ތިއާގޯ ލިވަޕޫލަށް، ބޭލް އެނބުރި ޓޮޓެންހަމް އަށް

މިއުނިކް (ސެޕްޓެމްބަރު 17) - ބަޔާން މިއުނިކްގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލަށް ބަދަލުވުމާ ގާތަށް ޖެހިލިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން އެ ޓީމަށް ކުރިން ކުޅުނު މިހާރު ރެއާލް މެޑްރިޑްގެ ވިންގް ގަރެތު ބޭލް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް އެވެ.


އުމުރުން 29 އަހަރުގެ ތިއާގޯ ބަޔާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަަލަށް ހަމަވާއިރު، އޭނާ ވަނީ ކްލަބް ބަދަލު ބޭނުންވާކަން އެ ޓީމަށް ވެސް އަންގައިފަ އެވެ. ބަޔާނާ އެކު މިދިޔަ ސީޒަނުގެ ތިން ތަށި އުފުލާލި ތިއާގޯ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ތިއާގޯ ބޭނުންވަނީ ލިވަޕޫލަށް ބަދަލުވެ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޮޕާ އެކު މަސައްކަތްކުރުމަށް ކަމަށްވާތީ ޔުނައިޓެޑް ރޭހުން ބޭރުވީ އެވެ.

ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވިދާޅުވީ އެ ޓީމުން އާ އެއްބަސްވުމެއް ހުށަހަޅަން ތައްޔާރުވެފައިވަނިކޮށް ތިއާގޯ ކްލަބް ބަދަލުކުރަން ބޭނުންވުމުން އެ ފުރުސަތު ދިނީ ކަމަށެވެ. އަދި ލިވަޕޫލާ އެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ރުމެނިގާ ވަނީ ޖަރުމަނު މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ. ބަޔާންގެ ކޯޗު ހަންސީ ފްލިކް ވަނީ ލިވަޕޫލުން ތިއާގޯ ގެންދާތީ އެ ކަމަށް އެ ޓީމުގެ ކޯޗު ކްލޮޕަށް މަރުހަބާ ކިޔައިފަ އެވެ.

ލިވަޕޫލަން ތިއާގޯ ވިއްކާލަން ބަޔާނުން އެއްބަސްވީ 20 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. އަދި ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ އިތުރުން ހަތް މިލިއަން ޕައުންޑް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ކުރިން ބާސެލޯނާ އަށް ވެސް ކުޅުނު ތިއާގޯއާ އެކު ލިވަޕޫލުން ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ.

ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 86 މިލިއަން ޕައުންޑް ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު ރެއާލްގެ ކޯޗުކަމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން ބޭލް އަށް އެ ޓީމުން ކުޅުމުގެ ފުރުސަތު ލިބޭ ވަރު އަންނަނީ މަދުވަމުންނެވެ.

ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ދާދި ފަހުން ބުނީ ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ޓޮޓެންހަމަށް ބަދަލުވުމުގެ މަޝްވަރާތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޓޮޓެންހަމުން ވަނީ ރެއާލުން ބޭނުންވާ ލޯން ފީ ދައްކަން އެއްބަސްވެފަ އެވެ. އަދި ލޯން އެއްބަސްވުމުގެ ދަށުން ބޭލްގެ މުސާރައިގެ އެއް ބައި ދައްކާނީ ރެއާލުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޓޮޓެންހަމުން އަންނަނީ ލޯން ފީ ނުލައި މި ޑީލް ކުރިއަށް ގެންދިއުމުގެ ގޮތުން އެ ޓީމުގެ ޑެލޭ އަލީ ރެއާލަށް ލޯނަކަށް ދޫކޮށްލަން މަސައްކަތްކުރަމުންނެވެ.

ބޭލް ގެނައުމުގެ މަޝްވަރާތައް މެންޗެސްޓާ ޔުނައިޓެޑުން ކުރި ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އޭނާގެ އޭޖެންޓް ބާނެޓް އެ ވާހަކަތައް ދޮގުކުރެ އެވެ. އެކަމަކު ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާގައި ގެންނަން މަސައްކަތްކުރި ސްޕެއިނުގެ ވާތު ބެކް ސާޖިއޯ ރެގީލޯން ވަނީ މިހާރު ޓޮޓެންހަމާ ގުޅެން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ރެގީލޯން ނުގެނައީ އެ ޑީލުގައި ތިން އަހަރު ފަހުން އޭނާ ބޭނުންނަމަ އަލުން ރެއާލަށް އައުމުގެ އިހުތިޔާރު ލިބޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނަން އެއްބަސްނުވެވުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގައި ސެވިއްޔާ އަށް މޮޅު ކުޅުމެއް ދެއްކި ރެގީލޯން ޓޮޓެންހަމާ ގުޅޭ އެއްބަސްވުމުގައި އޭނާ ނޫނީ ރެއާލުން ބޭނުންނަމަ ވަކި ކަންތައްތަކެއް ފުރިހަމަކޮށް އަލުން ރެއާލާ ގުޅުމުގެ އިހުތިޔާރު ލިބޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނަން ވަނީ ނިންމައިފަ އެވެ.