އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް

ރޯމް (ސެޕްޓެމްބަރު 28) – އެކަކު މަދުކޮށް ކުޅެ ޗެމްޕިއަން ޔުވެންޓަސް އިން އިޓާލިއަން ލީގުގައި ރޭ ރޯމާއާ 2-2 އިން އެއްވަރުކޮށްފި އެވެ.


ރޯމްގެ އޮލިމްޕިކޯގައި ކުޅުނު މި މެޗުގެ 31 ވަނަ މިނެޓުގައި ޖޯޑަން ވެރެޓޫ ޕެނަލްޓީއަކުން ރޯމާ އަށް ލީޑު ނަގައިދީފައިވަނިކޮށް ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން 44 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އޭގެ މިނެޓެއް ފަހުން ވެރެޓޫ ވަނީ ރޯމާ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. އެ ޓީމަށް ފުރުސަތު ބޮޑުވީ 62 ވަނަ މިނެޓުގައި ޔުވެންޓަސްގެ އެޑްރިއެން ރަބިއޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެކަމަކު އެކަކު މަދުވިޔަސް އޭގެ އަށް މިނެޓު ފަހުން ރޮނާލްޑޯ ޔުވެންޓަސް އަށް ޕޮއިންޓެއް ހޯދައިދިނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި ޖެނޯއާ އަތުން 6-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ހާވިން ލޮޒާނޯ ދެ ގޯލް ޖެހިއިރު އަނެއް ހަތަރު ލަނޑު ޖެހީ ޕިއޮޓްރޭ ޒިއެލިންސްކީ، ޑްރިއެސް މާޓިންސް، އެލިފް އެލްމާސް އަދި މަޓެއޯ ޕޮލިޓާނޯ އެވެ.

އޭސީ މިލާން ވަނީ ރަށުން ބޭރުގައި ކްރޮޓޯނޭ އަތުން 2-0 އިން މޮޅުވެފަ އެވެ. ކޮވިޑުގެ ސަބަބުން ޒަލަޓާން އިބްރަހިމޮވިޗް ނެތި ކުޅުނު މި މެޗުގައި މިލާނަށް ލީޑު ނަގައިދިނީ 45 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ފްރޭންކް ކެސިއޭ އެވެ. އަދި ދެ ވަނަ ގޯލް 50 ވަނަ މިނެޓުގައި ޖެހީ ރެއާލް މެޑްރިޑުގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ބްރަހިމް ޑިއާޒެވެ.

އިންޓަ މިލާން ހޮނިހިރު ދުވަހުގެރޭ ވަނީ ފިއޮރެންޓީނާ އަތުން ފަހު ވަގުތު 4-3 އިން މޮޅުވެފަ އެވެ. ފިއޮރެންޓީނާގެ ކްރިސްޓިއަން ކޫމޭ ކުރި ހޯދާފައިވަނިކޮށް އިންޓަ އަށް އެއްވަރުކޮށްދިނީ ލޮޓާރޯ މާޓިނޭޒެވެ. އަދި ލީޑު ލިބުނީ ފިއޮރެންޓީނާގެ ފެޑެރިކޯ ޗެޗެރީނީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

އޭގެ ފަހުން ފްރޭންކް ރިބެރީގެ މޮޅު ކުޅުމާ އެކު، ގައެޓާނޯ ކަސްޓްރޮވިއޮލީ އާއި ފެޑެރިކޯ ކިއެސާ، ފިއޮރެންޓީނާ އަށް އަލުން ކުރި ހޯދައިދިނެވެ. އިންޓަ މޮޅުވީ ފަހު ތިން މިނެޓު ތެރޭ ރޮމެލޫ ލުކާކޫ އާއި ޑަނީލޯ ޑި އެމްބްރޯސިއޯ ޖަހައިދިން ލަނޑުތަކުންނެވެ.

ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވަނީ ނަޕޯލީ، ހެލަސް ވެރޯނާ އަދި މިލާނެވެ. ޔުވެންޓަސް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ރޯމާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި އިންޓަ އާއި ލާޒިއޯ އަދި އެޓަލާންޓާ ވަނީ އެއް މެޗު ކުޅެ ތިން ޕޮއިންޓް ހޯދައިފަ އެވެ.