ބޮސްނިއާ އިން އިޓަލީގެ މޮޅުވުމުގެ ރެކޯޑަށް ނިމުން ގެނެސްފި

ފްލޮރެންސް (ސެޕްޓެމްބަރު 5) - ބައިނަލްއަގުވާމީ ވާދަވެރި މެޗުތަކުގައި އެންމެ ފަހުން ކުޅުނު 11 މެޗުން މޮޅުވި އިޓަލީ ރޭ އަމިއްލަ ދަނޑުގައި ބޮސްނިއާއާ 1-1 އިން އެއްވަރުވެ މޮޅުވުމުގެ ރެކޯޑަށް ނިމުމެއް އަތުވެއްޖެ އެވެ.


ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިޓަލީ ޔޫރޯ ކޮލިފައިން ގްރޫޕްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި އެވެ. ރޭގެ މެޗުގެ ކުރިން އިޓަލީ އެންމެ ފަހުން ކުޅުނު މެޗަކީ ޔޫރޯ ކޮލިފައިންގައި އާރްމީނިއާ އަތުން 9-1 އިން މޮޅުވި މެޗެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ބޯޅަ ހިފަހައްޓައިގެން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެމުންދިޔައިރު، ގޯލާ ނުރައްކާކޮށް މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އަނެއްކޮޅުން ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިނުވި ނަމަވެސް ދެ ވަނަ ހާފްގެ ކުރީކޮޅުގައި ބޮސްނިއާ އިން ވަނީ ލީޑުނަގައިފަ އެވެ. އިޓަލީ ސިއްސުވާލުމަށް ފަހު މެޗުގެ 57 ވަނަ މިނިޓްގައި ބޮސްނިއާގެ ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އެޑިން ޖެކޯ އެވެ. އޭގެ 10 މިނިޓް ފަހުން އިޓަލީ އަށް އެއްވަރުކޮށްދިނީ ސްޓެފާނޯ ސެންސީ އެވެ. އެ ބޯޅަ ގޯލަށް ވަނީ ބޮސްނިއާގެ ޓޯނީ ސުންޔިޗް ފައިގައި ޖެހިފަ އެވެ.

މެޗާ ބެހޭގޮތުން މަންޗިނީ ބުނީ މޮޅުނުވެވުމުން ހިތްހަމަނުޖެހޭ ކަމަށާއި އެކަމަކު ދިގު މުއްދަތަކަށް މެޗެއް ނުކުޅެ ހުންނަން ޖެހުމުން ކުޅުންތެރިންގެ ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށެވެ.

"ހިތްހަމަޖައްސާލެވެން އޮތީ މިއީ އެއްވަރަކަށްވީމަ. އަސްލު މެޗު ދިޔަ ގޮތުން މިއީ ބަލިވެސް ވެދާނެ މެޗެއް،" މަންޗިނީ ބުންޏެވެ.

މި ގްރޫޕްގެ އަނެއް މެޗުން ރޭ ނެދަލެންޑްސް ވަނީ ޕޮލެންޑް އަތުން 1-0 އިން މޮޅުވެފަ އެވެ. މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮބަޓް ލެވަންޑޯސްކީ ނުލައި ކުޅުނު ޕޮލެންޑަށް މެޗުގައި ލީޑުނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ގޮތުން ކްރިސްޓޮފް ޕިއޮންޓެކް ޖެހި ބޯޅަ ނެދަލެންޑްސް ކީޕަރު ޔެސްޕާ ސިލިސަން ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގައި ނެދަލެންޑްސް އަށް ލީޑުނަގައިދޭން ލޫކް ޑިޔޯން ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބާސެލޯނާ އަށް ބަދަލުވުމުން ރޭގެ މެޗުގައި އެ ޓީމަށް ވަގުތީ ގޮތުން އިރުޝާދު ދިނީ ވަގުތީ ކޯޗު ޑްވައިޓް ލޮޑެވެޔެސް އެވެ. ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގެ ރަނަރަޕަށް ދިޔަ ނެދަލެންޑްސް މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ސްޓީވެން ބާގްވެއިން އެވެ.