ޗެލްސީން ހާވާޓްޒްގެ ސޮއި ހޯދައިފި

ލަންޑަން (ސެޕްޓެމްބަރު 5) - ބަޔާ ލެވަކޫސަނަށް ކުޅެމުން އައި ޖަރުމަނުގެ ޒުވާން ތަރި ކައި ހާވާޓްޒް އިންގްލެންޑްގެ ޗެލްސީ އަށް ސޮއިކޮށްފި އެވެ.


ފަސް އަހަރުގެ އެއްބަސްވުމެއްގައި އުމުރުން 21 އަހަރުގެ ހާވާޓްޒް ޗެލްސީއާ އެކު ސޮއިކުރިއިރު، އޭނާ ގަންނަން އެ ކްލަބުން ވަނީ 71 މިލިއަން ޕައުންޑް (94 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ހާވާޓްޒް ޗެލްސީގައި ދައްކާ ކުޅުމަށް ބެލުމަށް ފަހު ޗެލްސީން އިތުރު 20 މިލިއަން ޕައުންޑް ދައްކަން ވަނީ އެއްބަސްވެފަ އެވެ.

ލެވަކޫސަނުން ހާވާްޓްޒް ޗެލްސީ އަށް ވިއްކާލަން އެންމެ ފުރަތަމަ ކީ އަގު އުޅެނީ 90 މިލިއަން ޕައުންޑްގަ އެވެ. އެކަމަކު ފަހުން އަގު ކުޑަކުރަން އެއްބަސްވި ހާވާޓްޒް އެ ޑީލް ކުރިއަށްގެންދަން ބޭނުންވުމުންނެވެ. ޖަރުމަނު ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ ހާވާޓްޒް ވަނީ ލެވަކޫސަނަށް ކުޅެދިން 118 މެޗުން 36 ގޯލު ޖަހައި 25 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޗެލްސީ ކޯޗުކަމާ މިދިޔަ އަހަރު ލަމްޕާޑް ހަވާލުވިއިރު އެ ޓީމު އޮތީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ދީފައިވާ ސަސްޕެންޝަނެއްގަ އެވެ. ސަސްޕެންޝަނުން ސަލާމަތްވުމާ އެކު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ވަނީ މިހާތަނަށް 200 މިލިއަން ޕައުންޑަށް ވުރެން ގިނައިން ހަރަދުކޮށްފަ އެވެ. ޗެލްސީން ވަނީ ހަތް ކުޅުންތެރިން ގެނެސްފަ އެވެ. އެއީ ހާވާޓްޒްގެ އިތުރުން ހަކީމް ޒިޔެޗް، ޓިމޯ ވާނާ، ބެން ޗިލްވެލް، ތިއާގޯ ސިލްވާ، މަލަންގް ސާ އަދި ޒުވާން ޑިފެންޑަރު ޒަވިއޭ އެމްބުޔަމްބާ އެވެ. މީގެ ތެރެއިން ތިއާގޯ، ސާ އަދި އެމްބުޔަމްގާ ގެނައީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަދި އަންނަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ގޯލްކީޕަރެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. ޗެލްސީން ގެންނަން ބޭނުންވި ކީޕަރުންގެ ތެރެއިން އެތުލެޓިކޯ މެޑްރިޑްގެ ޔެން އޮބްލަކް ލިބެން ނެތުމުން އެ ޓީމުން މިހާރު ވިސްނަމުން އަންނަނީ މި ފަހަރުގެ ޓްރާންސްފާގައި މިހާރުގެ ކީޕަރު ކެޕަ އަރިއްޒަބަލާގާއާ ވާދަކުރަން ރަނގަޅު ކީޕަރެއް ހޯދުމަށެވެ. އެ ގޮތުން ރެނެސްގެ ކީޕަރު އެޑޮއާޑް މެންޑީ ގެންނަން އަންނަނީ ވާހަކަ ދައްކަމުންނެވެ.