ލީޑްސް އަތުން ލިވަޕޫލަށް އުދަނގޫ މޮޅެއް، އާސެނަލް ފޯމުގައި

ލިވަޕޫލް (ސެޕްޓެމްބަރު 13) – އާ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުން އަަލަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑް އަތުން އުނދަގުލުން 4-3 އިން މޮޅުވިިއިރު އާސެނަލްގެ ފުރަތަމަ މެޗުން އަލަށް ޕްރޮމޯޓްވި ފުލަމް އަތުން 3-0 އިން މޮޅުވެއްޖެ އެވެ.


އާޖެންޓީނާގެ މަޝްހޫރު ކޯޗު މާސެލޯ ބިއެލްސާގެ ކޯޗުކަމުގައި ކުޅޭ ލީޑްސް 16 އަހަރަށް ފަހު ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލީޑްސް އަށް ޕޮއިންޓެއް ހައްގު މި މެޗުން ޗެމްޕިއަން ލިވަޕޫލަށް މޮޅުވެވުނީ މިސްރު ފޯވާޑް މުހައްމަދު ސަލާހު ހެޓްރިކް ފުރިހަމަކުރަން ފަހު ވަގުތު ޕެނަލްޓީއަކުން ޖެހި ގޯލުންނެވެ.

ލިވަޕޫލުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ލީޑު ނެގީ ވެސް ސަލާހު ޖެހި ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ސަލާހު ފޮނުވާލި ބޯޅައެއް ލީޑްސްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ލީޑްސްގެ ޖެކް ހެރިސަން ނަތީޖާ ހަމަހަމަކުރި އެވެ.

ލިވަޕޫލަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ 20 ވަނަ މިނެޓުގައި ކޯނަރަކުން އައި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި ވާޖިލް ވެން ޑައިކެވެ. އެކަމަކު އޭނާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 30 ވަނަ މިނެޓުގައި ޕެޓްރިކް ބަމްފޯޑް ވަނީ ލީޑްސް އަށް އަލުން އެއްވަރުކޮށްދިނީ އެވެ. ލިވަޕޫލް ފުރަތަމަ ހާފު ނިންމާނީ އޭގެ ތިން މިނެޓު ފަހުން ސަލާހު ވައްދާލި ގޯލާ އެކު ލީޑުގައި އޮވެ އެވެ.

ލީޑްސް އިން މެޗުގައި ތިން ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ 66 ވަނަ މިނެޓުގައި މަޓެއުޒް ކްލިޗް ވައްދާލީ ހިތްގައިމު ގޯލަކުންނެވެ. އެއާ އެކު މެޗު އެއްވަރުވާނެ ކަމަށް ބެލެވިފައި ވަނިކޮށް ލިވަޕޫލް މޮޅުވީ 88 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން ސަލާހު ވައްދާލި ގޯލުންނެވެ.

"ލީޑްސް އަކީ ހާއްސަ ޓީމެއް. އަހަރެން ކުރިން ވެސް ބުނިން. މެޗުން އެންމެންނަށް އެކަން ފެނުނު،" ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ. "އެ މީހުން ކުޅޭ ގޮތާއި އެ މީހުން ޑިފެންސް ކުރާ ގޮތާއި ޗެލެންޖްސްތަކާ އެ ޓީމުން ކުރިމަތިލާ ގޮތް ވަަރަށް ވަރަށް ރަނގަޅު."

ކްލޮޕް ބުނީ ބުނީ މެޗާ މެދު ހިތްހަމަޖެހޭ ކަމަށާއި އެޓޭކް ވަރަށް ރަނގަޅު ކަމަށެވެ. އެކަމަކު ޑިފެންސިވްލީ ރަނގަޅުކުރެވޭނެ ކަމަށާއި ރަނގަޅުކުރާނެ ކަމަށް ބުންޏެވެ.

މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައި ސީޒަން ނިންމާލައި އަދި ލިވަޕޫލް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށް ރަނގަޅު ފެށުމަކުން ސީޒަން ފެށި އާސެނަލުން ލީގު ވެސް ރޭ ފެށީ އެހާމެ ފުރިހަމަކޮށެވެ.

ރަށުން ބޭރުގައި ފުލަމް އަތުން 3-0 އިން މޮޅުވިއިރު އެންމެ ފާހަގަކުރެވުނީ ޗެލްސީ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި އާސެނަލާ ގުޅުނު ވިލިއަން އެވެ. އާސެނަލްގެ ތިން ގޯލް ޖަހަން މަގުފަހިކޮށްދިނީ ވެސް އޭނާ އެވެ. ގޯލްތައް ޖެހީ އަށް ވަނަ މިނެޓުގައި އެލެކްސެންޑާ ލަކަޒޭ، 49 ވަނަ މިނެޓުގައި ގެބްރިއަލް މާގަޅައެސް އަދި 57 ވަނަ މިނެޓުގައި ކެޕްޓަން ޕިއެރޭ-އެމެރިކް އޯބަމަޔަން އެވެ.

ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އިން ވަނީ ސައުތުހެމްޓަން އަތުން 1-0 އިން މޮޅުވެފަ އެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ނިއުކާސަލް ޔުނައިޓެޑް 2-0 އިން މޮޅުވި އެވެ. މިރޭ އޮންނާނީ 6 ޖަހާއިރު ވެސްޓް ބްރޮމް އާއި ލެސްޓާ ސިޓީ ކުޅޭ މެޗާއި 8:30 ގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި އެވަޓަން ކުޅޭ މެޗެވެ.