އާސެނަލްގެ އުއްމީދުތައް މަތިވެއްޖެ: އާޓެޓާ

ލަންޑަން (ސެޕްޓެމްބަރު 12) - ފާއިތުވި 10 މަހެއްހާ ދުވަސްތެރޭ އާސެނަލްގައި އޭނާ ކޮށްފައިވާ މަސައްކަތް ރަނގަޅުވުމާ އެކު ކްލަބްގެ ވެރިންނާއި ސަޕޯޓަރުންގެ އިތުރު ކާމިޔާބީތަކަށް އުއްމީދުކުރާ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.


ޑިސެމްބަރު މަހު އާސެނަލާ ހަވާލުވެ އާޓެޓާ ވަނީ އެ ޓީމުގެ ނަތީޖާތައް ރަނގަޅުކޮށް މި ދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައި މި ސީޒަނުގެ ޗެރިޓީ ޝީލްޑް އެ ޓީމަށް ހާސިލްކޮށްދީފަ އެވެ. މިދިޔަ ސީޒަނުގައި އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ އަށް ވަނައިގައި ނިންމާލިއިރު، މިއީ 1995 ވަނަ އަހަރަށް ފަހު އެ ޓީމުން މިހާ ދަށް ހިސާބެއްގައި ލީގު ނިންމާލި ފުރަތަމަ ފަހަރެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މިއަދު ފަށާއިރު، އާޓެޓާ ބުނީ ކޮންމެ އާ އަހަރެއް ވެސް ފަށާނީ އުއްމީދުތަކަކާ އެކީ ކަމަށާއި މި ވަގުތަށް ބަލާއިރު އޭނާ އަށް ކުރިމަތިވެފައި އޮތީ އެހެން ޓީމުތަކާ ހިލާފަށް ތަފާތު ހާލަތެއް ކަމަށެވެ.

"މިދިޔަ ސީޒަން އަހަރެމެން ނިންމާލީ ތަށްޓަކާ އެކު (އެފްއޭ ކަޕް). ދެން މި ސީޒަން މި ފެށީ ވެސް ކާމިޔާބެއް ހާސިލްކޮށްގެން (ޗެރިޓީ ޝީލްޑް). ކޮންމެ ގޮތަކަށް ބެލިޔަސް ގިނަ ބަޔަކު މި ކަންތައްތައް ނަގާނީ ވަރަށް އުއްމީދީ ވިސްނުމެއްގައި. މި ކްލަބްގެ ސަޕޯޓަރުންނާއި ވެރިން ވެސް އިތުރު އުއްމީދުތަކެއް ކުރާނެ. އަހަންނަށް ފެންނަނީ އެ އުއްމީދުތައް މަތިވެފައިވާކަން،" މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށް އާސެނަލާ ހަވާލުވި އާޓެޓާ ބުންޏެވެ.

"އާސެނަލަކީ ތަށި ހޯދަން ޖެހޭ ކްލަބެއް. މި ސީޒަނުގައި ވެސް ތަށި ހޯދަން މަސައްކަތްކުރާނަން."

އާޓެޓާގެ ބުނީ މި ސީޒަނާ ކުރިމަތިލާއިރު އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވުން ކަމަށާއި ކާމިޔާބީ ހޯދަން ބަލާއިރު އެ ޓީމަށް ގެނެވުނު ކުޅުންތެރިންނަކީ ވެސް މިހާރު ހިނގަމުން އަންނަ ޕްރޮޖެކްޓަށް އިތުރު ފުރިހަމަކަމެއް ގެނެވޭނެ ބައެއް ކަމަށެވެ.

"މި ޓީމާ ގުޅޭނެ ކޮންމެ ކުޅުންތެރިއަކީ ވެސް އަހަރެންގެ ވިސްނުމާާ ގުޅޭނެ ކުޅުންތެރިން. އެ ޔަގީންކަން އަހަންނަށް އެބައޮތް،" ކުރިން އާސެނަލްގެ ކެޕްޓަންކަން ވެސް ކުރި އާޓެޓާ ބުންޏެވެ.

އާސެނަލުން ވަނީ ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން އާއި ލިލް އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު ގަބްރިއެލްގެ ސޮއި ހޯދައިފަ އެވެ. އަދި މިދިޔަ ސީޒަނުގައި އާސެނަލަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު ރެއާލް މެޑްރިޑްގެ ޑެނީ ސެބާޔޯސް ވެސް ވަނީ މި އަހަރު ވެސް އާސެނަލަށް ގެނެސްފަ އެވެ. މީގެ އިތުރުން އާސެނަލުން އަންނަނީ ލިޔޯންގެ މިޑްފީލްޑަރު ހުސާމް އޮއާރް ގެންނަން މަސައްކަތްކުރަމުންނެވެ.

އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެ ޓީމާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ހުރިހާ ކަމެއް ނިމިފައިވާއިރު، އެ ޓީމަށް ކުޅޭ ފްރާްންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް ވެސް ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުގައި މަޑުކުރާނެ ކަމަށް އެ ކްލަބުން ބުނެ އެވެ. ލަކަޒޭޓް ހޯދަން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން މަސައްކަތްކުރެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި އާސެނަލް ރަށުން ބޭރުގައި ކުޅޭނީ އަލަށް ޕްރޮމޯޓްވި ފުލަމްއާ ދެކޮޅަށެވެ. ފުލަމްގެ ކްރޭވަން ކޮޓޭޖްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 16:30 ގަ އެވެ.