ކޮންގޯ ގައުމީ ޓީމަށް ކުޅެން ވަން-ބިސާކާ ވިސްނަނީ

މެންޗެސްޓާ (އޮކްޓޫބަރު 10) - އިންގްލެންޑް ގައުމީ ޓީމުގައި އޭނާ ކުޅޭ މަގާމަށް ވާދަކުރަން ގިނަ ކުޅުންތެރިންތަކެއް ތިބުމާ އެކު މެންޗެސްޓާ ޔުނައިޓެޑްގެ ކަނާތު ބެކް އާރޮން ވަން-ބިސާކާ ކޮންގޯ ގައުމީ ޓީމަށް ކުޅެން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 22 އަހަރުގެ ވަން-ބިސާކާ އުފަންވީ ލަންޑަނަށް ކަމުގައި ވިޔަސް އޭނާގެ އާއިލާ ނިސްބަތްވަނީ ކޮންގޯ އަށެވެ. ވަން-ބިސާކާ އެންމެ ފުރަތަމަ ކުޅުނީ ކޮންގޯ އަށެވެ. އެ ގޮތުން އޭނާ ވަނީ 2015 ވަނަ އަހަރު ކޮންގޯގެ 20 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން އިންގްލެންޑްގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅެފަ އެވެ. އެކަމަކު ފަހުން އޭނާ ވަނީ އިންގްލެންޑްގެ 20 އަހަރާއި 21 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.

ކްރިސްޓަލް ޕެލަސް އިން ވިދާލި ވަން-ބިސާކާ ވަނީ މިިދިޔަ އަހަރު 45 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އެ ޓީމުގައި މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މިހާތަނަށް އިންގްލެންޑްގެ ސީނިއާ ޓީމުން ފުރުސަތު ހޯދުން ވަނީ އުނދަގޫ ކަމަކަށްވެފަ އެވެ. އެއީ އެ މަގާމަށް ވާދަކުރަން ގިނަ ކުޅުންތެރިންތަކެއް ތިބުމުންނެވެ. އިންގްލެންޑްގައި މި ވަގުތު ތިބި ކަނާތު ބެކުންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކައިލް ވޯކާ، ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، އެތުލެޓިކޯ މެޑްރިޑްގެ ކިއެރަން ޓްރިޕިއޭ، ޗެލްސީގެ ރީސް ޖޭމްސް އަދި އާސެނަލްގެ އެއިންސްލީ މައިޓްލަންޑް-ނައިލްސް ހިމެނެ އެވެ.

މިހާތަނަށް ތިން ފަހަރެއްގެ މަތިން ގައުމީ ސްކޮޑުގައި ހިމެނުނު ނަމަވެސް ވަން-ބިސާކާ އަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. އެހެންވެ އޭނާ މިހާރު ވިސްނަމުން އަންނަނީ ކޮންގޯ ގައުމީ ޓީމަށް ކުޅުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ވާހަކަތަކަށް ބާރުލިބުނު ވަން-ބިސާކާ އޭނާގެ އިންސްޓަގްރާމްގައި އިންގްލެންޑް ދިދައިގެ ބަދަލުގައި ކޮންގޯ ދިދަ ހިމެނުމުންނެވެ.

އިންގްލެންޑް ގައުމީ ޓީމަށް ކުޅެން ފުރުސަތު ނުދޭތީ 2016 ވަނަ އަހަރު ކްރިސްޓަލް ޕެލަސްގެ ވިންގް ވިލްފްރިއެޑް ޒަހާ ވެސް ވަނީ އައިވަރީ ކޯސްޓަށް ބަދަލުވެފަ އެވެ. ޒަހާ ވަނީ އިންގްލެންޑުގެ 19 އަދި 21 އަހަރުން ދަށުގެ ޓީމަށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. އަދި ސީނިއާ ޓީމަށް 2012 ވަނަ އަހަރު އެކުވެރިކަމުގެ ދެ މެޗު ކުޅުނެވެ. އެކަމަކު ރަސްމީ މެޗެއްގައި ނުކުޅޭތީ އައިވަރީ ކޯސްޓަށް ކުޅެން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ޒަހާ ހިފީ އެވެ. އޭނާ ވަނީ މިހާތަނަށް އައިވަރީ ކޯސްޓަށް 20 އަށް ވުރެން ގިނަ މެޗު ކުޅެދީފަ އެވެ.