ލީގުގެ ފުރަތަމަ މެޗު ހަޒާޑަށް ގެއްލޭނެ: ރިޕޯޓް

މެޑްރިޑް (ސެޕްޓެމްބަރު 15) - ސްޕެނިޝް ލީގުގެ އާ ސީޒަނުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅޭ ފުރަތަމަ މެޗު އެ ޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް ގެއްލޭނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އަނިޔާގެ ސަބަބުން އުމުރުން 29 އަހަރުގެ ހަޒާޑަށް މިދިޔަ ސީޒަނުގައި ވެސް ގިނަ މެޗުތަކެއް ގެއްލުނުއިރު، ކުޅުނު 22 މެޗުގައި ޖެހުނީ އެންމެ ގޯލެކެވެ. ރެއާލްގެ ޕްރީ ސީޒަނާ ގުޅުމަށް ފަހު ހަޒާޑް ވަނީ ބެލްޖިއަމް ގައުމީ ޓީމުން ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗުގެ ސްކޮޑުގައި ހިމެނިގެން ގައުމީ ޓީމާ އެކު ގޮސްފަ އެވެ. އެކަމަކު ބެލްޖިއަމުން ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗުގައި ހަޒާޑް ބޭނުމެއް ނުކުރެ އެވެ. ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުނީ ހަޒާޑް ފިޓެއް ނޫން ކަމަށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެއްކޮށް ފިޓް ނޫން އިރު ހަޒާޑް ގައުމީ ޓީމާ އެކު ދިއުމުން ރެއާލް މެޑިކަލް ޓީމުން ހިތްހަމައެއް ނުޖެހެ އެވެ. ގައުމީ ޓީމާ އެކު ނުގޮސް ރެއާލްގައި ހުރެ އޭނާގެ ފިޓްނަސް ރަނގަޅުކުރަން މަސައްކަތްކުރަން ކްލަބުން އޮތީ އެދިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލްގެ ކޯޗު ޒިނެދިން ޒިދާންގެ ވިސްނުން ހުރީ ލީގުގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑަށް ހަޒާޑް ނުނަގައި އޭނާ ފިޓްވާން ފުރުސަތު ދޭށެވެ.

މިދިޔަ ސީޒަނުގައި ހަޒާޑަށް އެންމެ ބޮޑަށް ދިމާވީ ފައިގެ ކުޑަހުޅުގެ އަނިޔާގެ މައްސަލަތަކެވެ. އަނިޔާގެ ސަބަބުން ހަޒާޑަށް ޖެނުއަރީ މަހު ސައުދީ އަރަބިއްޔާގައި އޮތް ސްޕެއިނުގެ ސުޕަ ކަޕްގައި ނުކުޅެވުނުއިރު، ލީގުގައި މުހިއްމު ގިނަ މެޗުތަކެއް ގެއްލުނެވެ.

ޗެލްސީ ދޫކޮށް މިދިޔަ އަހަރު ބޮޑު ޓްރާންސްފާ ފީ އަކަށް ރެއާލާ ގުޅުނު ހަޒާޑްގެ ކުޅުން އަސްލު ކުޅުން އެ ޓީމުގައި ނުދެއްކޭއިރު، އޭނާގެ ފަރާތުން ފެންނަ ބައެއް ކަންތައްތަކަށް މީޑިއާ އިން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ ގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ ޕްރީ ސީޒަނަށް ޓީމާ ގުޅުނުއިރު ހަޒާޑްގެ ބަރުދަން ހުރީ އާންމުކޮށް ހުންނަން ޖެހޭ ވަރަށް ވުރެ މަތީގައި ކަމަށް ބުނެ މީޑިއާގައި ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވުނެވެ.