާނެ އެވެ.

ކެމަރޫނަށް އުފަން އޮނާނާ އަކީ އަޔަކްސް ގޯލުގައި ފާއިތުވި އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި ކީިޕަރެކެވެ. ޗެލްސީން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އަޔަކްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް އޮނާނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޔޫތު ކެރިއަރުން ފަށައިގެން އަޔަކްސް އަށް ކުޅެމުން އަންނަ އޮނާނާ ވަނީ މިދިޔަ އޭޕްރީލް މަހު އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އުމުރުން 24 އަހަރުގެ އޮނާނާ ބުނީ މިއީ އާ ޗެލެންޖެއް ނަގަންވީ ވަގުތު ކަމަށާއި ބޮޑު ލީގެއްގައި ކުޅެން ބޭނުންވާ ކަމަށެވެ. އޮނާނާ ވިއްކާލަން އަޔަކްސް އިން ކިޔާ އަގު އުޅެނީ 30 މިލިއަން ޑޮލަރުގަ އެވެ. އޮނާނާއާ އެކު އަޔަކްސް އަށް މިދިޔަ އަހަރުތަކުގައި ކުޅުނު މޮރޮކޯގެ ތަރި ހަކީމް ޒިޔެޗް ވަނީ ޗެލްސީ އަށް ބަދަލުވެފަ އެވެ. ނެދަލެންޑްސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޮނާނާ ގެންނަން ޗެލްސީން އަންނަނީ ޒިޔެޗްގެ އެހީ ވެސް ހޯދަމުންނެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން މިހާތަނަށް ވަނީ 100 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ހަރަދުކޮށްފަ އެވެ. އިތުރު ކުޅުންތެރިން ގަތުމުގެ ކުރިން ޗެލްސީން ގިނަ ކުޅުންތެރިންތަކެއް ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ގޯލްކީޕަރެއްގެ އިތުރުން ޗެލްސީން ޑިފެންޑަރެއް ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މިދިޔަ ސީޒަނުގައި ޓްރާންސްފާ ނުކުރެވޭ ގޮތަށް ފީފާ އިން އަދަބު ދީފައި އޮތުމުން ޗެލްސީން އެއްވެސް ކުޅުންތެރިއަކު ނުގެނެ އެވެ. އެކަމަކު އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ބޮޑު ހަރަދެއް ކުރާނެ ޓީމެއް ކަމަށް ބެލެވެނީ ޗެލްސީ އެވެ.