ޗެލްސީ މޮޅަކުން ފެށިއިރު ލަމްޕާޑްގެ އަމާޒު ލީގަށް

ބްރައިޓަން (ސެޕްޓެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގެ މި ފަހަރުގެ ސީޒަނަށް ބޮޑު ހަރަދުތަކެއް ކޮށްގެން ތައްޔާރުވި ޗެލްސީ ކުޅުނު ފުރަތަމަ މެޗުން ރޭ 3-1 އިން ބްރައިޓަން އަތުން މޮޅުވިިއިރު އަމާޒަކީ މި ފަހަރު ލީގަށް ވާދަކުރުން ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.


މިދިޔަ ސީޒަނުގައި ޗެލްސީ ލީގުގެ ހަތަރެއްގައި ނިންމާލީ ޗެމްޕިއަންކަން ހޯދި ލިވަޕޫލަށް ވުރެ 33 ޕޮއިންޓް މަދުން ހޯދައިގެންނެވެ. މި ފަހަރުގެ ސީޒަނަށް ޓީމު ތައްޔާރުކުރުމުގެ ގޮތުން 200 މިލިއަން ޕައުންޑަށް ވުރެ އިތުރަށް ހަރަދުކުރި ޗެލްސީ ލީގާ ކުރިމަތިލީ ބޮޑެތި އުއްމީދުތަކަކާ އެކީ ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ.

"ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަކުރަން އަހަރެމެން ފުރަތަމަ ވިސްނާނީ. ފަހަރުގައި މިއީ ވަރަށް ބޮޑު ކަމަކަށް ވެދާނެ. އެކަމަކު އަހަރެމެއްގެ އުއްމީދެއް އެއީ ލީގަށް ވާދަކުރުން ވެސް. އެއީ މި ވަރަށް ތައްޔާރުވެފައި އެހާ އާދައިގެ ވިސްނުމެއް ހުރެގެން ނުވާނެ،" މިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވި ލަމްޕާޑް ބުންޏެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޗެލްސީން ނުކުތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ޖަރުމަނުގެ ދެ ކުޅުންތެރިން ކަމަށްވާ ޓިމޯ ވާނާ އާއި ކާއި ހަވާޓްޒް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ޗެލްސީން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގަައި ރޭގެ ކެޕްޓަން ޖޯޖީނިއޯ ޖެހި ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އަކީ ވާނާ އަށް ބްރައިޓަންގެ އޮސްޓްރޭލިއާ ކީޕަރު މެޓް ރަޔާން ކުރި ފައުަލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު ލަމްޕާޑް (ކ) އާއި ކީޕަރު ކެޕާ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ބްރައިޓަން އިން ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފެށިތާ 10 މިނިޓް ތެރޭ ބެލްޖިއަމްގެ ވިންގް ލެއަަންޑްރޯ ޓްރޮސާޑް އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން ޖެހި ގޯލުން ބްރައިޓަން އިން ނަތީޖާ ހަމަހަމަކުރި އެވެ. އެ ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ގޯލްކީޕަރު ސްޕެއިނުގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އަތްދަށުން ގޮހެވެ.

ބްރައިޓަން އިން އެއްވަރުކުރިތާ ދެ މިނިޓް ތެރޭ ޗެލްސީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ޒުވާން ޑިފެންޑަރު ރީސް ޖޭމްސް ޖެހި ގޯލުންނެވެ. އޭރިއާ ބޭރުން ޖޭމްސް ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ބްރައިޓަން އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދޭން އެ ޓީމުގެ ކެޕްޓަން ލެވިސް ޑަންކަށް މުޅިން ހުސްކޮށް ބޮލުން ޖަހަން ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.

ޗެލްސީގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 66 ވަނަ މިނިޓްގައި ކާޓް ޒޫމާ އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ އަށް ލިބުމުން އޭނާ ޖެހި ބޯޅަ ގޮލަށް ވަނީ ބްރައިޓަންގެ ޑިފެންޑަރު އެޑަމް ވެބްސްޓާ ފައިގައި ޖެހިފަ އެވެ.

ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ ބަލިވި ކަމުގައި ވިޔަސް މެޗުގައި އޭނާގެ ޓީމުން ދެއްކީ ވަރަށް އުއްމީދީ ކުޅުމެއް ކަމަށެވެ. އަދި މެޗުގެ ނަތީޖާއާ މެދު އެކަނި ވިސްނައިގެން މާޔޫސްނުވާނެ ކަމަށާއި ބޭނުންވަނީ މި މެޗުގައި ދެއްކި ކުޅުން ފުުރިހަމަކޮށް ކުރިއަށް ހުރި މެޗުތަކުން ޕޮއިންޓް ހޯދުމަށް ކަމަށެވެ.

ރޭގެ މޮޅާ އެކު ޗެލްސީން ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި 2000 ވަނަ މޮޅު ހަމަކޮށްފަ އެވެ. އެ ޓީމަކީ އެ އަދަދަށް މެޗުން މޮޅުވި ތިން ވަނަ ޓީމެވެ. އަނެއް ދެ ޓީމަކީ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލެވެ. ޗެލްސީގެ ކޯޗުކަމާ މިދިޔަ ސީޒަނުގައި ލަމްޕާޑް ހަވާލުވި ފަހުން ލީގުގައި ރަށުންބޭރު ކުޅުނު މެޗުތަކުން އެންމެ ގިނަ ގޯލު ޖެހީ ޗެލްސީންނެވެ. އެ ޓީމުން ވަނީ 20 މެޗުން 42 ގޯލު ޖަހައިފަ އެވެ.