ފިންސެންފައިލްސް: ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް ހޫނު ފެނަށް

ލަންޑަން (ސެޕްޓެމްބަރު 22) - ކުށުގެ އަމަލުތަކުންނާއި ނުހައްގު މަންފާގެ ގޮތުގައި ހޯދާފައިވާ ފައިސާ ދައުރުކުރުމުގައި ބޭންކްތައް މެދުވެރިކޮށްގެން ކޮށްފައިވާ އެތައް ހާސް މުއާމަލާތެއްގެ ލިޔެކިޔުންތަކެއް ލީކުވިއިރު، އޭގެ ތެރޭގައި ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗްގެ މައްސަލަތަކެއް ވެސް ފެންމަތިވެއްޖެ އެވެ.


"ފިންސެންފައިލްސް" ގެ ނަން ދީފައިވާ މި ލިޔެކިޔުންތަކަކީ އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކަށް ނިސްބަތްވާ އެއްޗިއްސެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތަކުން އެތައް އަހަރެއް ވަންދެން "ކަޅުފައިސާ" އެކި ދިމަދިމާލަށް ދައުރުކުރުމުގައި އަދާކޮށްފައިވާ ދައުރު ވެސް މި ލީކްވި ލިޔެކިޔުންތަކުން ފެންނަން އެބަހުއްޓެވެ.

އޭގެތެރެއިން ޗެލްސީގެ ވެރިޔާ އަބްރަމޮވިޗަށް ކުރެވޭ ބޮޑު ދެ ތުހުމަތެއް ވަނީ ފެންމަތިވެފަ އެވެ. އެއީ ތާޑްޕާޓީ އޯނަޝިޕް (ޓީޕީއޯ) މެދުވެރިކޮށް ވާދަވެރި އެހެން ކްލަބްތަކުގެ ކުޅުންތެރިންތަކެއް ގެންގުޅުމާއި އިޒްރޭލުން ފަލަސްތީނުގެ މީހުންގެ ގެތަކަށް ވެރިވެގަންނަން ކުރި މަސައްކަތުގައި އެކި ގްރޫޕްތަކަށް ދީފައިވާ މާލީ އެހީ އެވެ.

ލެއިސްޓަން ހޯލްޑިންސްގެ ނަން ދެވިފައިވާ މި ކުންފުނީގައި އަބްރަމޮވިޗްގެ ބޮޑު ހިއްސާއެއް އޮތްއިރު އެ ކުންފުނި މެދުވެރިކޮށް ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ޓީޕީއޯ ނަގައިފަ އެވެ. ޓީޕީއޯގެ ބޭނުމަކީ ކުޅުންތެރިޔާ ވިއްކައިގެން އެކި ކްލަބްތަކަށް ލިބޭ ފައިސާގެ ވަކި ޕަސެންޓެއް ކުންފުންޏަށް ނެގުމެވެ. ޓީޕީއޯ އިން ލިބޭ ނާޖާއިޒު ފައިދާ އަކީ ވަކި ބަޔެއް ކުންފުންޏެއް މެދުވެރިކޮށް ކުޅުންތެރިންގެ ހައްގުތަކެއްގެ ކޮންޓްރޯލް ނަގައިގެން އުޅުމެވެ. އަދި އެ ކުޅުންތެރިއަކު ކުޅޭ ކްލަބަށް ވުރެން ކުންފުންޏެއްގެ ނުފޫޒު ކުޅުންތެރިޔާ އަށް ބޮޑުވާ ގޮތަށް ކޮންޓްރެކްޓެއް އޮތުމެވެ.

މި ކަމަކީ 2008 ވަނަ އަހަރު އިންގްލެންޑްގައި މަނާކޮށްފައިވާ ކަމެކެވެ. ފީފާ އިން މިކަން މަނާ ކުރީ 2015 ވަނަ އަހަރު އެވެ.

ޗެލްސީން 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅުނު މެޗުގައި އަބްރަމޮވިޗްގެ ހިއްސާ އޮންނަ ލެއިސްޓަން ކުންފުނިން ޓީޕީއޯ ނަގާފައިވާ ގިނަ ކުޅުންތެރިންތަކެއް ޗެލްސީއާ ދެކޮޅަށް ކުޅުނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އަންދްރޭ ކަރީއޯ އެވެ. އޭނާ ވަނީ ޗެލްސީއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ސްޕޯޓިން އަށް އެ ފަހަރު ކުޅެފަ އެވެ.

އިނގިރޭސި އެފްއޭގެ ކުރީގެ ޗެއާމަން ލޯޑް ޓްރީސްމަން ވިދާޅުވީ ކްލަބެއްގެ ވެރިޔަކަށް ވާދަވެރި އެހެން ޓީމުތަކެއްގެ ކޮންޓްރޯލް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެއީ ފުޓްބޯޅައިގެ އުސޫލުތަކާ ވެސް ހިލާފުކަމެއް ކަމަށެވެ. ޓްރީސްމަން ވިދާޅުވީ އޭނާ އަށް ފެނިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އަބްރަމޮވިޗްގެ މި ހަރަދުތަކާ ގުޅޭ ތަހުގީގެއް އިނގިރޭސި އެފްއޭ އިން ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.

މީގެ އިތުރުން ލެއިސްޓަން ކުންފުނީގައި ރަޖިސްޓްރީވެފަައި ތިބި ކުޅުންތެރިން އެހެން ކްލަބަކަށް ބަދަލުވާނަމަ އެންމެ ފުރަތަމަ ޗެލްސީ އަށް ލިބޭ ގޮތަށް އޮތުމަކީ ވެސް އުސޫލާ ހިލާފުކަމެއްގެ ގޮތުގައި ޓްރީސްމަން ވަނީ ފާހަގަކުރައްވައިފަ އެވެ.

ލެއިސްޓަން ކުންފުންޏަށް އެންމެ ފުރަތަމަ ބޮޑު ތުހުމަތުތަކެއް ކުރީ 2018 ވަނަ އަހަރު "ފުޓްބޯލް ލީކްސް"ގެ ނަމުގައި ފުޓްބޯޅައިގައި މަކަރުހަދައި މާލީ މުއާލަމާތްތައް ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ޝްޕީގަލް އިން އާންމުކުރި ފަހަރު އެވެ. އެ ފަަހަރު ވެސް ގިނަ ކުޅުންތެރިންތަކެއްގެ އިމޭޖް ރައިޓްސް ނަގައިގެން ލެއިސްޓަން އިން މާލީ ފައިދާތަކެއް ނަގާ ލިޔެކިޔުންތައް ވަނީ އާންމުކޮށްފަ އެވެ.

އަބްރަމޮވިޗްގެ ތަރުޖަމާނު ބުނީ ޓީޕީއޯގެ މުއާމަލާތްތަކުގައި އަބްރަމޮވިޗްގެ ރޯލު އޮތްއިރު އެއީ ހަމައެކަނި އިންގްލެންޑްގައި މަނާ ކަމެއް ކަމަށާއި އެހެންވެ އިންގްލެންޑްގެ އެއްވެސް ކުޅުންތެރިއަކާ މުއާމަލާތު ކޮށްފައިނުވާނެ ކަމަށެވެ. އަދި ފީފާ އިން ރަސްމީކޮށް ޓީޕީއޯ މަނާކުރީ 2015 ކަމަށްވާއިރު އޭގެ ފަހުން އެ ފަދަ މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް ބުންޏެވެ.

ލީކުވި ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އަބްރަމޮވިޗާ ގުޅުން ހުރި އޮފްޝޯ ކުންފުނިތަކެއް (އެކި ގައުމުތަކެއްގައި ހުރި ކުންފުނި)ގެ މައްސަލައެއް 2016 ވަނަ އަހަރު ބޭންކަކުން ވަނީ ހުށަހަޅައިފަ އެެވެ. އެއީ އެއް ބިލިއަން ޑޮލަރުގެ ސަސްޕިޝަސް އެކްޓިވިޓީ ރިޕޯޓް (އެސްއޭއާރް) ނުވަތަ ޝައްކު ކުރެވޭ މާލީ މުއާމަލާތްތަކެއް އަބްރަމޮވިޗްގެ އޮފްޝޯ ކުންފުނިތައް މެދުވެރިކޮށް ދައުރުކޮށްފައިވާކަން ފާހަގަވެފައިވާތީ އެވެ. މީގެ ތެރެއިން އެންމެ ގިނަ ފައިސާ ދައުރުކޮށްފައި ހުރީ ލެއިސްޓަން އާއި ސައިޕްރިއަޓް ކޮމްޕެނީ މެދުވެރިކޮށެވެ. އެ ދެ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރަކީ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އަބްރަމޮވިޗް އެވެ.

އަބްރަމޮވިޗްގެ އިނގިރޭސި ވިލާތުގެ އިންވެސްޓް ވިސާ 2018 ވަނަ އަހަރު މެއި މަހު ވަނީ ހަމަވެފަ އެވެ. އިނގިރޭސި ވިލާތާއި ރަޝިޔާއާ ދެމެދު ބޮޑު ޑިޕްލޮމެޓިކް މައްސަލައެއް އުފެދިފައިވާތީ އަބްރަމޮވިޗްގެ އިންވެސްޓް ވިސާ އަދިވެސް އޮތީ އާ ނުކޮށްދީ އެވެ. އެއީ ރަޝިޔާގެ ކުރީގެ ޖާސޫސަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައެއްގަ އެވެ. އެ ފަހަރު އިތުރު ގޮތެއް ނެތުމާ އެކު އަބްރަމޮވިޗް ދިރިއުޅުން ބަދަލުކުރީ އިޒްރޭލަށެވެ. އެއީ އެ ގައުމުގެ ރެސިޑެންސް ވިސާ ހޯދައިގެންނެވެ. އަބްރަމޮވިޗަށް އެ ވިސާ އަވަހަށް ހަމަޖައްސައިދިނީ ސިއްރު ގުޅުމެއްގެ ތެރެއިންކަން އޭރު ވެސް ތުހުމަތުކުރެވުނެވެ.

ފިންސެންފައިލްސްގެ ލިޔެކިޔުންތަކުން ހާމަވާގޮތުގައި އަބްރަމޮވިޗް ވަނީ އޭނާގެ ކޮންޓްރޯލް އޮންނަ ބްރިޓިޝް ވާޖިން އައިލެންޑްގެ ހަތަރު ކުންފުނި މެދުވެރިކޮށް އިޒްރޭލުގެ އީލާދަށް 100 މިލިއަން ޑޮލަރުގެ ފަންޑެއް ދީފަ އެވެ. އީލާދު ގްރޫޕަކީ އިޒްރޭލް ސަރުކާރުގެ ނުފޫޒާ އެކު ގުދުސް އަށް އިޒްރޭލުން ވެރިވެގަނެ ފަލަސްތީންގެ މީހުން އެ ސަރަހައްދުން ބޭރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގްރޫޕެކެވެ. ރިޕޯޓްތައް ބުނާގޮތުން އަބްރަމޮވިޗްގެ ފަރާތުން އީލާދު ގްރޫޕަށް ލިބުނު ފަންޑަކީ މިދިޔަ 15 އަހަރު ތެރޭގައި އެ ގްރޫޕަށް ލިބުނު އެންމެ ބޮޑު މާލީ އެހީ އެވެ.

މިލްކިއްޔާތުގައި 12 ބިލިއަން ޑޮލަރަށް ވުރެން ގިނައިން ހުރި އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަރިސް މީހެކެވެ.

ރަޝިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފިންސެންފައިލްސްގައި ހުރި ކަންތައްތަކާ އަބްރަމޮވިޗާ ގުޅުން އޮތްކަން ހާމަކޮށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރަނީ އަބްރަމޮވިޗަށް އިންގްލެންޑުން ލިބޭ މާލީ މަންފާތައް ހުއްޓުވުމަށެވެ. އަދި ހާއްސަކޮށް އިންގްލެންޑްގެ ލަންޑަންގެ ކްލަބެއް ކަމަށްވާ ޗެލްސީ އަބްރަމޮވިޗް އަތުން ނަގަން އިނގިރޭސި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރާ ކަމަށް ރަޝިއާ މީޑިއާ އިން ތުހުމަތުކުރެ އެވެ. އަބްރަމޮވިޗްގެ ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 200 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހޭދަކޮށްފަ އެވެ. އިނގިރޭސި ސަރުކާރުގެ އެހީއާ އެކު ޗެލްސީ ގަންނަން މަސައްކަތްކުރަނީ ބިލިއަނަރެއް ކަމަށްވާ ޖިމް ރެޓްކްލިފް އެވެ.