މެސީ ދޫކޮށްލަން ބާސެލޯނާ ދެކޮޅު

ބާސެލޯނާ (އޮގަސްޓް 27) - ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ލިއޮނަލް މެސީ އެ ކްލަބަށް އަންގާފައިވީ ނަމަވެސް އޭނާ ދޫކޮށްލަން އެ ޓީމުން ބޭނުންނުވާ ކަމަށް ދާދި ފަހުން ހަމަޖެއްސި ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ރާމޮން ޕްލޭނެސް ބުނެފި އެވެ.


އުމުރުން 13 އަހަރުގައި ބާސެލޯނާއާ ގުޅުނު މެސީ 20 ސީޒަން އެ ޓީމާ އެކު ހޭދަކުރުމަށް ފަހު އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް އަންގާފައިވަނީ އާޖެންޓީނާގައި ހުރެ ފެކުހެއް މެދުވެރިކޮށެވެ. މެސީގެ މި ކުއްލި ނިންމުން ކްލަބްގެ ވެރިންނާއި ސަޕޯޓަރުންނަށްވީ ޝޮކަކަށެވެ. މެސީގެ މި އެދުމާ އެކު ކްލަބުން އަމަލުކުރާނެ ގޮތެއް ކަނޑައަޅަން ކުއްލި ބޯޑު މީޓިން އެއްވެސް ވަނީ ބާއްވައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މެސީ ލައްވައި ކޮންޓްރެކްޓް އާ ކުރެވޭތޯ މަސައްކަތް ކުރުމަށެވެ.

ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި ޕޯޗުގީސް ފޯވާޑް ފްރަންސިސްކޯ ޓްރިންކާއޯ މީޑިއާ އަށް ތައާރަފްކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނެސް ބުނީ މެސީ އާއި ބާސެލޯނާއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި އެ ވާހަކަތައް މީޑިއާގައި ތަފްސީލުކޮށް ދައްކަން ބޭނުންނުވަނީ އެ ދެ ފަރާތަށް އިހުތިރާމްކުރުމުގެ ގޮތުން ކަމަށެވެ.

"އަބަދުވެސް އަހަރެމެން ދެކެނީ މެސީ އަކީ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި،" ޕްލޭނެސް ބުންޏެވެ.

އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ހުރި މެސީ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ގޮތާ މެދު އެ ޓީމުގެ ބޯޑު މެމްބަރުން ހިތްހަމަނުޖެހެ އެވެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގައިވާ މާއްދާއެއްގައި ބުނާ ގޮތުން ކޮންމެ ސީޒަނެއް ނިމުމަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި ހިލޭ ޓްރާންސްފާއެއްގައި އޭނާ އަށް ކްލަބް ބަދަލުކުރުމުގެ އިހުތިޔާރު އޮވެ އެވެ. މި އަހަރު މެސީ ކްލަބް ދޫކޮށްލާނަމަ ޖޫން 10 ވަނަ ދުވަހުގެ ކުރިން އެކަން ކްލަބަށް އަންގަންޖެހޭކަމަށް ބާސެލޯނާ އިން ބުނެ އެވެ. އަދި އެ މުއްދަތުގެ ފަހުން މެސީ ދޫކޮށްލެވޭނީ އޭނާގެ ކޮންޓްރެކްޓްގައިވާ 700 މިލިއަން ޔޫރޯ ދެއްކުމަށް ފަހު ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން އޭރު އަދި ސީޒަން ނުނިމޭތީ އެ ވަގުތު މެސީ އެކަން ކުރެވެން ނެތެވެ. އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މެސީ ދޫކޮށްލަން ދެކޮޅު ހަދާނަމަ އޭނާ އެކަން ގާނޫނީ ޓީމު މެދުވެރިކޮށް ކުރިއަށްގެންދިއުމުގެ ވިސްނުން ގެންގުޅެ އެވެ.

ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ޕްލޭނެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ

އެރިކް އަބިދާލް ވަކިކޮށް ދާދި ފަހުން ސްޕޯޓިން ޑިރެކްޓަރަކަށް ހަމަޖެއްސި ޕްލޭނެސް ބުނީ މެސީ އާއި ބާސެލޯނާއާ ދެމެދު މީޑިއާގައި އަޑުފެތުރިފައިވާ ފަދަ ހިޔާލުތަފާތުވުންތަކެއް ނެތް ކަމަށެވެ.

"މެސީ އަށް އަބަދުވެސް އިހުތިރާމްކުރަން ޖެހޭ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ ވަކި މާއްދާ އަކަށް އަހަރެމެން ނުވިސްނަން. މެސީ އާއި ބާސެލޯނާގެ ގުޅުން މި އޮތީ ކައިވެންޏެއް ފަދަ ގޮތަކަށް. އޭގެ ސަބަބުން ބާސެލޯނާ އާއި މެސީ އަށް ވެސް ގިނަ ފައިދާތަކެއް ކޮށްފި. ސަޕޯޓަރުންނަށް ވެސް އެތަކެއް ފަހަރަކު ހިތްހަމަޖެހުންތަކެއް ގެނުވައިފި. އަހަރެމެން މި އަންނަނީ ކުރެވުނު ގޮތަކުން މަސައްކަތްކުރަމުން މެސީ މަޑުކުރުވަން ބާރުއަޅަމުން. މީގެ މުހިއްމީ މެސީ އާއި ބާސެލޯނާ ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ހައްލެއް އައުން،" ޕްލޭނެސް ބުންޏެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 33 އަހަރުގެ މެސީ ވަނީ ދާދި ފަހުން ބާސެލޯނާ އަށް ހަމަޖެއްސި ކޯޗު ރޮނާލްޑް ކޫމަންއާ މީގެ ދެ ދުވަސް ކުރިން ވާހަކަ ދައްކައިފަ އެވެ. އަދި މެސީ ވަނީ އެ ބައްދަލުވުމުގައި ވެސް ކްލަބް ދޫކޮށްލަން ނިންމާފައިވާކަން ކޫމަން އަށް އަންގައިފަ އެވެ.

އާޖެންޓީނާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާނެ އެވެ. ޕްލޭނެސް ބުނީ އެ ފަދަ އެއްވެސް ވާހަކައެއް މެސީ ބުނެފައިނުވާ ކަމަށާއި ކްލަބުން ޕްރެކްޓިސް ފަށާނީ މެސީ ހިމެނިގެން ކަމަށެވެ.