ހިގުއައިން ބެކަމްގެ ޓީމަށް ސޮއިކޮށްފި

މިއާމީ (ސެޕްޓެމްބަރު 12) - ޔުވެންޓަސްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސް އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އެމެރިކާ ލީގުގައި ވާދަކުރާ ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ ކްލަބް އިންޓަ މިއާމީ އަށް ސޮއިކޮށްފި އެވެ.


އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބެކަމް އާއި ވިޔަފާރިވެރިޔާ ޖޯޖް މަސް ހިންގާ އިންޓަ މިއާމީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ބްލައިސް މަޓުއިޑީގެ ސޮއި ވެސް ހޯދައިފަ އެވެ. އޭރު ބެކަމް ވަނީ މުސްތަގުބަލުގައި ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން އިންޓަ މިއާމީ އަށް ގެންނަން ވަރަށް ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ.

އާޖެންޓީނާގެ ގަދަބާރު ރިވަ ޕްލޭޓުން ވިދާލި ހިގުއައިން ސްޕެއިނުގެ ރެއާލް މެޑްރިޑަށް 2007 ވަނަ އަހަރު ޖެނުއަރީ މަހު ބަދަލުވިއިރު، އޭނާ ވަނީ ހަ މަސް ދުވަހު ބެކަމްއާ އެކު ރެއާލަށް ކުޅެފަ އެވެ.

އުމުރުން 32 އަހަރުގެ ހިގުއައިން އިންޓަ މިއާމީއާ ގުޅުނީ ޔުވެންޓަސްގެ އާ ކޯޗު އަންދްރެއާ ޕިރްލޯގެ ޕްލޭނުގައި އޭނާ އަށް ޖާގައެއް ނެތުމުން އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ. ޔުވެންޓަސް އަށް ކުޅުނުއިރު ހިގުއައިން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނާއި އިންގްލެންޑްގެ ޗެލްސީ އަށް ކުޅެފަ އެވެ. ޗެލްސީއާ އެކު ހިގުއައިން ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޔުވެންޓަސް އިން ހިގުއައިން އަށް ގިނަ މެޗުތަކެއްގައި ފުރުސަތު ލިބުނީ އެ ޓީމުގެ ކޯޗަކަށް ކުރިން އޭނާއާ އެކު ދެ ކްލަބެއްގައި މަސައްކަތްކުރި ކޯޗު މައުރީޒިއޯ ސާރީ ހުރުމުންނެވެ. ކުރިން ހިގުއައިން އަށް ސާރީ ކޯޗުކޮށްދިނީ ނަޕޯލީ އާއި ޗެލްސީގައި ހުރެ އެވެ.

އެމެރިކާ ލީގުގައި މި ފަހަރު އަލަށް ވާދަކުރާ އިންޓަ މިއާމީގެ ފެށުން އެންމެ ރަނގަޅެއް ނޫނެވެ. އެ ޓީމު އާ ސީޒަނުގައި ކުޅުނު ފުރަތަމަ 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ހިގުއައިންގެ ބޭބެ ފެޑެރީކޯ ހިގުއައިން ކުޅެމުން އަންނަނީ އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑަށެވެ.

ޔޫރަޕްގައި ހިގުއައިންގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2013 ވަނަ އަހަރު އޭނާ ނަޕޯލީ އަށް ބަދަލުވި ހިސާބުންނެވެ. އެ ފަަހަރު ނަޕޯލީން ހިގުއައިންގެ ސޮއި ހޯދީ އާސެނަލުން ވެސް ފާރަލަމުން އަންނަނިކޮށެވެ. ސާރީގެ ކޯޗުކަމުގައި ނަޕޯލީގައި ހިގުއައިން ވަނީ ލީގުގެ އެއް ސީޒަނެއްގައި 36 ގޯލު ޖަހައި ރަން ބޫޓު ހާސިލްކޮށްފަ އެވެ.