ރޮނާލްޑޯ އަށް ކޮވިޑް ޖެހިއްޖެ

ލިޒްބަން (އޮކްޓޫބަރު 13) – ޔުވެންޓަސްގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.


ފެޑެރޭޝަނުން ބުނީ ރޮނާލްޑޯގެ ފަރާތުން ބަލީގެ އެއްވެސް އަލާމަތެއް ނުފެންނަ ކަމަށެވެ. އޭނާ އަށް ޔުއެފާ ނޭޝަންސް ލީގުގައި މާދަމާރޭ ސްވިޑަންއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ބައިވެރިނުވެވޭނެ އެވެ.

ރޮނާލްޑޯ ވަނީ އެ މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ޕޯޗުގަލާއި ފްރާންސް 0-0 އިން އެއްވަރުވި މެޗުގައި ކުޅެފަ އެވެ. އަދި މިދިޔަ ހަފުތާގައި ސްޕެއިނާ 0-0 އިން އެއްވަރުވި އެކުވެރިކަމުގައި މެޗުގައި ވެސް ކުޅުނެވެ.

ރޮނާލްޑޯ ޕޮޒިޓިވްވީ، އިޓަލީގެ ސިއްހީ ޕްރޮޓޮކޯލްތަކާ ހިލާފުވުމުން އިޓަލީގެ ސިއްހީ އިދާރާ އިން އޭނާ އާއި ޔުވެންޓަސްގެ އެހެން ކުޅުންތެރިންތަކެއްގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

އިޓަލީގެ ސިއްހީ އިދާރާތަކުން ކަނޑައަޅާފައިވާ އައު އާއްމު ހާލަތުގެ ޕްރޮޓޮކޯލްގެ ތެރެއިން ޓީމެއްގެ ކުޅުންތެރިން ނޫނީ އޮފިޝަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ފަހު ނަތީޖާ ނުލިބެނިސް ގައުމު ދޫކޮށް ނުދެވޭނެ އެވެ.

އެގޮތުން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ޔުވެންޓަސްގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ޓީމުގެ ކުޅުންތެރިން އެއް ހޮޓަލެއްގައި ބައިތިއްބާފައިވަނިކޮށް ނަތީޖާ ނުލިބެނީސް ރޮނާލްޑޯ ވަނީ އެ ގައުމު ދޫކޮށް ޕޯޗުގަލްގެ ކޭމްޕާ ގުޅިގަ އެވެ. އޭނާއާ އެކު ދެން އިޓަލީން ފުރީ ޕައޮލޯ ޑިބާލާ އާއި ހުއާން ކުއަޑްރާޑޯ އާއި ޑަނީލޯ އަދި ރޮޑްރީގޯ ބެންޓަންކޫރު އެވެ.

ރޮނާލްޑޯ ޕޮޒިޓިވްވުމުން ގެއްލުން ވާނީ ވެސް ޔުވެންޓަސް އަށެވެ. އޭނާ އަށް ލީގު މެޗުތަކެއް ގެއްލުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި މި މަހު 28 ގައި ބާސެލޯނާއާ ދެކޮޅަށް ވެސް ނުކުޅެވިދާނެ އެވެ. އެ މެޗު ސިފަކުރެވިފައި އޮތީ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ވާދަވެރިކަން އަލުން ފެންނާނެ މެޗެއްގެ ގޮތުގަ އެވެ.

އިންޓަނޭޝަނަލް ބްރޭކް ދުވަސްވަރު ކަމުން ގައުމީ ޓީމުގެ މެޗުތައް ކުޅުންތެރިން އެކި ގައުމުތަކަށް ދަތުރުކުރާތީވެ ކުޅުންތެރިންގެ މެދުގައި ކޮވިޑް ކޭސްތަކެއް ފެންނާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. މި ފަދަ ދަނޑިވަޅެއްގައި އިންޓަނޭޝަނަލް ބްރޭކް ނަގައި ގައުމީ ޓީމުގެ މެޗުތައް ބާއްވާތީ ފީފާ އާއި ޔުއެފާ އަށް އަންނަނީ ފާޑުކިއުން އަމާޒުވަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ރޮނާލްޑޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެކޭ ކުޅުންތެރިއެކެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.