ޓޮޓެންހަމް ބަލިކޮށް އަންޗެލޮޓީގެ އެވަޓަނަށް ރަނގަޅު ފެށުމެއް

ލަންޑަން (ސެޕްޓެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްގެ ދަނޑުގައި 1-0 އިން މޮޅުވެ، މަޝްހޫރު ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅޭ އެވަޓަން ފެށުން ރަނގަޅުކޮށްފި އެވެ.


ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން އަންޗެލޮޓީ އެވަޓަން ކޯޗުކަމާ ހަވާލުވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އަންޗެލޮޓީ ހަވާލުވި ފަހުން އެ ޓީމުގެ ކުޅުން ރަނގަޅުވި ނަމަވެސް މިދިޔަ ސީޒަނުގައި އެ ޓީމަށް ދިމާވީ ނަތީޖާ ނެރުމުގެ މައްސަލަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އަންޗެލޮޓީ ބޭނުންވެގެން ގެނައި ހަމޭސް ރޮޑްރިގޭޒާއި އަބްދުﷲ ޑޮކޫރޭ އަދި އެލަން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

"އަހަރެން ބޭނުންވީ ރަނގަޅު ހިސާބަކަށް ދެވޭ ވަރަށް ވާދަކުރެވޭ ޓީމެއް އެކުލަވާލަން. އެކަން ކުރެވިއްޖެ. އެވަޓަންގައި މި އޮތީ އަހަރެން ބޭނުންވާ ފެންވަރުގައި ވާދަކުރެވޭނެ ޓީމެއް މިހާރު،" އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުމަށް ޓާގެޓް ކަނޑައަޅާފައިވާ އަންޗެލޮޓީ ބުންޏެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެވަޓަން އަށް ލީޑުނަގައިދޭން ބްރެޒިލްގެ ފޯވާޑް ރިޗާލިސަން އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ކައިރިން ނައްޓާފައި ގޮސް ވެއްޓިގެންފައި ރިޗާލިސަން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާ ނުވެ ބޭރުންނެވެ. އޭރިއާ ބޭރުން ހަމޭސް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ޓޮޓެންހަމަށް ލީޑުނަގައިދޭން މެޓް ޑޮހަޓީ އާއި ޑެލެ އަލީ ޖެހި ބޯޅަ އެވަޓަންގެ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

އެވަޓަން އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 55 ވަނަ މިނިޓްގައި ޑޮމިނިކް ކާލްވެޓް-ލެވިން އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ލޫކަ ޑީނިއާ ނަގައިިދިން ބޯޅަ ކަލްވެޓް-ލެވިން ވަނީ ހަމަޖެހިލާފައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެވަޓަން ގޯލު ޖެހުމާ އެކު ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އެވަޓަން ހިލޭ ޖެހުން ފޮނުވާލީ ފައުލު ލިބުނު ހިސާބަށް ވުރެން ކުރިއަށް ބޯޅަ ޖައްސައިގެން ކަމަށް ބުނެ ރެފްރީ ގާތުގައި ޝަކުވާ ކޮށްފަ އެވެ.

ބަދަލުތަކެއް ގެނެސްގެން ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. ލީޑުފުޅާކުރަން ކަލްވެޓް-ލެވިން ޖެހި ބޯޅަ ޓޮޓެންހަމް ކީޕަރު ލޮރިސް ވަނީ މަތަކޮށްފަ އެވެ.

ފާއިތުވި އަށް އަހަރު ތެރޭ އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޓޮޓެންހަމް ފުރަތަމަ ފަހަރަށް ބަލިވިއިރު، މެޗަށް ފަހު މޮރީނިއޯ ބުނީ ގިނަ ކުޅުންތެރިންތަކަކަށް ޕްރީ ސީޒަން ތެރޭ ކޮވިޑް-19 ޖެހުމުން ވަރަށް އުނދަގޫވި ކަމަށާއި އެކަމަކު ބަލިވީ އެހެންވެ ކަމަށް ނުބުނާނެ ކަމަށެވެ.

"ބަލިވީ އަހަރެމެން މާ ފަރުވާ ކުޑަކުރީމާ. އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ނަތީޖާ މިއީ. ދެން އޮތް މެޗުގައި ރަނގަޅުކުރަން ޖެހޭ،" މޮރީނިއޯ ބުންޏެވެ.

ރޭ އަލަށް ޕްރޮމޯޓްވި ވެސްޓް ބްރޮމް އަތުން ލެސްޓާ ސިޓީ ވަނީ 3-0 އިން މޮޅުވެފަ އެވެ. ލެސްޓާ އަށް ލީޑުނަގައިިދިނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ބެލްޖިއަމްގެ ފުލްބެކް ޓިމޮތީ ކަސްޓާނިއޭ އެވެ. އަނެއް ދެ ގޯލު ޖެހީ ދެ ޕެނަލްޓީން ޖޭމީ ވާޑީ އެވެ.