އަބަދަށްފެހި ބުފޮން ކޮންޓްރެކްޓް އާކޮށްފި

ޓިއުރިން (މޭ 12) - އުމުރުން 38 އަހަރު ވިޔަސް ގޯލްކީޕަރުގެ އަންގި ބާލަކަށް ޔުވެންޓަސްގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބޭނުމެއް ނުވެ އެވެ. އަންނަ މަހު ފްރާންސްގައި ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕުގައި އިޓަލީގެ ގޯލް ބަލަހައްޓަން ތައްޔާރުވަމުން އަންނަ ބުފޮން މިއަދު ވަނީ ޔުވެންޓަސްގައި 2018 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ކޮންޓްރެކްޓް އާކޮށްފަ އެވެ.


"އަހަރެން އުއްމީދުކުރަން ޔުވެންޓަސްއާ އެކު އަހަރެން ހޭދަކުރަމުން އަންނަ އުފާވެރި ދުވަސްތައް އިތުރަށް ދެމިގެން ގޮސް ގިނަ ކާމިޔާބީތައް އަދިވެސް ހޯދޭނެ ކަމަށް،" ޔުވެންޓަސްއާ އެކު ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް، މި ސީޒަނުގައި ލީގު ކާމިޔާބުކުރި ބުފޮން ބުންޏެވެ.

ބުފޮންއާ އެކު، އުމުރުން 35 އަހަރުގެ ޑިފެންޑަރު އަންދްރޭ ބަރްޒާގްލީ ވެސް ވަނީ 2018 ގެ ނިޔަލަށް ކޮންޓްރެކްޓް އާކޮށްފަ އެވެ. އެކަމަކު ޔޫރޯ އަށް ފަހު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ އެވެ. ބުފޮން ބޭނުންވަނީ ގައުމީ ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުމަށް ފަހު ރިޓަޔާކުރާށެވެ. އޭރުން އޭނާގެ އުމުރުން 42 އަހަރު ފުރޭނެ އެވެ. އިޓަލީއާ އެކު 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް އޭރުގެ އެއް ވަނަ ކީޕަރު ޑިނޯ ޒޮފް ކާމިޔާބުކުރި އޭނާގެ އުމުރަކީ ވެސް 42 އަހަރެވެ.

ޕާމާ އިން ދުނިޔޭގެ ރެކޯޑް އަގެއްގައި 2001 ވަނަ އަހަރު ޔުވެންޓަސް އަށް ސޮއިކުރި ބުފޮން ވަނީ އެ ޓީމަށް 579 މެޗު ކުޅެދީފަ އެވެ. މި ސީޒަނުގެ ފަހު މެޗުގައި އޭނާ ޔުވެންޓަސްގެ ޖާޒީގައި މި މަހުގެ 21 ވަނަ ދުވަހުގެރޭ ނުކުންނާނީ އިޓާލިއަން ކަޕުގެ ފައިނަލުގައި ވާދަވެރި އޭސީ މިލާނާ ދެކޮޅަށެވެ.