ޓޮޓެންހަމާ އެކު ބޭލްގެ އަމާޒު ތަށި ހޯދުން

ލަންޑަން (ސެޕްޓެމްބަރު 20) - ހަތް އަހަރު ފަހުން އެނބުރި ޓޮޓެންހަމް ހޮޓްސްޕާސް އަށް އާދެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ބޭނުންވަނީ އެ ޓީމާއެކު ތަށިތަކެއް ހޯދަން ކަމަށް ވޭލްސްގެ ތަރި ގަރެތު ބޭލް ބުނެފި އެވެ.


ސައުތެމްޓަން ދޫކޮށް 2007 ވަނަ އަހަރު ބޭލް ޓޮޓެންހަމަށް ބަދަލުވީ 10 މިލިއަން ޕައުންޑަށެވެ. ޓޮޓެންހަމްގައި ހޭދަކުރި ހަ އަހަރު ބޭލް ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދިއިރު، އޭނާ އަށް އެ ޓީމަށް ކާމިޔާބެއް ހޯދައިނުދެވުނެވެ. ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 86 މިލިއަން ޕައުންޑަށް ރެއާލަށް ބަދަލުވުމަށް ފަހު ބޭލް ވަނީ އެ ޓީމާ އެކު ހަތަރު ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ކާމިޔާބުކޮށްފަ އެވެ.

އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް މި ފަހަރު ޓޮޓެންހަމާ ގުޅުނުއިރު އެންމެ ބޮޑު އުއްމީދަކީ އެ ޓީމާ އެކު ކާމިޔާބީ ތަކެއް ހޯދުމެވެ.

"އަހަރެން މި ޓީމު ދޫކޮށްލިއިރު ވެސް އޮތް އުއްމީދެއް އެނބުރި އާދެވޭނެ ކަމުގެ. އަހަރެން މި ހުރީ މި ކްލަބުން ތަށްޓެއް ހޯދަން ކުރާ އިންތިޒާރަށް ނިމުމެއް ގެނެސްދިނުމުގެ އަޒުމުގައި. ކުރިން ވެސް އެއީ އަހަންނަށް ނުވެ އޮތް ކަމެއް. މިހާރު އަހަންނަށް ކާމިޔާބީ ހޯދާ ވަރަށް މަސައްކަތް ކުރެވޭނެ،" އުމުރުން 31 އަހަރުގެ ބޭލް ބުންޏެވެ.

"މެޑްރިޑަށް ގޮސް ތަށިތަކެއް ހޯދައި ގައުމީ ޓީމާ އެކު ވެސް މުބާރާތްތަކެއްގައި ރަނގަޅު ހިސާބަކަށް ދެވިފައިވާތީ. އަހަރެންގެ ވިނިން މެންޓަލިޓީ ރަނގަޅުވެއްޖެ. ތަށި ހޯދަން ކުރަން ޖެހޭ މަސައްކަތް އެނގޭ މިހާރު."

ބޭލް ރެއާލް ދޫކޮށްލީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން އޭނާ އަށް ފުރުސަތު ނުދޭތީ އެވެ. އެކަމަކު ބޭލް އެ ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. ޒިދާން ބުނީ ޓޮޓެންހަމްގައި ބޭލް އަށް ކާމިޔާބަށް އެދޭ ކަމަށާއި ބޭލް އެ ޓީމުން ދޫކޮށްލީ ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމެއްގައި އޭނާ ހުރުން މުހިއްމުކަމަށްވާތީ ކަމަށެވެ.

ޓޮޓެންހަމްގައި ލޯން އެއްބަސްވުމުގެ ދަށުން ކުޅުނު ނަމަވެސް ބޭލްގެ އަހަރެއްގެ މުސާރައިގެ ދެބައިކުޅަ އެއްބައި ދޭނީ ރެއާލުންނެވެ. ބޭލް އަށް އަހަރަކު މުސާރައިގެ ގޮތުގައި 30 މިލިއަން ޔޫރޯ ލިބެ އެވެ.

މި މަހު ވޭލްސް ގައުމީ ޓީމަށް ކުޅުނު މެޗެއްގައި ކަކުލަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ބޭލް އަށް ކުޅުމަށް އެނބުރި އާދެވޭނީ އަންނަ މަހު ފަހުކޮޅުގަ އެވެ. ބޭލް ބުނީ އެނބުރި އައިސް ޓޮޓެންހަމްގެ މިހާރުގެ ޓީމާ އެކު ކުޅެން ކެތްމަދުވެފައި ހުރި ކަމަށެވެ.

ބޭލްގެ އިތުރުން ޓޮޓެންހަމް އިން ވަނީ ރެއާލްގެ ޒުވާން ވާތުބެކް ސާޖިއޯ ރެގީލޯންގެ ސޮއި ވެސް ހޯދައިފަ އެވެ. އުމުރުން 23 އަހަރުގެ ރެގީލޯން 30 މިލިއަން ޕައުންޑް ޓްރާންސްފާ ފީ އަކަށް ޓޮޓެންހަމަށް ބަދަލުވީ ދިގު ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު އެ ކޮންޓްރެކްޓްގައިވަނީ ރެެއާލުން ބޭނުންވާނަމަ ވަކި މުއްދަތެއްގެ ތެރޭ އޭނާ އަލުން ގެނެވޭ ގޮތަށް މާއްދާ އެއް ހިމަނައިފަ އެވެ.