ޖޮކޮވިޗް އަތުން އަނެއްކާވެސް ލައިން ޖަޖެއްގައި ބޯޅައިން ޖެހިއްޖެ

ޕެރިސް (އޮކްޓޫބަރު 6) - އެންމެ ފަހުން ކުޅުނު ޔޫއެސް އޯޕަން މުބާރާތުގެ ތެރެއިން ލައިން ޖެޖެއްގައި ބޯޅައިން ޖެހުމުން މުބާރާތުން ވަކިކުރި ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އަތުން އިއްޔެ ފްރެންޗް އޯޕަންގެ ހަތަރު ވަނަ ބުރުގައި ކުޅުނު މެޗުގެ ތެރެއިން ވެސް ލައިން ޖަޖެއްގައި ބޯޅައިން ޖެހިއްޖެ އެވެ.


މިދިޔަ މަހު ޔޫއެސް އޯޕަންގެ ހަތަރު ވަނަ ބުރުގައި ސްޕެއިނުގެ ޕަބްލޯ ކަރޭނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޖޮކޮވިޗް ޖީބުން ބޯޅަ ނެގުމަށް ފަހު އޭނާ ބޭރަށް ފޮނުވާލި ބޯޅަ އަމާޒުވީ އަންހެން ލައިން ޖަޖެއްގެ ކަރަށެވެ. ގިނައިރުތަކެއް ވަންދެން އަމްޕަޔަރުން (ރެފްރީން) މައްސަލައިގައި މަޝްވަރާ ކުރުމަށް ފަހު ނިންމީ އުމުރުން 33 އަހަރުގެ ޖޮކޮވިޗް މުބާރާތުން ޑިސްކޮލިފައި ކުރުމަށެވެ. ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބުނެ ޖޮކޮވިޗް މައާފަށް އެދުނު ނަމަވެސް އޭނާ މުބާރާތުން ވަކިކޮށް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ ބޯޅައިން ޖެހުނު އަންހެން މީހާ އަށް ވަރަށް ބޮޑަށް ތަދުވުމުންނާއި ކުޅުމުން ބޭރު ވަގުތެއްގައި ހިނގި ކަމަކަށްވާތީ އެވެ. މި މައްސަލައިގައި ޖޮކޮވިޗަށް އިތުރު އަދަބެއް ނުދެ އެވެ.

އިއްޔެ ފްރެންޗް އޯޕަންގައި ރަޝިއާގެ ކަރެން ކަޗަރޭވް އަތުން މޮޅުވި މެޗުގެ ތެރެއިން ޖޮކޮވިޗް ފޮނުވާލި ބޯޅައެއް ލައިން ޖަޖެއްގައި ޖެހުނު ނަމަވެސް އަމްޕަޔަރު އެކަން ނުބަލަ އެވެ. އެއީ މެޗުގެ ތެރެއިން ހިނގި ކަމަކަށްވާތީ އާއި ލައިން ޖަޖަށް ވެސް މާ ބޮޑަށް އޭގެން ގެއްލުމެއް ނުވާތީ އެވެ.

"އަހަރެން އޭނަގެ ހާލު ބެލިން. ނަސީބަކުން އޭނަ ވަރަށް ކެރިގެން އެކަމާ ކުރިމަތިލައިފި. އެއީ ވަރަށް ބާރަށް ޖެހުނު ބޯޅައެއް ނަމަވެސް އޭނަ ގައިގައި ޖެހުމުން ވެސް މާ ބޮޑު ކަމަކަށް ނުވި،" ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރި މެޗަށް ފަހު ޖޮކޮވިޗް ބުންޏެވެ.

"މިއީ އަހަންނަށް އެކަނިވާ ކަމެއް ނޫން. މިދިޔަ 15 ވަރަކަށް އަހަރު ތެރޭ ވަރަށް ގިނަ ކުޅުންތެރިންނަށް މިކަން އެބަހުރި ކުރިމަތިވެފައި. ދެން އަހަންނަށް މިކަން މިވީ ޖެހިޖެހިގެން ދެ މަސް ތެރޭ. އަނެއްކޮޅުން ނިއު ޔޯކްގައި (ޔޫއެސް އޯޕަންގައި) އަހަރެން ޑިސްކޮލިފައި ކުރީމަ މިއީ އަނެއްކާވެސް އަންނާނެ ވާހަކައެއް. އިއްތިފާގުން މިކަން ދެ ފަހަރު ވެސް ދިމާވީ ދެރަކޮށް،"

އަނިޔާގެ ސަބަބުން ރޮޖާ ފެޑެރާ މި ފަހަރުގެ ފްރެންޗް އޯޕަންގައި ނުކުޅެ އެވެ. މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ތިބީ ޖޮކޮވިޗްގެ އިތުރުން ސްޕެއިނުގެ ރަފައެލް ނަޑާލް އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ނަޑާލް މި ފަހަރު މި ތަށި އުފުލާލައިފިނަމަ ފެޑެރާގެ ތާރީހީ ރެކޯޑާ ހަމަކުރެވޭނެ އެވެ. އެއީ 20 ގްރޭންޑް ސްލޭމް ހަމަކޮށްގެންނެވެ.

ކުއާޓާ ފައިނަލުގައި ޖޮކޮވިޗް ކުޅޭނީ ސްޕެއިނުގެ ކަރޭނޯއާ އެވެ. ނަޑާލް ބައްދަލުކުރާނީ އިޓަލީގެ ޔަނިކް ސިނާއާ އެވެ. ޖޮކޮވިޗާއި ނަޑާލް ދެން ކުޅޭ ދެ މެޗުން މޮޅުވެއްޖެނަމަ ފައިނަލުގައި ފެންނާނީ މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެކެވެ.