ކޮވިޑް-19: ފުޓްބޯޅަ އަށް 11 ބިލިއަން ޑޮލަރުގެ ގެއްލުމެއް!

ޒިއުރިކް (ސެޕްޓެމްބަރު 17) - ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ ފުޓްބޯޅަ އާމްދަނީ އަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށާއި ލިބޭ ގެއްލުމުގެ އަދަދު 11 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ބުނެފި އެވެ.


ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގެ ގޮތުން ފީފާ އިން ވަނީ 150 އަށް ވުރެ ގިނަ މެމްބަރު ގައުމުތަކަށް 1.5 ބިލިއަން ޑޮލަރުގެ ލޯން އެހީ ދީފަ އެވެ. އެއީ ފީފާ އިން ކޮވިޑާ ގުޅިގެން ކަނޑައެޅި ރިލީފް ފަންޑުން ދިން އެހީ އެކެވެ.

ފީފާގެ ކޮރޯނާވައިރަސް ސްޓިއަރިން ކޮމިޓީގެ ޗެއާމަން އޮލީ ރެއިން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ޝެޑިއުލްތައް އަވަސް އަރުވާލައިގެން ރާވަން ޖެހުމުންނާއި ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހި ފުޓްބޯޅައިގެ ޓީވީ ރައިޓްސް ޑީލްތަކުގެ އަގު ދަށްވުމާ އެކު އެކި ގޮތްގޮތުން ލިބޭ ގެއްލުން އިތުރުވެފައިވާ ކަމަށެވެ.

"އެގާރަ ބިލިއަނަކީ ވަރަށް ބޮޑު އަދަދެއް. އެ އަދަދަކީ މުޅި ދުނިޔޭގައި ޔޫތު އެކެޑަމީތައް އެންމެ މަތީ ފަންތީ ލެވެލްގައި ވެސް ހިންގޭނެހާ ފައިސާ،" ފީފާ ގަވަރްނަންސް ކޮމިޓީގެ ޑެޕިއުޓީ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން އަންނަ ރެއިން ވިދާޅުވި އެވެ.

ފިންލެންޑްގެ ސިޔާސީ ދާއިރާގައި ވެސް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ރެއިން ވިދާޅުވީ އަންނަ އަހަރު ވެސް މި ގެއްލުމުގެ އަސަރުތައް ފުޓްބޯޅަ އަށް ކުރާނެ ކަމަށާއި އެހެންކަމަށްވުމާ އެކު ފީފާގެ އެހީގައި މެމްބަރު އެސޯސިއޭޝަންތަކުން ކުރާ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާ އެކު ކުރިން މުހިއްމު ކަމަށެވެ.

"މި ދިގުދެމިގެންދާނެ މުއްދަތެއް ނޭނގޭތީ އަހަރެމެން ކޮވިޑް ރިލީފް ފަންޑަކީ ވަކި ވަގުތަކަށް އޮތް ކަމަކަށް ނުނިންމާ މި ތިބީ. ކޮންމެ ގައުމަކަށް ވެސް އެބައޮތް މާލީ ހާލަތު ދަށްވެއްޖެނަމަ ލޯނަށް އެދުމުގެ ފުރުސަތު. އެކަމަކު ލޯނަށް އެދެން ޖެހޭނީ އެ ނޫން ގޮތެއް ނެތިއްޖެނަމަ،" ރެއިން ވިދާޅުވި އެވެ.

ފީފާ އިން މިހާރު ހަމަޖައްސާފައިވާ ލޯން ޕެކޭޖްތަކަށް ބަލާއިރު މެމްބަރު އެސޯސިއޭޝަނަކަށް އެއް މިލިއަން ޑޮލަރުގެ ލޯނަކަށް އެދެވޭނެ އެވެ. އަދި ކޮންފެޑެރޭޝަނެއް ނަމަ ދެ މިލިއަން ޑޮލަރުގެ ލޯނަކަށް އެދުމުގެ ފުރުސަތު އެބައޮތެވެ. އަދި އަންހެން ފުޓްބޯޅަ ކުރިއަރުވަން 500،000 ޑޮލަރަށް އެދެވޭނެ އެވެ.

"ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދޭނަން. އަހަރެމެން ލޯން ދޭނީ ވަކި އުސޫލުތަކެއް ބަލާފައި. ލޯން ދޭނީ ވަކި ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ގޮތަށް. މި ފައިސާ އަށް ވާ ގޮތް ބަލަން އަހަރެމެން ވަރަށް ފާރަވެރިވާނަން،" ރެއިން ވިދާޅުވި އެވެ.

ކޮވިޑް-19ގެ ފަންޑުން އެހީ ހޯދައިގެން އެކި ގައުމުތަކުން ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ތައިލެންޑުން ވަނީ އަލުން އެ ގައުމުގެ ލީގު ފަށައި ފުޓްބޯޅަ އެސޯސިއޭޝަންގެ އެހީގައި ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ އިތުރުން އެ ގައުމުގެ ލީގުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުން ކުރަން ފަށައިފަ އެވެ.

މެކްސިކޯ އަށް ލިބުނު 1.5 މިލިއަން ޑޮލަރުގެ ބޭނުންހިފައި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ ފައިސާ އެއްކޮށް އަންހެން ފުޓްބޯޅަ ތަރައްގީކުރަން ބޭނުންކުރަން ނިންމައިފަ އެވެ. ބްރެޒިލުން ވެސް ފީފާގެ ލޯން އެހީ ބޭނުންކުރީ އަންހެން ފުޓްބޯޅަ އަށެވެ. އުރުގުއޭ އިން ވަނީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް އިތުރު މުވައްޒަފުން ނަގައި ފުޓްބޯޅަ މުޅި ގައުމަށް ވީ އެންމެ ފުޅާކޮށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދައިފަ އެވެ.

ރެއިން ވިދާޅުވީ ވަކިވަކި ބައްރުތަކަށް ބަލާއިރު އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވީ ޔޫރަޕްގެ ގައުމުތަކަށް ކަމަށެވެ. އަދި ޔޫރަޕުން ލޯން އެހީ ނެގި ގައުމުތަކުން ބޮޑު އިންވެސްޓެއް ކުރީ އެ ގައުމުތަކުގެ ފުޓްބޯޅަ ލީގުތަކަށް ކަމަށް ބުނެފައިވެ އެވެ.

މިދިޔަ މަހު ޔޫރަޕްގެ ކްލަބް އެސޯސިއޭޝަން (އީސީއޭ) ޗެއާމަން ޔުވެންޓަސްގެ އަންދްރެއާ އަގްނެއްލީ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން މިހާތަނަށް ލިބުނު ގެއްލުމުގެ އަދަދު ވެސް ބިލިއަނަކަށް އަރާނެ ކަމަށާއި އަންދާޒާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެ އަހަރު ތެރޭ އިތުރު ދެ ބިލިއަން ޑޮލަރުގެ ގެއްލުމަކާ ޔޫރަޕްގެ ކްލަބްތަކުން ކުރިމަތިލާން ޖެހުމުގެ ބިރު އެބައޮތް ކަމަށެވެ.