08 އޯގަސްޓް 2020 - 08:57
ބާސެލޯނާ (އޮގަސްޓް 8) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ ބާސެލޯނާ އަށް ކޯޗުކޮށްދޭ ފަހު މެޗަށް ވެދާނެ ކަމާ މެދު ދެކެވޭ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.
މި ފަހަރުގެ ސްޕެނިޝް ލީގު ގެއްލުމުން ސެޓިއެން ބާސެލޯނާގައި ދެމިހުރުމަށް ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާ ނެރެން އޮތީ މަޖުބޫރުވެފަ އެވެ. އެކަމަކު މިރޭ ނަޕޯލީ އަތުން ކުރި ނުހޯދި 2007 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި ފުރަތަަމަ ފަހަރަށް ގަދަ 16 ޓީމުގެ ބުރުން ބާސެލޯނާ ކަޓައިފިނަމަ އެ ޓީމުގެ ކޯޗުކަމުން ސެޓިއެން ވަކިކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ސެޓިއެން ބުނީ އެކަމާ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.
"އަހަރެން އެންމެ މިނިޓެއް ވެސް ހޭދައެއް ނުކުރަން ތިކަމަށް ވިސްނަން. އަހަރެން އަބަދުވެސް މި ބުނަނީ މި ކްލަބާ އެކު އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތޭ. އެހެންވީމަ އަހަރެން ވިސްނަންޖެހޭ ކަމެއް އޮތް ކަމަށް ނުދެކެމޭ. އަހަރެން ވިސްނަނީ ކުރިއަށް އޮތް މެޗަށް،" މިދިޔަ ޖެނުއަރީ މަހު ބާސެލޯނާއާ ހަވާލުވި ސެޓިއެން ބުންޏެވެ.
ފެބްރުއަރީ މަހު ރަށުންބޭރުގައި ކުޅުނު މެޗުން ބާސެލޯނާ ވަނީ ނަޕޯލީއާ 1-1 އިން އެއްވަރުކޮށްފަ އެވެ. އެހެންކަމުން މިރޭގެ މެޗުން މޮޅުވެގެން ބާސެލޯނާ އަށް ކުއާޓާގެ ފުރުސަތު ލިބެން އޮތްއިރު ހަމަ އެކަން ހާސިލްކުރުމުގެ ދޮރު ނަޕޯލީ އަށް ވެސް އޮތީ ހުޅުވިފަ އެވެ.
އަނިޔާގެ ސަބަބުން ސާޖިއޯ ބުސްކެޓްސް އާއި އާޓޫރޯ ވިޑާލަށް މި މެޗުގައި ކުޅެވުމުގެ ފުރުސަތު ކުޑަ ނަމަވެސް އަނިޔާއިން ރަނގަޅުވެ ފްރެންކީ ޑި ޔޯން އަދި އެންޓޮއިން ގްރީޒްމަން ވަނީ މެޗަށް ފިޓްވެފަ އެވެ. ބާސެލޯނާ އަށް ދެން އޮތް ބޮލުގެ ރިހުމަކީ މިރޭގެ މެޗުގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ އަށް ރީނދޫ ކާޑު ދައްކައިފިނަމަ އޭނާ ކުއާޓާ ފައިނަލަށް ސަސްޕެންޑްވުމެވެ.
"އަނިޔާގެ މައްސަލަތަކާ ދެން ހުރި ކަންތައްތަކާ މެދު ވެސް ވިސްނަން ޖެހޭތީ މި މެޗާ މި ކުރިމަތިލަނީ ވަރަށް އުނދަގޫ ހާލަތެއްގައި އޮވެ. އެކަމަކު ވެސް އުއްމީދު ބޮޑު،" ސެޓިއެން ބުންޏެވެ.
ނަޕޯލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނީ މިރޭ އޭނާގެ ޓީމަށް ލިބިފައި އޮތީ ކްލަބްގެ ތާރީހުގައި އާ ސޮފުހާއެއް ލިޔެލުމުގެ ފުރުސަތު ކަމަށާއި އެކަމަށްޓަކައި މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން އަޒުމުކަނޑައަޅައިގެން ތިބި ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ 35 މެޗު ކުރިންނެވެ. މިރޭގެ މެޗަކީ ނަޕޯލީ ވާދަވެރި މެޗެއްގައި ބާސެލޯނާ ދަނޑުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy