ބަދަލު ހިފުމުގެ ރޫހެއް ނެތް: މޮރީނިއޯ

މެންޗެސްޓާ (އޮކްޓޫބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ، އޭނާ ކުރިން ކޯޗުކޮށްދިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭއިރު ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


މީގެ ދެ އަހަރު ކުރިން ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރިއިރު އޭނާ ވަނީ ޔުނައިޓެޑްގެ މެނޭޖްމަންޓުގައި ހުރި ބައެއް ކަންތައްތަަކަށް ފާޑުކިޔައިފަ އެވެ. މިދިޔަ އަހަރު މޮރީނިއޯ ޓޮޓެންހަމާ ހަވާލުވިފަހުން ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ކޮންމެ ފަހަރަކު ބަދަލުހިފުމުގެ ވާހަކަ މީޑިއާގައި ދެކެވެ އެވެ. މޮރީނިއޯ ވަނީ އެ ވާހަކަތަކަށް ޖަވާބު ދީފަ އެވެ.

"ކޮން ކަމަކަށް އަހަރެން ބަދަލުހިފަންވީ؟ ބަދަލު ހިފުމަކީ ކޮބާ؟ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ހުރެ ވެސް އަހަރެން އެތައް މެޗަކުން މޮޅުވިން. ޔުނައިޓެޑާ ދެކޮޅަށް އެހެން ޓީމެއް ގޮވައިގެން ނުކުމެ ވެސް އަހަރެން އެތައް ފަހަރަކު މޮޅުވިން. ޔުނައިޓެޑްގައި އަހަރެންގެ ދުޝްމަނެއް ނުހުންނާނެ. ޔުނައިޓެޑާ މެދު އަހަރެންގެ ހިތްބަރުކަމެއް ވެސް ނެތް. އެ ޓީމުގައި އަހަންނާ ގާތްގުޅުމެއް އުފެދުނު އެތައް ބަޔަކު ހުންނާނެ،" މޮރީނިއޯ ބުންޏެވެ.

"އަހަރެން ގަބޫލުކުރާހިތް އޮތީ ފުޓްބޯޅައިގައި އޮންނަނީ މޮޅާއި ބަލި. ބަދަލު ހިފުމެއް ނޯންނާނެ. އަހަރެން ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅެން."

ޔުނައިޓެޑްގައި މޮރީނިއޯ ވަނީ ޔޫރޮޕާ ލީގާއި ލީގު ކަޕް ހޯދައިފަ އެވެ. އެކަމަކު މޮރީނިއޯ ދެކޭގޮތުގައި ޔުނައިޓެޑްގައި ހުރެ އޭނާ އަށް ހޯދުނު އެންމެ ރަނގަޅު ކާމިޔާބަކީ ލީގުގެ ދެ ވަނަ މަގާމެވެ. މޮރީނިއޯ ބުނީ ޔުނައިޓެޑްގައި އޭނާ ކުރި މަސައްކަތާ މެދު އަދިވެސް ފަހުރުވެރިވާ ކަމަށެވެ.

"ޔަގީނުން ވެސް ޔުނައިޓެޑްގައި ހުރެ ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރިން. ހޯދުނީ ހައްގު ކާމިޔާބީ،" ކުރިން ޗެލްސީއާ އެކު ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި މޮރީނިއޯ ބުންޏެވެ.

ފާއިތުވި ހަފްތާގައި މޮރީނިއޯ އާއި ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ މީޑިއާގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. މޮރީނިއޯ ބުނީ އެއީ ފުޓްބޯޅަ ކޯޗުންގެ މެދުގައި އާންމުކަމެއް ކަމަށާއި ޕްރޮފެޝަނަލްކޮށް ދައްކާ ވާހަކަތަކުގައި އެ ގޮތަށް އަޅައިގަންނަ ކަންތައްތަކެއް ހުރެދާނެ ކަމަށެވެ.

ޓޮޓެންހަމާ ދެކޮޅަށް އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ތިން މެޗުން ވެސް ބަލިނުވެ އެވެ. މިރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެވެ.