ކުލިބާލީ ޑީލު ލަސްވާތީ ސިޓީން ހިމެނޭޒަށް ފާރަލަނީ

މެންޗެސްޓާ (ސެޕްޓެމްބަރު 15) - ނަޕޯލީގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ ގަންނަން މެންޗެސްޓާ ސިޓީން ކުރާ މަސައްކަތުގައި އަލިމަގެއް ނުފެނި ދިގުލައިދާތީ އެ ޓީމުން އެތުލެޓިކޯ މެޑްރިޑްގެ ހޯސޭ ހިމެނޭޒަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސިޓީން ވަނީ 40 މިލިއަން ޕައުންޑް ހޭދަކޮށް ބޯންމައުތުގެ ޑިފެންޑަރު ނޭތަން އަކޭގެ ސޮއި ހޯދައިފަ އެވެ. އަންނަ މަހު ފަަހެއްގައި ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ސިޓީގެ ކޯޗު އިތުރު އެއް ޑިފެންޑަރު ގެންނަން ބޭނުންވާއިރު އެ ޓީމުގެ އެއް ވަނަ ޓާގެޓަކީ އުމުރުން 29 އަހަރުގެ ކުލިބާލީ އެވެ.

ނަޕޯލީގެ ވެރިޔާ އޯރެލިއޯ ޑި ލޯރެންޓިސް މި މަހު ކުރީކޮޅުގައި އިޓަލީގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ކުލިބާލީ ގަންނަން ސިޓީން އެ ކްލަބާ އެކު މަޝްވަރާނުކުރާ ކަމަށާއި އެ ޑީލްގެ ހުރިހާ ވާހަކަތަކެއް ސިޓީގެ ފަރާތުން ވެސް ހުށަހަޅަނީ ކުލިބާލީގެ އޭޖެންޓް ކަމަށެވެ. މި ޑީލް ކުރިއަށް ގެންދެވޭނީ ދެ ކްލަބް ވާހަކަ ދައްކައިގެން ކަމަށާއި އެ ނޫން ގޮތަކު އަލިމަގެއް ފެންނަން ނެތް ކަމަށް ލޯރެންޓިސް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީން ނަޕޯލީއާ އެކު މަޝްވަރާކުރަން ބޭނުންނުވަނީ މީގެ ދެ އަހަރު ކުރިން ޖޯޖީނިއޯގެ ޑީލް ހިނގާދިޔަ ގޮތުންނެވެ. ސިޓީ އަށް ބަދަލުވާން ޖޯޖީނިއޯ ހުރިހާ ކަމެއް ނިންމާފައިވަނިކޮށް ފަހު ވަގުތު ޖޯޖީނިއޯ ޗެލްސީ އަށް ސޮއިކުރުމުގައި ނަޕޯލީގެ ދައުރު އޮތް ކަމަށް ސިޓީން ތުހުމަތުކުރެ އެވެ. ޖޯޖީނިއޯ އޭރު ބުނީ ސިޓީ އަށް ނުގޮސް ޗެލްސީ އަށް ބަދަލުވީ އޭރު ޗެލްސީގެ ކޯޗަކަށް ހުރި މައުރީޒިއޯ ސާރީއާ އެކު މަސައްކަތްކުރަން ބޭނުންވާތީ އެވެ.

ކުލިބާލީ ޑީލުގައި ދެން އެއްބަސްނުވެވި އޮތީ ޓްރާންސްފާ ފީއަކާ މެދު އެވެ. ނަޕޯލީން ކުލިބާލީ ވިއްކާލަން ކިޔަނީ 100 މިލިއަން ޔޫރޯ އަށް ވުރެ އަގުބޮޑުކޮށެވެ. ސިޓީން އެންމެ މައްޗަށް ވެސް ދޭން ބޭނުންވަނީ 80 މިލިއަން ޔޫރޯ އެވެ. ކުލިބާލީ ޑީލުގައި ކުރިއަށްދެވޭނެ މަގެއް ނުފެނި ލަސްވާތީ ސިޓީން އެހެން ޑިފެންޑަރުންނަށް ވެސް އަންނަނީ ފާރަލަމުންނެވެ.

ސިޓީން މިހާރު ވިސްނަމުން އަންނަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ވެސް ވާހަކަ ދެއްކި އުރުގުއޭ ޑިފެންޑަރު ހިމެނޭޒް ގެންނާށެވެ. އުމުރުން 25 އަހަރުގެ ޑިފެންޑަރު ހިމެނޭޒް ވިއްކާލަން އެތުލެޓިކޯ އިން ކިޔާ އަގު އުޅެނީ 100 މިލިއަން ޔޫރޯ އަށް ވުރެ މަތީގަ އެވެ. އެކަމަކު ސިޓީން ކުޅުންތެރިއަކާ އެކު 80 މިލިއަން ޔޫރޯ ހުށަހަޅައިގެން އެ ޑީލް ކުރިއަށްގެންދެވިދާނެ އެވެ. އެ ގޮތުން ސިޓީން އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ މި ޑީލްގެ ތެރެއިން އެތުލެޓިކޯ އަށް ދޫކޮށްލުމުގެ ވިސްނުން ގެންގުޅެ އެވެ.