ޗެލްސީން ހަރަދުކުރާ ގޮތަށް ނުކުރެވޭނެ: ކްލޮޕް

ލިވަޕޫލް (ސެޕްޓެމްބަރު 10) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ގެންނަން ޗެލްސީން ހަރަދުކުރާ ގޮތަށް ލިވަޕޫލުން ކަންތައް ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ތެރެއިން އާ ކުޅުންތެރިން ގަންނަން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑު ހޭދައެއް ކުރީ ޗެލްސީންނެވެ. އެ ގޮތުން ހަތް ކުޅުންތެރިންގެ ސޮއިހޯދިއިރު ޗެލްސީން ވަނީ 200 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަމައެކަނި ގެނައީ ކޮސްޓަސް ސިމިކާސް އެވެ. އެއީ 11.7 މިލިއަން ޕައުންޑަށެވެ. ލިވަޕޫލުން ޓްރާންސްފާ މާކެޓްގައި ހަރަދުކުރަން ދެން ވިސްނަނީ ޓީމުގައި ތިބި ބައެއް ކުޅުންތެރިން ވިއްކައިގެންނެވެ.

ބީބީސީ ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކި ކަންކަމަށް ލިބެމުން އަންނަ ގެއްލުމުގެ އަސަރު ފުޓްބޯޅަ އަށް ވެސް ކުރާ ކަމަށެވެ. އަދި މި ކަމުން އަރައިގަނެ މުސްތަގުބަލާ މެދު ސާފުކޮށް ވިސްނާލަން ފުރުސަތު ލިބިގެން ނޫނީ މާ ބޮޑު ހަރަދެއް ކުރެވެން އޮތް ކަމަށް އޭނާ ނުދެކޭ ކަމަށް ކްލޮޕް ބުންޏެވެ.

ކުރިން މައިންޒާއި ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ބުނީ ބައެއް ކްލަބްތަކަކީ ގައުމުތަކެއްގެ ސިފައިގައި ނޫނީ ވިޔަފާރިއެއްގެ ސިފައިގައި ވަކި މަގުސަދަކަށް ވިސްނައިގެން ހިންގާ ކްލަބްތަކަކަށް ވުމުން ގިނަ ހަރަދުކުރާނެ ކަމަށެވެ. އެކަމަކު އެއީ ލިވަޕޫލުން އަމަލުކުރަން ޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެެމެންގެ ވިސްނުން އެންމެ ރެޔަކުން ބަދަލުކޮށްފައި ނުބުނެވޭނެ ދެން ބޭނުންވަނީ ޗެލްސީ ކުރާ ގޮތަށް ކަންތައްތައް ކުރާށޭ. ތެދެއް އެ މީހުން ވަރަށް ގިނަ ކުޅުންތެރިން ސޮއިކޮށްފި. އެ ވެދާނެ އެޑްވާންޓޭޖަކަށް. އެކަމަކު އެކަން އެހެން ވާން އޮތީ އެ މީހުން ގެންނަ ހުރިހާ ކުޅުންތެރިން ކުއްލިއަކަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް މޮޅަށް ކުޅެގެން. ދުނިޔޭގެ އެންމެ މޮޅަށް ކުޅޭ 11 ކުޅުންތެރިން ގަނެގެން ޖެހިގެން އަންނަ ހަފްތާގައި އެ މީހުން އެންމެ މޮޅު ފުޓްބޯޅަ ކުޅޭނެ ކަމަށް އުއްމީދެއް ނުކުރެވޭނެ،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ޗެލްސީން ކުރާ ގޮތަށް ހަރަދުނުކުރާނެ ކަމަށާއި ލިވަޕޫލަށް އޮތް އެޑްވާންޓޭޖަކީ އެކުގައި ގިނަ ޓްރެއިނިންތަކެއް ކުރި ގްރޫޕެއް އޮތުން ކަމަށާއި ބޭނުންވާ މަގާމަކަށް ކުޅުންތެރިން ހޯދައިގެން ކުރިއަށް ދިއުމުގެ އުސޫލު އޭނާ އަށް މާ ކަމުދާ ކަމަށެވެ.

"އަހަރެމެން މި ވިސްނުމުގައި ޗެމްޕިއަންސް ލީގު ހޯދައިފިން. ޕްރިމިއާ ލީގު ވެސް ހޯދައިފިން. މި ކްލަބް މި ހިންގަނީ ކްލަބްގެ ހިންގަން ޖެހޭ ކުރިމަގަށް ވިސްނައިގެން ކުރިއަށްދެވޭ ތަފާތު ވިސްނުމެއްގައި. ވަކި ބަޔަކު ވަކި ގޮތަކަށް ކަންތައް ކުރުމަކީ އަހަރެމެންގެ ވިސްނުމަށް އަސަރުކުރަންޖެހޭ ކަމެއް ކަމަށް ނުދެކެން،" ކްލޮޕް ބުންޏެވެ.

ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ދެން ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބަޔާން މިއުނިކްގެ ސްޕެއިން މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އެވެ. އަލްކަންޓާރާ ގަންނަން ލިވަޕޫލުން ބޭނުންވަނީ އެ ޓީމުގެ ނެދަލެންޑްސް މިޑްފީލްޑަރު ޖިނީ ވައިނަލްޑަމް ވިއްކާލުމަށް ފަހު އެވެ. ދެން ކުޅުންތެރިން އެކުގައި ބެހެއްޓުމުގެ ވިސްނުން ވެސް ލިވަޕޫލުން ގެންގުޅޭއިރު އެގޮތަށް އެކަން ކުރެވެން އޮތީ ލިވަޕޫލްގެ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ މާކޯ ގްރުޔިޗާއި ހެރީ ވިލްސަން އަދި ރިއާން ބްރޫސްޓާގެ ޓްރާންސްފާތައް ހިނގާ ގޮތަކުންނެެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް)ގެ ޗެމްޕިއަން ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. ލީގުގައި ލިވަޕޫލުން ކުޅޭ ދެ ވަނަ މެޗުގައި މި މަހު 20 ވަނަ ދުވަހު ރަށުން ބޭރުގައި ކުޅޭނީ ޗެލްސީއާ ދެކޮޅަށެވެ.