ސުއަރޭޒަށް ބާސާއިން ހެދި ގޮތުން މެސީ ހިތްހަމަނުޖެހިފައި

ބާސެލޯނާ (ސެޕްޓެމްބަރު 25) - ބާސެލޯނާ އިން ލުއިސް ސުއަރޭޒް ވިއްކާލިއިރު ކަންތައްތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.


އުމުރުން 33 އަހަރުގެ ސުއަރޭޒް ބާސެލޯނާ ދޫކޮށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވީ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ. ބާސެލޯނާގެ އާ ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުން އޭނާ އަށް ފުރުސަތެއް ނެތްކަން އެނގުނު ހިސާބުން ސުއަރޭޒް ވަނީ އެހެން ކްލަބްތަކާ ވާހަކަ ދައްކަން ފަށައިފަ އެވެ. ސުއަރޭޒް އެތުލެޓިކޯއާ ގުޅުނީ ސްޕެނިޝް ލީގުގައި އަދިވެސް އޭނާގެ ފެންވަރު ސާބިތުކޮށްދޭން ބޭނުންވާތީ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސުއަރޭޒަށް ބާސެލޯނާ އިން ފުރުސަތެއް ނެތްކަން އެންގީ ފޯން ކޯލަކުން ކޫމަން އެވެ. ކްލަބްގެ މެނޭޖްމަންޓުގެ ފަރާތުން ސުއަރޭޒާ ވާހަކައެއް ނުދައްކަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލަން ހުށަހަޅައި ފަހުން އެ ނިންމުން ބަދަލުކުރަން ޖެހުމުން މެސީ ހުރީ ހިތްހަމަނުޖެހިފަ އެވެ. ސުއަރޭޒް ވިއްކާލުމާ ގުޅިގެން މެސީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ކްލަބް ދޫކޮށްލިއިރު ސުއަރޭޒަށް ހައްގުވާ ވަރުގެ މަސައްކަތެއް ބާސެލޯނާ އިން އޭނާ އަށް ކޮށްނުދޭ ކަމަށާއި މިހާރު ކްލަބްގެ ހާލަތު ދަށްވެފައި އޮތްވަރުން އެއްވެސް ކަމެއް ފެނިފައި ހައިރާންނުވާ ކަމަށެވެ.

"އަހަރެން ކްލަބްގެ ޗޭންޖިން ރޫމަށް ދިޔައިރު ވަރަށް އުނދަގޫ ހަގީގަތަކާ ކުރިމަތިލާން ޖެހުނީ. ސުއަރޭޒް މި ކްލަބް ދޫކޮށްލާއިރު އޭނާ އަށް އެކަށީގެންވާ ވަރުގެ ކަންތައްތަކެއް ކޮށްދޭން ޖެހޭ. އޭނާ އަކީ މި ކްލަބްގެ ތާރީހުގައި ކާމިޔާބީގެ ހިއްސާގައި ކްލަބަށް ބެލިޔަސް އަމިއްލަ ރެކޯޑަށް ބެލިޔަސް ރަނގަޅު ކުޅުންތެރިއެއް. މި ކްލަބުން ސުއަރޭޒް ބޭރުކުރީ ރަނގަޅަކަށް ނޫން،" ސުއަރޭޒްގެ ގާތް ރަހުމަތްތެރިޔެއްގެ ގޮތުގައި އަބަދުވެސް ފެންނަ މެސީ ލިޔެފައިވެ އެވެ.

"އެހެން ޓީމެއްގެ ޖޯޒީގައި ސުއަރޭޒް ފެނުމަކީ ފަސޭހަކަމަކަށް ނުވާނެ."

ސުއަރޭޒް އެންމެ ފުރަތަމަ ބާސެލޯނާ ދޫކޮށް ބަދަލުވާން އުޅުނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ އެވެ. އެކަމަކު އެ ޓީމަށް ބަދަލުވާން ހަދަން ޖެހޭ ޕާސްޕޯޓް ހެދޭހާ މުއްދަތު އޮއްވައި ބާސެލޯނާ އިން އޭނާ ދޫކޮށްލުމުގެ ކަންތައްތައް ނިންމައިނުދޭތީ އެ ޑީލް ނުހިނގި އެވެ. އަނެއްކޮޅުން ސުއަރޭޒް ޔުވެންޓަސް އަށް ބަދަލުވާއިރު، އޭނާ ބޭނުންވީ ކޮންޓްރެކްޓްގެ ބާކީ އޮތް މުއްދަތަށްވާ 14 މިލިއަން ޔޫރޯ ހޯދާށެވެ. އެކަމަކު ފަހުން ހަތް މިލިއަން ޑޮލަރުގެ އަގަކަށް އެތުލެޓިކޯ އަށް ވިއްކާލީ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސުއަރޭޒް އަގުހެޔޮކޮށް އެތުލެޓިކޯ އަށް ދޫކޮށްލަން ނިންމީ ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އާއި އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯގެ ގާތްގުޅުމެއްގެ ތެރެއިންނެވެ. މިދިޔަ އަހަރު އެތުލެޓިކޯ އިން އެންޓޮއިން ގްރީޒްމަން ބާސެލޯނާ އަށް ވިއްކާލި ފަހުން ބާޓޮމެއު އާއި ސެރޭޒޯގެ ގުޅުން ވަނީ ރަނގަޅުވެފަ އެވެ.

ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާ އިން ސުއަރޭޒަށް ހަމަޖެއްސި ފެއާވެލްގައި އެ ކްލަބްގެ މިހާރުގެ މެނޭޖްމަންޓުގެ އިސް އެއްވެސް މީހަކާ އެކު ފޮޓޯއެއް ނަގަން ސުއަރޭޒް ބޭނުމެއްނުވި އެވެ. ބާސެލޯނާ ދޫކޮށް ދާދި ފަހުން އިންޓަ މިލާނާ ގުޅުނު އާޓޫރޯ ވިޑާލް ވެސް ވަނީ ސޯޝަލް މިޑިއާގައި ނުސީދާ ގޮތަކަށް ކްލަބްގެ މެނޭޖްމަންޓަށް އިޝާރާތްކޮށް ބަހުގެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ވިޑާލް ބުނީ މެސީ ވެސް އާ ޗެލެންޖެއް ބޭނުންވާކަން އެނގޭ ކަމަށާއި އެކަމަކު ހާލަތުގެ ގޮތުން ބަޔަކު ފައިދާނެގީކަން ފެންނަން އޮތް ކަމަށެވެ. ސުއަރޭޒް ވެސް އެ މޭރުމުން މީޑިއާގައި ވާހަކަ ދައްކާފައިވެ އެވެ. ސުއަރޭޒް ބުނީ ކްލަބުން ބޭނުންވާ ގޮތަށް ކުޅުންތެރިއެއް ދޫކޮށްލަން ނިންމާއިރު ކުޅުންތެރިއަކު ބޭނުންވާ ވަގުތަކު އެ އޮންނަ އުސޫލެއްގެ ތެރެއިން ކްލަބް ދޫކޮށްލެވެންވާނެ ކަމަށެވެ. ސުއަރޭޒް އިޝާރާތް ކުރީ މެސީ އަށް ކަމަށްވެ އެވެ.