މެސީގެ ސަސްޕެންޝަން އުވިއްޖެ

ރޮސާރިއޯ (ސެޕްޓެމްބަރު 12) - މިދިޔަ އަހަރު ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ލިއޮނަލް މެސީ އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ އަށް ދީފައިވާ ސަސްޕެޝަންގެ މުއްދަތު ހަމަވެފައިވާ ކަމަށް ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ބުނެފި އެވެ.


އާޖެންޓީނާ އިން މިދިޔަ އަހަރުގެ ކޮޕަ އެމެރިކާގެ ތިން ވަނަ ހޯދި މެޗުގެ 37 ވަނަ މިނިޓްގައި މެސީ އަށް ރަތް ކާޑު ދެއްކީ ޗިލީގެ ގެރީ މެޑެލްއާ ދެމެދު ހިނގާދިޔަ ކަންތައްތަކަކަށް ފަހު އެވެ. އެ މައްސަލައިގައި މެސީ 1500 ޑޮލަރުން ޖޫރިމަނާކޮށް އެއް މެޗަށް ސަސްޕެންޑްކުރި އެވެ. އެ ސަސްޕެންޝަން ގުނަން ހަމަޖެހިފައިވަނީ ރަސްމީ މެޗުތަކުގައި ކަމަށް ނިންމައި މިދިޔަ އަހަރު އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ކުޅުމުގެ ފުރުސަތު މެސީ އަށް ދިނެވެ.

އަންނަ މަހު ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަށަން ނިންމާފައިވާއިރު، އެ މެޗުތަކުގައި މެސީ އަށް ކުޅެވޭތޯ ބެލުމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވަނީ ކޮންމެބޯލަށް ލިޔުއްވައިފަ އެވެ. އޭގެ ޖަވާބުގައި ކޮންމެބޯލް އިން އަންގާފައިވަނީ ޑިސިޕްލިނަރީ ކޯޑުގެ ވަކި މާއްދާތަކަށް ބަލާއިރު މެސީ އަށް ސަސްޕެންޝަން ދިން މުއްދަތުގެ ތެރެއިން އެއް އަހަރު މިހާރު ފާއިތުވެފައި ވުމާ އެކު އެ ސަސްޕެންޝަން މިހާރު ވަނީ އުވިފައި ކަމަށެވެ. އެހެން ކަމުން ކޮލިފައިން މެޗުތަކުގައި މެސީ އަށް ކުޅެވޭނެ އެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގައި އަންނަ މަހު އާޖެންޓީނާ އިން ދެ މެޗެއް ކުޅޭނެ އެވެ. އެއީ އަންނަ މަހު އަށް ވަނަ ދުވަހު އަމިއްލަ ދަނޑުގައި އެކުއެޑޯއާ ކުޅޭ މެޗާއި އޭގެ ފަސް ދުވަސް ފަހުން ރަށުންބޭރުގައި ބޮލިވިއާއާ ބައްދަލުކުރާ މެޗެވެ.

އުމުރުން 33 އަހަރުގެ މެސީ އަށް ވަނީ މިދިޔަ އަހަރުގެ ކޮޕަ އެމެރިކާގައި އިތުރު އަދަބެއް ވެސް ދީފަ އެވެ. އެއީ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާ ހޯސްޓްކުރި ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވި ކަމަށް ބުނެ ތުހުމަތުތަކެއް ކުރުމުންނެވެ. ސެމީ ފައިނަލްގައި ބްރެޒިލް އަތުން އާޖެންޓީނާ ބަލިވި މެޗަށް ފަހު މެސީ ދެއްކި އެ ވާހަކަތަކާ ގުޅިގެން އޭނާ ތިން މަހަށް ސަސްޕެންޑްކޮށް 50،000 ޑޮލަރުން ޖޫރިމަނާކުރި އެވެ.

މި އަހަރު އާޖެންޓީނާ އާއި ކޮލަމްބިއާގައި ބާއްވަން ތާވަލުކުރި ކޮޕަ އެމެރިކާ ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. މުބާރާތް ފަސްކުރަން ނިންމީ ކޮވިޑް-19 ގެ ސަބަބުންނެވެ.