ފާޓީ އާއި އެޑަމާ ސްޕެއިން ސްކޮޑަށް

މެޑްރިޑް (އޮގަސްޓް 21) - އަންނަ މަހު ފަށާ ފީފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުތަކަށް ނެގި ސްޕެއިން ގައުމީ ޓީމުގެ ސްކޮޑުން ވުލްވްސްގެ އެޑަމާ ޓްރައޮރޭ އާއި ބާސެލޯނާގެ އަންސޫ ފާޓީ އަށް ފުރުސަތު ދީފި އެވެ.


އެޑަމާ އާއި ފާޓީގެ އިތުރުން ސްޕެއިންގެ ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދި އަނެއް ދެ ކުޅުންތެރިންނަކީ މެންޗެސްޓާ ސިޓީގެ އެރިކް ގާސިއާ އާއި ފެރާން ޓޮރޭޒް އެވެ.

ސްޕެއިން 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު އެޑަމާ އަށް ސްޕެއިންގެ ސީނިއާ ޓީމުން މިދިޔަ އަހަރު ނޮވެމްބަރު މަހު ވެސް ފުރުސަތު ދިނެވެ. އެކަމަކު އެ ފަހަރު އަނިޔާގެ ސަަބަބުން ޓީމާ ވަކިވާން ޖެހުނީ އެވެ. އެޑަމާ ބޭނުންނަމަ އާއިލީ ގޮތުން އޭނާއާ ގުޅުން އޮތް މާލީ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެކަމަކު ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެޑަމާގެ ވިސްނުން މިހާރު ހުރީ ސްޕެއިން ޓީމަށް ކުޅޭށެވެ.

ބާސެލޯނާގެ ލަ މާސިއާގައި ޔޫތު ކެރިއަރު ހޭދަކުރި ނަމަވެސް އެޑަމާ އަށް ސީނިއާ ޓީމުން ފުރުސަތު ނުލިބޭތީ އޭނާ އެންމެ ފުރަތަމަ ބަދަލުވި އިނގިރޭސި ކްލަބަކީ އެސްޓަން ވިލާ އެވެ. އޭގެ ފަހުން މިޑްލްސްބަރާ އަށް ކުޅުމަށް ފަހު މިހާރުގެ ކްލަބް ވުލްވްސްއާ ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ އަންނަނީ އެ ޓީމުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ.

"މިދިޔަ ދެ ސީޒަނަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ކުޅުންތެރިއަކީ އެޑަމާ. އޭނާ ކޮންމެ ގޮތެއްވިޔަސް މި ޓީމަށް މުހިއްމު،" ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.

އުމުރުން 17 އަހަރުގެ ފާޓީ އަށް ބާސެލޯނާ ސީނިއާ ޓީމުން ފުރުސަތު ލިބުމާ އެކު އޭނާ ލައްވައި ސްޕެއިން ޓީމަށް ކުޅުވަން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފެށި އެވެ. ޕޯޗުގީސް ކޮލޮނީއެއްގެ ގޮތުގައި މީގެ ކުރިން އޮތް ގިނީ ބިސާއު އަށް އުފަން ފާޓީ އަށް ސްޕެއިން ރަށްވެހިކަން ދިނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އޭނާ ވަނީ އެ ފަހުން ސްޕެއިން 21 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.

މި ސީޒަނުގައި ބާސެލޯނާ އަށް 33 މެޗުން އަށް ގޯލު ޖަހައިދިން ފާޓީ ވަނީ ގިނަ ރެކޯޑްތަކެއް ވެސް ގާއިމްކޮށްފަ އެވެ.

"މި ސީޒަނުގައި މެސީ އަށް ފަހު ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުގައި ބާސެލޯނާ އަށް މަދު މެޗު ކުޅެގެން އެންމެ ލަނޑު ޖެހުމުގެ ރަނގަޅު ރެކޯޑެއް އޮތީ ފާޓީ އަތުގައި. އެހެންވީމަ އޭނަ އަށް މި ޓީމުން ފުރުސަތު ދޭން ނިންމީ،" ފާޓީ ނެގި ސަބަބު އެންރީކޭ އޮޅުންފިލުވައިދިނެވެ.

މިދިޔަ ނޮވެމްބަރު މަހު ސްޕެއިން ޓީމާ ދެ ވަނަ ފަހަރަށް ހަވާލުވި އެންރީކޭ ބުނީ އޭނާ ޓީމަށް ނަގަން ބޭނުންވާ އިތުރު ކުޅުންތެރިން ވެސް އެބަތިބި ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވޭނެ ގޮތެއް ނެތުމުން ވަކި އަދަދަކަށް ކުޅުންތެރިން ނެގީ ކަމަށެވެ.

ނޭޝަންސް ލީގުގައި އަންނަ މަހު ތިން ވަނަ ދުވަހު ސްޕެއިން ރަށުން ބޭރުގައި ކުޅޭނީ ޖަރުމަނާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި ޔޫކްރޭނާ ބައްދަލުކުރާނެ އެވެ. ނޭޝަންސް ލީގުގެ މެޗުތައް ވެސް ކުޅެން ހަމަޖެހިފައިވަނީ ސަޕޯޓަރުން ނުވައްދަ އެެވެ.