ޕާކަށް ވުރެ ސޮންގެ ނުފޫޒު ގަދަވެއްޖެ

ސޯލް (އޮކްޓޫބަރު 16) - ދެކުނު ކޮރެއާ ފުޓްބޯޅައިގައި މަގުބޫލު ބްރޭންޑެއް ގޮތުގައި ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޖީސަން ޕާކް އަށް ވުރެ މިހާރު ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ސޮން ހެއުން މިންގެ ނުފޫޒު އެ ގައުމުގައި ގަދަވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ނީލްސަން ފޭން އިންސައިޓް އިން ކޮރެއާގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ހިންގި ސާވޭ އެއްގައި ދައްކާ ގޮތުން މިހާރު ކޮރެއާގައި އެންމެ ސަޕޯޓަރުން ގިނައީ ޓޮޓެންހަމްގެ އެވެ. ކުރިން އެ ގައުމުގައި ސަޕޯޓަރުންގެ ނިސްބަތް އެންމެ ބޮޑީ މެންޗެސްޓާ ޔުނައިޓެޑްގެ އެވެ. ސާވޭ އިން ދައްކާ ގޮތުގައި ކޮރެއާގެ ފުޓްބޯޅަ ސަޕޯޓަރުންގެ އާބާދީގެ 20 ޕަސެންޓަކީ މިހާރު ސޮންއާ ހެދި ޓޮޓެންހަމްގެ ސަޕޯޓަރުންނެވެ. އެއީ 11 މިލިއަން މީހުންނެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް މި ވަގުތު އޮތީ ދެ ވަނައިގައި ހަ ޕަސެންޓާ އެކު އެވެ. މި ސާވޭ ނަގާފައިވަނީ 16 އަހަރާއި 69 އަހަރުގެ މީހުންގެ މެދުގަ އެވެ.

ސާވޭ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު ކޮރެއާގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ސޮންގެ ސަޕޯޓަރުން ގިނަވާން ފެށީ ޓޮޓެންހަމް ޗެމްޕިއަންސް ލީގުގައި ވާދަކުރަން ފެށި ސީޒަނުގައި ކަމަށާއި ފަހުން ކޮރެއާ އަށް އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދައިދިިނުމުގެ އިތުރުން އަސްކަރީ ތަމްރީނުގައި ވެސް ސޮން ބައިވެރިވެ އެ ވެސް ފުރިހަމަކޮށްފައިވާތީ ގައުމުގެ ގިނަ ބަޔަކު އޭނާ ބަލައިގަނެފައިވާ ކަމަށެވެ.

"ސޮން އަކީ އޭނާ މަސައްކަތްކުރާ ކޮންމެ ދާއިރާއެއްގައި ވެސް ހީރޯއެއްގެ ގޮތުގައި ފެނިއްޖެ. ކޮރެއާގެ ގިނަ ވިޔަފާރިތަކުން ވެސް ބޭނުންވަނީ ސޮން އެމްބަސަޑަރަކަށް ހަދަން،" އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ ހަތަރު ވަނަ ކޮރެއާ އަށް ހޯދައިދިން ޓީމުގައި މޮޅަށް ކުޅުނު ޕާކަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް ކޮރެއާގައި އެންމެ މަގުބޫލު ކުޅިވަރު ޝަހުސިއްޔަތު ކަމަށާއި އެކަމަކު ސޮން ހޯދަމުން އަންނަ ކާމިޔާބީއާ ހުރެ ހުރިހާ ކަމެއް ބަދަލުވެފައިވާ ކަމަށެވެ.

ނެދަލެންޑްސްގެ މަޝްހޫރު ކްލަބް ޕީއެސްވީ އެއިންދޯވަން އިން ޔޫރަޕް ފުޓްބޯޅަ އަށް ތައާރަފްވި ޕާކް ޔުނައިޓެޑާ ގުޅުނީ 2005 ވަނަ އަހަރު އެވެ. ހަތް އަހަރު ޔުނައިޓެޑަށް ކުޅުމަށް ފަހު ޕާކް ދެން ބަދަލުވީ 2012 ވަނަ އަހަރު ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އަށެވެ. އޭނާ ކެރިއަރު ނިންމާލީ ޕީއެސްވީ އަށް ކުޅުމަށް ފަހު އެވެ. ޕާކް މިހާރު އަންނަނީ އޭއެފްސީގައި ފުޓްބޯޅައިގެ މަސައްކަތްތަކެއް ކުރަމުންނެވެ.

އެފްސީ ސޯލް އިން ޔޫތު ކެރިއަރު ފެށި ސޮން ފަހުން ވަނީ ޖަރުމަނުގެ ކްލަބް ހެމްބާގަށް ބަދަލުވެފަ އެވެ. އޭނާ ހެމްބާގް ސީނިއާ ޓީމަށް ޕްރޮމޯޓްވެ 2010 އިން 2013 އަށް އެ ޓީމަށް ކުޅުމަށް ފަހު ދެން ފެނުނީ ބަޔާ ލެވަކޫސަން އިންނެވެ. އެއީ 2013 އިން 2015 އަށެވެ. ލެވަކޫސަނުގައި ސޮން ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2015 ވަނަ އަހަރު އޭރު ޓޮޓެންހަމްގެ ކޯޗަކަށް ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ވަނީ 30 މިލިއަން ޔޫރޯގެ ފީ އެއް ދެއްކުމަށް ފަހު ސޮންގެ ސޮއި ހޯދައިފަ އެވެ. ޔުނައިޓެޑްގެ ކޯޗުކަމާ މިިދިޔަ ޑިސެމްބަރު މަހު ހަވާލުވި ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ސޮން އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.