ސެރީނާ އަށް މި ފަހަރު ވެސް ނާކާމިޔާބު

ނިއުޔޯކް (ސެޕްޓެމްބަރު 12) - ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ވިކްޓޯރިއާ އަޒަރެންކާ އަތުން ބަލިވެ 24 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ރެކޯޑާ ހަމަކުރަން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.


ސެރީނާ ވަނީ މިހާތަނަށް 23 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭނާ މިހާރު އަމާޒު ހިފާފައިވަނީ 24 ގްރޭންޑް ސްލޭމް ހަމަކޮށް އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ މަގަރެޓް ކޯޓް ހަދާފައިވާ ރެކޯޑަކާ ހަމަކުރުމަށެވެ. ސެރިނާ އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރީ 2017 ވަަނަ އަހަރުގެ ކުރީކޮޅުގައި އޮސްޓްރޭލިއަން އޯޕަން އެވެ.

އިއްޔެ ކުޅުނު ސެމި ފައިނަލް މެޗުގައި އަޒަރެންކާގެ މައްޗަށް ފުރަތަމަ ސެޓުގައި ރަނގަޅު ލީޑަކާ އެކު ސެރީނާ ކުރިހޯދި އެވެ. އެކަމަކު ދެ ވަނަ ސެޓުން ފަށައިގެން އަނިޔާގެ މައްސަލަތަކުގެ އިތުރުން ހެދުނު ބައެއް ގޯސްތަކެއްގެ ސަބަބުން މެޗު ގެއްލުނީ އެވެ. މެޗުގެ ސެޓުތައް ދިޔައީ 1-6 6-3 6-3 އިންނެވެ.

"މިކަން (މި މުބާރާތް) ވެސް މިދިޔައީ އެންމެ ފަހުން ވި ގޮތަށް. ވަރަށް ރަނގަޅަށް ވާދަކޮށްފައި އަތުން މިދިޔައީ. އަހަންނަށް ވަރަށް ރަނގަޅަށް ހިތްވަރުކޮށްގެން ކުޅެވުނު ދުވަހެއް މިއީ،" މި މަހު ފަހުކޮޅު 39 ވަނަ އުފަން ދުވަސް ފާހަގަކުރާ ސެރީނާ ބުންޏެވެ.

ސެރީނާގެ ދަރިފުޅު އޮލިމްޕިއާ ޔޫއެސް އޯޕަން މެޗެއް ބަލަން ގޮސް ސްޓޭޑިއަމްގައި.-- ފޮޓޯ: އޭއެފްޕީ

ވިހެއުމަށް ފަހު ކުޅުމަށް އެނބުރި އައި ފަހުން ސެރީނާ ވަނީ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތަކުގެ ތެރެއިން ހަތަރު ފައިނަލަކުން ބަލިވެފަ އެވެ. އެއީ 2018 އާއި 2019 ވަނަ އަހަރުގެ ވިމްބަލްޑަން އާއި ޔޫއެސް އޯޕަން މުބާރާތްތަކުންނެވެ. މިދިޔަ އަހަރުގެ ފައިނަލުން ސެރީނާ ބަލިވީ ކެނަޑާގެ ޒުވާން ކުޅުންތެރިޔާ ބިއަންކާ އަންޑްރީސްކޫ އަތުންނެވެ.

މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން އަކީ ސެރީނާ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހުނު މުބާރާތެކެވެ. އެއީ އެ މުބާރާތުގެ ތިން ވަނަ ބުރުން ކެޓުމުންނެވެ. ސެރީނާ ބަލިވީ އޭރު ދުނިޔޭގެ 27 ވަނައިގައި އޮތް ޗައިނާގެ ވަން ޒިއާން އަތުންނެވެ.

މިރޭގެ ފައިނަލުގައި އަޒަރެންކާ ނުކުންނާނީ ޖަޕާނުގެ ނައޯމީ އޮސާކާއާ ދެކޮޅަށެވެ. މިއީ ފާއިތުވި ހަތް އަހަރުތެރޭ ބެލަރޫސް އަށް އުފަން އަޒަރެންކާ ގްރޭންޑް ސްލޭމް ފައިނަލެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އަނިޔާގެ ސަބަބުންނާއި އާއިލީ މައްސަލަތަކެއްގެ ސަބަބުން އަޒަރެންކާ ފާއިތުވި އަހަރުތަކުގައި ގިނަ މުބާރާތްތަކުގައި ނުކުޅެ އެވެ. އަޒަރެންކާ މީގެ ކުރިން ފައިނަލެއްގައި ކުޅުނީ 2013 ވަނަ އަހަރުގެ ޔޫއެސް އޯޕަންގައި ސެރީނާއާ ދެކޮޅަށެވެ. އެ ފަހަރުގެ ފައިނަލުގައި ސެރީނާ އަތުން ބަލިވިއިރު، މި ފަހަރުގެ ފައިނަލުގެ ކުރިން ސެރީނާ އަތުން ލިބުނު މޮޅާ އެކީ އޭނާގެ ކޮންފިޑެންސް ރަނގަޅުވާނެ އެވެ. އަނެއްކޮޅުން މިއީ ގްރޭންޑް ސްލޭމެއްގައި ސެރީނާ އަތުން އަޒަރެންކާ ހޯދި ފުރަަތަމަ މޮޅެވެ.