ރެކޯޑާ އެއްވަރުކުރިޔަސް ނަޑާލަށް ފެޑެރާ ދިނީ ހިތްވަރު

ޒިއުރިކް (އޮކްޓޫބަރު 13) - ވިހި ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް އޭނާ ހަދާފައިވާ ރެކޯޑާ ރަފައެލް ނަޑާލް ހަމަކުރުމަކީ ލިބޭ ހިތްހަމަޖެހުމެއްގެ ގޮތުގައި ރޮޖާ ފެޑެރާ ސިފަކޮށްފި އެވެ.


ޓެނިހުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ގްރޭންޑް ސްލޭމްގެ ކާމިޔާބީގައި ފެޑެރާ ކުރީގައި އޮއްވައި ނަޑާލް އެ ރެކޯޑާ ހަމަކުރީ ދާދި ފަހުން 13 ވަނަ ފަހަރަށް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްގެންނެވެ. އެކާވީސް ވަނަ ގަރުނުގައި ޓެނިހުގެ އެންމެ ބޮޑު ދެ ވާދަވެރިންގެ ގޮތުގައި މަޝްހޫރުވެފައިވާ ނަޑާލާއި ފެޑެރާ އަކީ ޓެނިސް ލެޖެންޑުންނެވެ.

ސްވިޒަލެންޑް ޓީވީ އަކަށް ފެޑެރާ ދިން އިންޓަވިއުއެއްގައި ބުނީ ނަޑާލް ރެކޯޑާ ހަމަކުރުމުން ހިތްހަމަ ޖެހެނީ އިތުރު ކާމިޔާބީ ހޯދަން ވާދަވެރިކަން އޮތުމުން ކަމަށެވެ.

"އަހަރެންގެ އުއްމީދަކީ މި 20 ތަށި ހަމަކުރެވުމަކީ އަހަރެމެންގެ ވާދަވެރިކަން އާ ހަރުފަތަކަށް ގެންދެވޭނެ ކަމެއް ކަމަށް. އިތުރު ތަށި ހޯދަން މިހާރު މަސައްކަތް ވަރުގަދަކުރަންޖެހޭ،" މި ފަހަރުގެ ފްރެންޗް އޯޕަން އަނިޔާގެ ސަބަބުން ގެއްލުނު ފެޑެރާ ބުންޏެވެ.

އުމުރުން 39 އަަހަރުގެ ފެޑެރާ ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ހިތްހަމަޖެހުން ގުޅިފައި އޮތީ ހޯދޭ ކާމިޔާބީއެއްގެ މައްޗަށް ކަމަށާއި މިއީ ނަޑާލްގެ ވަގުތު ކަމަށެވެ. ނަޑާލްގެ މަސައްކަތަށް އަބަދުވެސް އިހުތިރާމްކުރާ ކަމަށާއި މީގެ މުހިއްމީ މޮޅުވާ ކުޅުންތެރިންނެކޭ އެއްގޮތަށް ޓެނިސް ވެސް އޭގެ ޒާތުގައި ކުރިއެރުން ކަމަށް ބުންޏެވެ.

"މިދިޔަ އަހަރުތަކުގައި އަހަންނާއި ނަޑާލްއާ ދެމެދު އޮތް ވާދަރިކަމުން ޓެނިހަށް ފައިދާކުރި. އަހަރެމެން އެހެން ލެވަލަކަށް ދާން މަގު ހުޅުވިގެންދިޔަ. މީގައި ވިސްނަން ޖެހޭ ކަމަކީ ޓެނިސް ކުޅިވަރެއްގެ ގޮތުގައި ޕްރޮމޯޓްވެ ކުރިއަރައިގެން ދިއުން،" ފެޑެރާ ބުންޏެވެ.

ދެން އެންމެ އަވަހަށް ބާއްވާނެ ގްރޭންޑްސްލޭމް ޓެނިސް މުބާރާތަކީ އަންނަ އަހަރު ކުރީކޮޅުގައި ބާއްވާ އޮސްޓްރޭލިއަން އޯޕަން އެވެ.

އެންމެ ފަހުން އާންމުކުރި ޓެނިސް ރޭންކިންގައި ވެސް އެއް ވަނައިގައި އޮތީ މިހާރު އެ މަގާމު ދަމަހައްޓަމުން އަންނަ ސާބިއާގެ ނޯވަކް ޖޮކޮވިޗް އެވެ. ފްރެންޗް އޯޕަން ފައިނަލުން ބަލިވި ނަމަވެސް ޖޮކޮވިޗް އެއް ވަނައިގައި އޮތީ 11740 ޕޮއިންޓް ހޯދައިގެންނެވެ. އޭނާ އަތުން މޮޅުވި ނަޑާލް ދެ ވަނައިގައި އޮތީ 9850 ޕޮއިންޓް ހޯދައިގެންނެވެ. ތިނެއްގައި އޮތީ 9125 ޕޮއިންޓާ އެކު އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އެވެ. ފެޑެރާ ހަތަރެއްގައި އޮތީ 6630 ޕޮއިންޓް ހޯދައިގެންނެވެ.