ހަފްތާއެއްގެ ތެރޭ ތިއާގޯ ވިއްކާލަން ބަޔާނުން ބޭނުން

މިއުނިކް (ސެޕްޓެމްބަރު 1) - ބަޔާން މިއުނިކުގެ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ވިއްކާލަން އެ ކްލަބުން ބޭނުންވާ ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 29 އަހަރުގެ ތިއާގޯ ބަޔާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަަލަށް ހަމަވާއިރު، އޭނާ ވަނީ ކްލަބް ބަދަލު ބޭނުންވާކަން އެ ޓީމަށް ވެސް އަންގައިފަ އެވެ. ބަޔާނުން ތިއާގޯގެ ކޮންޓްރެކްޓް އާ ކުރަން ގިނަ މަސައްކަތްތަކެއްކުރި ނަމަވެސް އޭނާ އެކަމަށް އެއްބަހެއްނުވި އެވެ. އެހެންވެ އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ތިއާގޯ ކްލަބް ބަދަލުކުރުމުގެ ކުރިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާ ވިއްކާލާ ގޮތަށް ނިންމީ އެވެ.

ބްރެޒިލްގެ ފްލަމެންގޯ އާއި ބާސެލޯނާގެ ލަ މާސިއާގައި ޔޫތު ކެރިއަރު ހޭދަކުރި ތިއާގޯ ވިއްކާލަން ބަޔާނުން އެންމެ ފުރަތަމަ ކީ އަގު އުޅެނީ 40 މިލިއަން ޔޫރޯގަ އެވެ. އެކަމަކު ފަހުން އެ އަގު 30 މިލިއަން ޔޫރޯ އަށް ކުޑަކުރި އެވެ. ތިއާގޯ ދެން ގުޅޭނީ އިނގިރޭސި ކްލަބަކާ ކަމަށް ބުނެ ބަޔާނުގެ އޮފިޝަލުން ވަނީ އެ ގައުމުގެ މީޑިއާތަކުގައި ވާހަކަ ދައްކައިފަ އެވެ.

ތިއާގޯ ގަތުމުގެ ރޭހުގައި އެންމެ ކުރީގައި އުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލުންނެވެ. އެކަމަކު ބަޔާނުން ކިޔާ 30 މިލިއަން ޔޫރޯ ދައްކާފައި ތިއާގޯ ގެންދަން ލިވަޕޫލުން އަންނަނީ ދެކޮޅު ހަދަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ލިވަޕޫލުން އެންމެ ބޮޑަށް ވެސް ހުށަހަޅަން ބޭނުންވަނީ 20 މިލިއަން ޔޫރޯ އެވެ. ތިއާގޯ ގަތުމާ މެދު ލިވަޕޫލުން ސީދާ ގޮތެއް ނިންމާނީ އެ ޓީމަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިނީ ވައިނަލްޑަމާ ގުޅޭގޮތުން ގޮތެއް ހަމަޖެހިގެންނެވެ. އަންނަ ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހޯދި ވައިނަލްޑަމް ސްޕެއިނުގެ ބާސެލޯނާ އަށް ބަދަލުވުމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ އިވާން ރަކިޓިޗް ދޫކޮށްލުމަށް ފަހު ވައިނަލްޑަމް ގެންނަން ކޯޗު ރޮނާލްޑް ކޫމަން މަސައްކަތް ފަށާނެ އެވެ.

ބަޔާނުގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ދާދި ފަހުން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ތިއާގޯ އަށް ބިޑެއް އަންނާނެ ކަމަށް ބެލެވޭ ކަމަށާއި ލިވަޕޫލުން ތިއާގޯ ގެންދަން ވާހަކަ ދެއްކި ނަމަވެސް ރަސްމީ ބިޑެއް ނުކުރާ ކަމަށެވެ. އަދި ލިވަޕޫލުން ތިއާގޯ ގަންނަން މަޝްވަރާތައް ކުރިއަށް ނުގެންދާނަމަ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެހެން ކްލަބްތަކަށް ވެސް ތިއާގޯ ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޖަރުމަނުގެ ގިނަ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ ހަފްތާ ތެރޭގައި ތިއާގޯގެ ޑީލް އެއްކޮށް ފައިނަލް ކުރަން ބަޔާނުން އޮތީ ނިންމައިފަ އެވެ.

މީގެ ކުރިން މެންޗެސްޓާ ސިޓީ އާއި އާސެނަލުން ވެސް ތިއާގޯ ހޯދަން ވާހަކަ ދެއްކި އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެންޗެސްޓާ ޔުނައިޓެޑުން ވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ތިއާގޯ ގަތުމުގެ ރޭހަށް ވަންނާނެ އެވެ.

ބާސެލޯނާ ދޫކޮށް ބަޔާނަށް 2013 ވަނަ އަހަރު ބަދަލުވި ތިއާގޯ ވަނީ އެ ޓީމާ އެކު 16 ތަށި އުފުލާލައިފަ އެވެ. މި ސީޒަނު ބަޔާނުން ޖަރުމަނު ލީގާއި ޖަރުމަނު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ތިއާގޯ ވަނީ ޓީމުގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.