ސްޕެއިނުގެ ފާޓީ އަށް ރެކޯޑެއް، ޖަރުމަނަށް އިތުރު އިންތިޒާރެއް

މެޑްރިޑް (ސެޕްޓެމްބަރު 7) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޔޫކްރޭން އަތުން 4-0 އިން ސްޕެއިން މޮޅުވި މެޗުގައި ލަނޑުޖަހައި ޒުވާން ތަރި އަންސޫ ފާޓީ ރެކޯޑެއް ހެދިއިރު، ރަށުން ބޭރުގައި ސްވިޒަލެންޑާ 1-1 އިން އެއްވަރުވެ މި މުބާރާތުގައި މޮޅެއް ހޯދަން ޖަރުމަނުން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.


ސްޕެއިނުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ފުރަތަމަ ދެ ގޯލު ޖަހައިދިނީ ސާޖިއޯ ރާމޯސް އެވެ. ފުރަތަމަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. ސްޕެއިނުގެ ތިން ވަނަ ގޯލު ޖެހީ ފާޓީ އެވެ. އަދި ހަތަރު ވަނަ ގޯލު ޖެހީ ދާދި ފަހުން މެންޗެސްޓާ ސިޓީއާ ގުޅުނު ފެރާން ޓޮރޭޒް އެވެ.

ރޭގެ މެޗުގައި ޖެހި ގޯލާ އެކު ފާޓީ ވެފައިވަނީ ސްޕެއިނުގެ ތާރީހުގައި އެ ޓީމަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗުގައި ލަނޑު ޖެހިއިރު ފާޓީގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ. ސްޕެއިން އަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ކުރިން އޮތީ މީގެ 95 އަހަރުން ކުރިން އުމުރުން 18 އަހަރާއި 344 ދުވަހުގައި ލަނޑުޖެހި ހުއާން އެރަޒްކުއީން އަތުގަ އެވެ.

ގިނީ ބިސާއު އަށް އުފަން ފާޓީ އަށް މިދިޔަ އަހަރު ސްޕެއިން ރަށްވެހިކަންދީ ސްޕެއިން ގައުމީ ޓީމަށް ކުޅުވަން ނިންމީ ބާސެލޯނާގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ފާޓީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު އޭނާވެފައިވަނީ ސްޕެއިން ތާރީހުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ވާދަވެރި މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ފާޓީ އަކީ ޒުވާން ކުޅުންތެރިއެއް ކަމަށާއި މީޑިއާ އިން ވެސް އޭނާ އަށް މާ ބޮޑަށް ޕްރެޝަރު ނުކޮށް ކުރިއަށްދިއުމަށް އެދޭ ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް މާ ބޮޑަށް މީޑިއާގެ ސަމާލުކަން ލިބޭނަމަ ގޯސްތަކެއް ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންވުމުން ކޮންމެ ބައެއް ވެސް އެ ބައެއްގެ ޒިންމާ އަދާކުރުމުގައި ސަމާލުވުން މުހިއްމު ކަމަށް ބުންޏެވެ.

ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ޖަރުމަނަށް މޮޅެއް ނުލިބެ އެވެ. މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ސްޕެއިނާ އެއްވަރުވިއިރު، ރޭ ވެސް މެޗުގެ ލީޑުނަގާފައި ހިފަހައްޓައިނުލެވުނެވެ.

ރޭގެ މެޗުގެ 14 ވަަނަ މިނިޓްގައި އިލްކާއި ގުންޑޮގާންގެ ގޯލުން ޖަރުމަނު ލީޑުނެގި އެވެ. އެކަމަކު އިތުރު ގޯލެއް ޖަހައި ލީޑުފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗުގެ 57 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ސިލްވަން ވިޑްމެއާ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރުމެވެ. ނޭޝަންސް ލީގުގައި ދެން އެންމެ އަވަހަށް ޖަރުމަނު ކުޅޭ މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު ރަށުން ބޭރުގައި ކުޅޭނީ ޔޫކްރޭނާ ދެކޮޅަށެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ރިޔާން ގިގްސްގެ ކޯޗުކަމުގައި ކުޅޭ ވޭލްސް އިން ވަނީ ފަހު ވަގުތު ނެކޯ ވިިލިއަމްސް ޖެހި ގޯލުން 1-0 އިން ބަލްގޭރިއާ ބަލިކޮށްފަ އެވެ. ސާބިއާ އާއި ތުރުކީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ރަޝިއާ ވަނީ ރަށުން ބޭރުގައި 3-2 އިން ހަންގޭރީ ބަލިކޮށްފަ އެވެ.