ލަދުވެތި ގޮތަކަށް ބާސެލޯނާ ކަޓުވާލައި ބަޔާން ސެމީ އަށް

ލިޒްބަން (އޮގަސްޓް 15) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ސްޕެއިނުގެ ގަދަބާރު ބާސެލޯނާ ލަދުވެތި ގޮތަކަށް 8-2 އިން ބަލިކޮށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.


މިއީ ފާއިތުވި 74 އަހަރު ތެރޭ އެއް މެޗެއްގައި ބާސެލޯނާ ކޮޅަށް އަށް ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި ޗެމްޕިއަންސް ލީގުގެ ނަމުގައި މި މުބާރާތް ކުޅެން ފެށި ފަހުން ނޮކައުޓު ބުރުގެ އެއް މެޗެއްގައި މި ވަރުގެ ތަފާތެއް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި މުބާރާތުގެ ނޮކައުޓް މެޗެއްގައި ބޮޑު ފަރަގެއް ފެނިގެންދިޔައި ޔޫރަޕިއަން ކަޕްގެ ނަމުގައި މި މުބާރާތް ކުޅުނުއިރު 1991 ވަނަ އަހަރު ރެއާލް މެޑްރިޑުން 9-1 އިން އޮސްޓްރިއާގެ ވެކާ އިންސްބްރަކް ބަލިކުރި މެޗުގަ އެވެ.

މި މޮޅާ އެކު ބަޔާނުން 12 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ހޯދިއިރު، އެ ޓީމަށް ވުރެން ގިނައިން އެ ހިސާބަށް ދަތުރުކުރީ 13 ފަހަރު މި މުބާރާތް ކާމިޔާބުކުރި ރެއާލް މެޑްރިޑް އެވެ.

ބަޔާނުން ރޭގެ މެޗުގައި ލީޑުނެގީ މެޗުގެ ހަތަރު ވަަނަ މިނިޓްގައި ތޯމަސް މުލާ ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން ބަޔާންގެ ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަން ގޯލަކުން ބާސެލޯނާ އިން ނަތީޖާ ހަމަހަމަކުރުމަށް ފަހު ލުއިސް ސުއަރޭޒާއި ލިއޮނަލް މެސީ ފޮނުވާލި ހަމަލާތަކަކުން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެކަމަކު އެކަން ހާސިލްނުވެ ދިޔައިރު އޭގެ ފަހުން ބަޔާނުން ވަނީ މޮޅު ކުޅުމެއް ދައްކައި ފުރަތަމަ ހާފުގައި އިތުރު ތިން ގޯލު ބާސެލޯނާ ކޮޅަށް ޖަހައިފަ އެވެ. ބަޔާނަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ އިވާން ޕެރިސިޗް އެވެ. ސާޖް ގްނަބްރީގެ ގޯލުން ބަޔާނުން ލީޑުފުޅާކުރިއިރު މެޗުގެ 31 ވަނަ މިނިޓްގައި ބަޔާންގެ ހަތަރު ވަނަ ގޯލު ޖެހީ މުލާ އެވެ.

ރޭގެ މެޗުގެ ތެރެއިން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ. -- ފޮޓޯ: އޭއެފްޕީ

އެންޓޮއިން ގްރީޒްމަން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފް ފެށުނުތަނުން ކުޅެން އަރުވައި ބާސެލޯނާ އިން ކުރިއަށް ޖެހިގެން ކުޅެން ފަށައި މެޗުގެ 57 ވަނަ މިނިޓްގައި ސުއަރޭޒްގެ ގޯލުން ކުޑަ އުއްމީދެއް ހޯދި އެވެ. އެކަމަކު އަނެއްކާ ވެސް ބަޔާންގެ ޕްރެސިންތައް ރަނގަޅުވެ ބާސެލޯނާ އަށް ގިނަ ގޯސްތަކެއް ހެދި ބޮޑު ތަފާތަކުން ބަލިވީ އެވެ. ބަޔާންގެ ފަސް ވަނަ ގޯލު ޖެހީ އަލްފަންސޯ ޑޭވިސްގެ މޮޅު ކުޅުމަކަށް ފަހު ޖޯޝުއާ ކިމިޗް އެވެ.

ބަޔާންގެ ފަހު ތިން ގޯލުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ފިލިއްޕޭ ކުޓީނިއޯ އެވެ. ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ކުޅެމުން އަންނަ ކުޓީނިއޯ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ގޯލު ޖެހުމަށް ފަހު ކުޓީނިއޯ އުފާފާޅެއްނުކުރެ އެވެ. އެއީ ބާސެލޯނާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ.

ބަޔާންގެ ކޯޗު ހަންސީ ފްލިކް އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފުރަތަމަ އިރުޝާދުދިން ހަ މެޗުން މޮޅުވި ތިން ވަނަ ކޯޗެވެ. އެންމެ ފަހުން ކުޅުނު 19 މެޗުން ވެސް ބަޔާން މޮޅުވެފައިވާއިރު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެ ޓީމު ކުޅެން ޖެހޭނީ މިރޭ މެންޗެސްޓާ ސިޓީ އާއި ލިޔޯން ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

"މިއީ އަހަރެން އުއްމީދުކުރި ސްކޯ އެއް ނޫން. އެކަމަކު ކުޅުންތެރިން ކުރި ހިތްވަރާއި މަސައްކަތަށް ބަލާއިރު މި މޮޅު ހުރިހާ ގޮތަކުން ވެސް ހައްގު. އަހަރެން އަބަދުވެސް ޔަގީންކަން ދެމުން އައި ޓީމެއްގެ ގޮތުގައި ބަޔާނުން ކުޅެފިނަަމަ ކޮންމެ ކަމެއް ވެސް ހާސިލްކުރެވޭނެއޭ،" ރޭގެ މެޗަށް ފަހު ފްލިކް ބުންޏެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުލާ ބުނީ އެ މަގާމު ހައްގުވާ 15 ވަރަކަށް ކުޅުންތެރިން އެ ޓީމުގައި އެބަތިބި ކަމަށާއި ހަގީގަތުގައި މި ނަތީޖާގެ ކްރެޑިޓަކީ ވަކި ކުޅުންތެރިއަކަށް ވުރެން ބޮޑަށް މުޅި ޓީމު ކަމަށެވެ.

ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ކުޅެމުން އަންނަ ކުޓީނިއޯ ރޭގެ މެޗުގައި ލަނޑު ޖަހަނީ. -- ފޮޓޯ: އޭއެފްޕީ

މި ބޮޑު ނާކާމިޔާބީއާ އެކު ބާސެލޯނާގެ ކޯޗުގެ މަގާމުގައި ހުރި ކީކޭ ސެޓިއެން އަށް މަގާމުގައި ދެމިހުރެވޭނެ ކަމާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. މި ފަހަރުގެ ސްޕެނިޝް ލީގު ބާސެލޯނާ އަށް ގެއްލުނުއިރު، ކޮޕަ ޑެލް ރޭ ވެސް ނުލިބި ސީޒަން ނިންމާލަން ޖެހިފައިވަނީ ހުސްއަތާ އެވެ. މިއީ ފާއިތުވި 12 ސީޒަންގެ ތެރޭގައި ބާސެލޯނާ އިން ތަށްޓެއް ނުލިބި ނިންމާލި ފުރަތަމަ އަހަރެވެ.

ބާސެލޯނާ އިން ޖެނުއަރީ މަހު އޭރު އެ ޓީމުގެ ކޯޗަކަށް ހުރި އާނެސްޓޯ ވަލްވޭޑޭ ވަކިކުރީ ކޮޕަ ޑެލް ރޭ އިން ކެޓުމުންނެވެ. ޗެމްޕިއަންސް ލީގުގެ މި ހިތްދަތި ނަތީޖާ އަށް ފަހު ސެޓިއެން ވެސް މަގާމުން ވަކިކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ފާއިތުވި ފަސް ސީޒަނުގެ ތެރެއިން ހަތަރު ފަހަރު ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ނިމުނީ ކުއާޓާއާ ހަމައިންނެވެ.

ބަޔާނުން 2013 ވަނަ އަހަރު ވަނީ ބާސެލޯނާގެ މައްޗަށް ދެ ލެގުގެ އެގްރިގޭޓުން 7-0 އިން ކުރިހޯދައިފަ އެވެ. ކޮވިޑް-19ގެ ސަބަބުން ޗެމްޕިއަންސް ލީގުގެ މެޗުތައް ސެންޓްރަލައިޒްކޮށް އެއް ލެގު އުސޫލުން ކުޅެން ޖެހުމާ އެކު ރޭ އެއް ލެގުގައި ބާސެލޯނާ ކޮޅަށް ބަޔާނުން އަށް ގޯލު ޖެހުމަކީ ހަގީގަތުގައި ބާސެލޯނާ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ ބުނެފަ އެވެ.