ޝަކުވާ ނުކުރާނަން، ލިވަޕޫލް ބަލިކުރެވޭނެ: ލަމްޕާޑް

ލަންޑަން (ސެޕްޓެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީ އޮތީ އެންމެ ބޭނުންވާ ހާލަތުގައި ނޫން ނަމަވެސް އެ ކަމާ ބެހޭ ޝަކުވާ ނުކުރާނެ ކަމަށާއި ލިވަޕޫލް ބަލިކުރެވޭނެ ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.


މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ގެނައި ކުޅުންތެރިންގެ ތެރެއިން މިރޭ ލިވަޕޫލާ ދެކޮޅަށް ގިނަ ކުޅުންތެރިންނަށް ނުކުޅެވެ އެވެ. އެ ކުޅުންތެރިންނަކީ ބެން ޗިލްވެލް، ތިއާގޯ ސިލްވާ އަދި ހަކީމް ޗިޔެޗް އެވެ. މި ކުޅުންތެރިންގެ އިތުރުން ޗެލްސީގެ މުހިއްމު ކުޅުންތެރިޔެއް ކަަމަށްވާ ކްރިސްޓިއަން ޕުލިސިޗް ވެސް ހުރީ އަނިޔާގަ އެވެ. އަނިޔާގެ މައްސަލަ އާއި އެކި އެކި ސަބަބުތަކާ ހުރެ ޗެލްސީ އަށް ރަނގަޅު ޕްރީ ސީޒަން ޓްރެއިނިން އެއް ވެސް ކުރިއަށް ނުގެންދެވުނެވެ.

"އަހަރެމެންނަށް ވުރެން ގިނަ ދުވަސްތަކެއް ލިވަޕޫލުން ޓްރެއިން ކޮށްފި. އެ ގޮތަށް ބަލާއިރު އެ މީހުންނަށް އެޑްވާންޓޭޖެއް އެބައޮތް. އަހަރެމެންގެ ޕްރީ ސީޒަން މިދިޔައީ އެހެން ކްލަބްތަކާ ވަރަށް ބޮޑަށް އުނދަގޫކޮށް އާ ކުޅުންތެރިންނާ އެކު ޓްރެއިން ކުރަން މާ ފުރުސަތެއް ނުލިބުނު. އެހެންވެ ފިޓްނަސް އެއީ މައްސަލަ އަކަށް ވެދާނެ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލަމްޕާޑް ބުންޏެވެ.

"މިއީ ފެންނަން ހުރި ހަގީގަތްތަކެއް. އެކަމަކު މީގެ ޝަކުވާ އަހަރެން ނުކުރާނަން."

މިދިޔަ ސީޒަނުގައި ލަމްޕާޑް ވަނީ ހަތަރު ފަހަރެއްގެ މަތިން ޗެލްސީ ގޮވައިގެން ލިވަޕޫލާ ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ލީގުގެ ދެ މެޗާއި ޔުއެފާ ސުޕަ ކަޕް ފައިނަލްގައި ބަލިވި ނަމަވެސް އެފްއޭ ކަޕްގައި ވަނީ ލިވަޕޫލް ބަލިކޮށްފަ އެވެ. ލަމްޕާޑް ބުނީ އެ މެޗުތަކުގައި ފެނުނު ކުޅުމަށް ބަލާއިރު ލިވަޕޫލް އަތުން ޗެލްސީ އަށް މޮޅުވެވޭނެ ގޮތްތަކެއް ފެނިފައި އެބަހުރި ކަމަށެވެ.

"ލިވަޕޫލަކީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ޓީމު. އެހެންވެ އެހާ ބޮޑު ތަފާތަކުން އެ މީހުން ކުރީގައި އޮވެ ތަށި ހޯދީ. އެކަމަކު މިދިޔަ ސީޒަނުގައި އަހަރެމެން ލިވަޕޫލާ ދެކޮޅަށް ބަލިވި މެޗުތަކުގައި ވެސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކީ. ވަރަށް ތަފާތު ކުޑަކޮށްދިޔައީ. އެ ހުރިހާ ކަމަކަށް ބަލާއިރު އަހަރެމެންނަށް މި މެޗުގައި ވެސް ލިވަޕޫލް ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް،" ލަމްޕާޑް ބުންޏެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލުން 5-3 އިން ޗެލްސީ ބަލިކުރި މެޗުގައި ލަމްޕާޑާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާ މެދު ދެ ބެންޗު ކައިރީގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. އޭގެ ފަހުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން 200 މިލިއަން ޕައުންޑަށް ވުރެން އިތުރަށް ހަރަދުކޮށްފައިވާ ވާހަކައާ ބެހޭގޮތުން ކްލޮޕް ދެއްކި ވާހަކައަކާ ގުޅިގެން ލަމްޕާޑް ވަނީ އޭގެ އަށް ވެސް ރައްދުދީފަ އެވެ. އެކަންތައްތަކާ ބެހޭގޮތުން ލަމްޕާޑް ބުނީ އެ ވާދަވެރިކަން އެހެން އޮތް ނަމަވެސް ކްލޮޕަށް އަބަދުވެސް އިހުތިރާމް ކުރާ ކަމަށެވެ.

"ލިވަޕޫލްގައި ކްލޮޕް ކުރި މަސައްކަތާއި ކޯޗިން ކެރިއަރުގައި ކްލޮޕް ކޮށްފައިވާ ކަންތައްތަކަށް އަބަދުވެސް އަހަރެންގެ އިހުތިރާމް އޮންނާނެ،" ލަމްޕާޑް ބުންޏެވެ.

ކްލޮޕް ބުނީ ޗެލްސީއާ ދެކޮޅަށް އެންމެ ރަނގަޅު ނަތީޖާ ނެރެވޭނީ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށާއި ވިސްނާނުލައި ނިންމުންތަކެއް ނިންމައިފިނަމަ މި މެޗަކީ ގެއްލުމުގެ ފުރުސަތު ވެސް އޮތް މެޗެއް ކަމަށެވެ.

ލީގުގައި އެންމެ ފަހުން ޗެލްސީ ދަނޑުގައި ކުޅުނު 12 މެޗުގެ ތެރެއިން ހަ މެޗުން ލިވަޕޫލް ވަނީ މޮޅުވެފަ އެވެ. އޭގެ ތެރެއިން ތިން މެޗަކީ ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް ހަވާލުވި ފަހުންނެވެ. އެންމެ ފަހުގެ ޗެމްޕިއަނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީން އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އޭގެ ތެރެއިން ހަތް މެޗުން މޮޅުވިއިރު އަނެއް ހަ މެޗުން ވަނީ އެއްވަރުވެފަ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެެވެ.