ރެގީލޯން ގެންނަން ޔުނައިޓެޑުން ވާހަކަދައްކަނީ

މެންޗެސްޓާ (ސެޕްޓެމްބަރު 6) - މިދިޔަ ސީޒަނުގައި ސެވިއްޔާ އަށް ކުޅުނު ސްޕެއިނުގެ ވާތު ބެކް ސާޖިއޯ ރެގީލޯން ގެންނަން މެންޗެސްޓާ ޔުނައިޓެޑުން ވާހަކަ ދައްކަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި ސެވިއްޔާ އަށް ކުޅެ އެ ޓީމާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ރެގީލޯން ހޯދަން ސެވިއްޔާ އިން މަަސައްކަތްކުރަމުން އަންނައިރު، ޔުނައިޓެޑުން ވެސް މިހާރު ވަނީ އެ ރޭހުގައި ބައިވެރިވެފަ އެވެ. މީގެ ކުރިން ޗެލްސީން ވެސް ވަނީ ރެގީލޯން ގެންނަން ވާހަކަ ދައްކައިފަ އެވެ. އެކަމަކު މަޝްވަރާތައް ކުރިއަށް ނުދިއުމުން އެންމެ ފަހުން ޗެލްސީން ބެން ޗިލްވެލް ގަތީ އެވެ.

ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި އުމުރުން 23 އަހަރުގެ ރެގީލޯން ބޭނުންނަމަ އޭނާ ޔުނައިޓެޑަށް ދޫކޮށްލަން ރެއާލުން އޮތީ ތައްޔާރަށެވެ. ރެއާލްގެ ވިސްނުން ހުރީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނަމަ 10 މިލިއަން ޔޫރޯގެ ލޯން ފީއެއް ދޭ ގޮތަށް ކުރިއަށްދާށެވެ. އަދި ޔުނައިޓެޑުން ބޭނުންވަނީ ރެގީލޯން ގަންނަން ނަމަ 27 މިލިއަން ޕައުންޑްގެ ފީ އަކަށް ޑީލް ކުރިއަށްދާން ރެއާލުން ވެސް ވިސްނަ އެވެ.

އެކަމަކު ހިޔާލުތަފާތުވުންތަކެއް އުފެދުނީ ރެއާލުން ހާއްސަ މާއްދާއެއް ކޮންޓްރެކްޓްގައި ހިމަނަން ޑިމާންޑްކުރާތީ އެވެ. އެއީ ރެގީލޯން ވިއްކާލާ ޑީލުގައި ތިން އަހަރު ފަހުން އޭނާ ބޭނުންނަމަ އަލުން ރެއާލަށް އައުމުގެ އިހުތިޔާރު ލިބޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނާށެވެ. ރިޕޯޓްތައް ބުނާގޮތުން އެ މާއްދާއާ މެދު ޔުނައިޓެޑުން ހިތްހަމަނުޖެހެ އެވެ. ރެއާލުން މީގެ ކުރިން ވަނީ އެ ކަހަލަ ޑީލެއްގެ ދަށުން ޑެނީ ކާވަހާލް ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް ދޫކޮށްލައިފަ އެވެ.

ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވާތު ބެކެއް ބޭނުންވަނީ އެ މަގާމަށް އާންމުކޮށް ކުޅެމުން އަންނަ އިންގްލެންޑްގެ ލޫކް ޝޯގެ އަނިޔާގެ މައްސަލަތައް ގިނަވުމުންނެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ޝޯ އަށް ޔޫރޮޕާ ލީގުގެ ފަހު ބުރުގެ އެއްވެސް މެޗެއްގައި ނުކުޅެވެ އެވެ.

ރެއާލް ޔޫތު ޓީމުން ކެރިއަރު ފެށި ރެގީލޮން މިދިޔަ ސީޒަނުގައި ސެވިއްޔާގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެ ޓީމުން ވެސް އަންނަނީ އިތުރު އެއް ސީޒަނަށް ލޯން އެއްބަސްވުމެއްގެ ދަށުން ނަމަވެސް އޭނާ ގެންނަން މަސައްކަތްކުރަމުންނެވެ. ދާދި ފަހުން ސެވިއްޔާގެ ސްޕޯޓިން ޑިރެކްޓަރު މޮންޗީ ބުނީ ރެގީލޮން ގެންނަން އެންމެ ބޮޑަށް ބާރު އަޅަނީ ސެވިއްޔާގެ ކޯޗަކަށް ހުރި ހުލެން ލޮޕެޓެގީ ކަމަށެވެ. ލޮޕެޓެގީ އަކީ ސްޕެއިނާއި ރެއާލް މެޑްރިޑްގައި ރެގީލޮން އަށް އިރުޝާދުދިން ކޯޗެކެވެ.