އެއް ވަނަ ހޯދަން ފްރާންސުން ޕޯޗުގަލްގެ ފަހަތުގައި ވިއްދާފައި

ލިޒްބަން (އޮކްޓޫބަރު 15) - ޔުއެފާ ނޭޝަންސް ލީގު އޭގެ ތިން ވަނަ ގްރޫޕުގެ އެއް ވަނައިގައި އޮތް ޕޯޗުގަލް ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 3-0 އިން ސްވިޑެން އަތުން މޮޅުވިއިރު، ދެ ވަނައިގައި އޮތް ފްރާންސް އިން ރަށުން ބޭރުގައި ކްރޮއޭޝިއާގެ މައްޗަށް 2-1 އިން ކުރި ހޯދައިފި އެވެ.


މި ގްރޫޕްގެ އެއް ވަނައިގައި އޮތް ޕޯޗުގަލް އާއި ދެ ވަނައިގައި އޮތް ފްރާންސަށް ހަތަރު މެޗުން ލިބުނީ 10 ޕޮއިންޓެވެ. ޕޯޗުގަލް ކުރީގައި އޮތީ ފްރާންސަށް ވުރެން އިތުރަށް ތިން ފައިދާ ގޯލު ހޯދައިގެންނެވެ. ގްރޫޕްގެ އެއް ވަނަ އަށް ފައިނަލް ބުރުގެ ޖާގަ ލިބޭއިރު، މި ގްރޫޕްގައި ދެން އޮތީ ކޮންމެ ޓީމަކަށް ދެ މެޗެވެ. ފުރަތަމަ މެޗުގައި އަންނަ މަހު ޕޯޗުގަލް އަމިއްލަ ދަނޑުގައި ފްރާންސާ ދެކޮޅަށް ކުޅޭނެ އެވެ. ފަހު މެޗުގައި ފްރާންސް ކުޅޭނީ އަދި ޕޮއިންޓެއް ނުލިބި ގްރޫޕް ފުލުގައި އޮތް ސްވިޑެންއާ ދެކޮޅަށެވެ. އަދި ޕޯޗުގަލް ބައްދަލުކުރާނީ ރަށުންބޭރުގައި ކްރޮއޭޝިއާއާ އެވެ.

ނޭޝަންސް ލީގުގެ އެންމެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް އިން އަންނަ އަހަރު ކުޅޭ ފައިނަލް ބުރުގެ ފުރުސަތު ހޯދަން ފަހު ދެ މެޗުން ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. ފައިނަލް ބުރު ކުޅޭނީ އަންނަ އަހަރު އޮކްޓޫބަރު މަހު އެވެ، އަންނަ އަހަރު ޖޫން އަށް ކުރިން ތާވަލުކޮށްފައި އޮތް މި މުބާރާތް ފަސްކުރަން ޖެހުނީ މި މަހު ކުޅެން ރޭވި ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރަން ޖެހުމުންނެވެ.

ކްރޮއޭޝިއާގެ ކުޅުންތެރިއަކު ކައިރިން ފްރާންސްގެ އެމްބާޕޭ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާތީ ޕޯޗުގަލް އިން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މި މެޗުގައި ވިދާލީ އެ ޓީމުގެ ހުނަރުވެރި ވިންގް ޑިއޯގޯ ޔޮޓާ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލަށް ބަދަލުވި ޔޮޓާ ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖެހުމުގެ އިތުރުން އަނެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ޔޮޓާ އެވެ.

މެޗުގެ 21 ވަނަ މިނިޓްގަައި ޔޮޓާ ދިން ބޯޅައަކުން ޕޯޗުގަަލަށް ލީޑުނަގައިދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ޔޮޓާ ވަނީ ޕޯޗުގަލަށް ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފް ފަށައިގެން ޔާއޯ ފެލިކްސް އަށް ޕޯޗުގަލްގެ ތިން ވަނަ ލަނޑެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއްނުކުރެވުނެވެ. ޔޮޓާ ފަހު ގޯލު ޖެހީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ.

ކްރޮއޭޝިއާ ދަނޑުގައި ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައި އެންޓޮއިން ގްރީޒްމަން ވަނީ ފްރާންސަށް ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސްގެ ލީޑުފުޅާކުރަން ކީލިއަން އެމްބާޕޭ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. ދެ ވަނަ ހާފް ފަށައިގެން ކްރޮއޭޝިއާ އިން ކުޅުން ރަނގަޅުކޮށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު ޖެހީ ނިކޯލާ ވްލަސިޗް އެވެ. ފްރާންސް މޮޅުކޮށްދިން ގޯލު އެމްބާޕޭ ޖެހީ މެޗު ނިމެން 11 މިނިޓަށް ވެފައި ހުއްޓަ އެވެ.