ކްލެއާފޮންޓެއިން: ފްރާންސްގެ ތަރިން އުފައްދާ ފެކްޓަރީ

ފްރާންސް އިން 20 އަހަރަށް ފަހު 2018 ވަަނަ ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމާ އެކު ގިނަ ބަޔަކު އޭރުގެ ފްރާންސް ޓީމުގައި ހިމެނުނު ކުޅުންތެރިންނާ ބެހޭ މައުލޫމާތު އެއްކުރަން ފެށި އެވެ. އޭރު އެފްރިކާގެ މީޑިއާތަކުން ދައްކަމުން ބުނަމުން އަކީ އެފްރިކާ އަށް ނިސްބަތްވާ ފްރާންސްގެ ކުޅުންތެރިން ވެސް ކާމިޔާބީގައި ޝާމިލުވާތީ ކޮންމެވެސް ވަރެއްގެ ހިއްސާއެއް އެ ގައުމުތަކަށް ވެސް އެބައޮތް ކަމަށެވެ. މި ހުރިހާ ވާހަކައެއް ގުޅުވައިދޭ އެއް ތަނަކީ ފްރާންސް ފުޓްބޯޅައިގެ އިސް މަރުކަޒެއްގެ ގޮތުގައި ލޭބަލް ވެފައިވާ "ކްލެއަފޮންޓެއިން ފުޓްބޯލް ސެންޓަރު" އެވެ. މިއީ ފްރާންސްގެ ކާމިޔާބީގެ ބޮޑު ހިއްސާ ދާރެކެވެ.


ކްރޮއޭޝިއާ 4-2 އިން ބަލިކޮށް 2018 ވަނަ އަހަރު ރަޝިގައި ބޭއްވި ފީފާ ވޯލްޑް ކަޕް ތަށި ފްރާންސް އިން އުފުލާލި ރޭ ވިދުންގަދަ އެއް ކުޅުންތެރިއަކީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ތަރި ކީލިއަން އެމްބާޕޭ އެވެ. ފައިނަލުގައި ވެސް ގޯލު ޖެހި އެމްބާޕޭ ވޯލްޑް ކަޕް ތަށްޓާ އެކު އުފާފާޅުކުރިއިރު އޭނާ އަތުގައި އޮތް ބެނާގައި ޝުކުރު އަދާކޮށްފައި އޮތީ ޒުވާން އުމުރުގައި އޭނާ އަށް އެންމެ ދެ އަަހަރު ފުޓްބޯޅައިގެ މުހިއްމު ކަންތައްތަކެއް އުނގަނައިދިިން ކްލެއާފޮންޓެއިން ޓްރެއިނިން ސެންޓަރަށެވެ.

ހަގީގަތުގައި ކޮންމެ ކުޅިވަރެއްގައި ވެސް ތަރިއަކު އުފެދެނީ ރަނގަޅު ބިންގަލެއްގެ މަތީގައި ފަށައިގެންނެވެ. ފްރާންސްގެ ފުޓްބޯޅައިގައި 21 ވަނަ ގަރުނު އައުމުގެ ކުރިން ވެސް ކްލެއާފޮންޓެއިންގެ އަޑު ގަދަ އެވެ. ނިކޮލަސް އަނެލްކާ އާއި ތިއަރީ އޮންރީ އަދި މާސެލް ޑެސައިލީގެ އިތުރުން ސިލްވައިން ވިލްޓޯޑް ފަދަ ކުޅުންތެރިންނަކީ އެ އެކެޑަމީން ތަމްރީން ވެފައި ތިބި ކުޅުންތެރިންނެވެ. ޒަމާން ބަދަލުވަމުން އަންނަ ވަރަކަށް ފުޓްބޯޅައިގެ ޓްރެއިނިން ބަދަލުވާއިރު، ކްލެއަފޮންޓެއިން އިން އަންނަނީ ކޮންމެ ބަދަލަކަށް ވެސް ހޭނި ކުޅުންތެރިން އުފެއްދުމުގައި ނަމޫނާ ދައްކަމުންނެވެ. ބަދަލުނުވެ އޮތީ ކުޅުންތެރިން ތަމްރީނު ކުރުމުގައި ސާބިތުވެ އޮތްއޮތުމެވެ.

ކްލެއާފޮންޓެއިން ސެންޓަރުގެ މަތިން ނަގާފައިވާ ފޮޓޯއެއް.
ކްލެއާފޮންޓެއިން އުފެދުނީ ކިހިނެއް؟

ފްރާންސްގެ އުތުރުގައި އޮންނަ ކްލެއާފޮންޓެއިންގެ ޖަންގަލި ސަރަހައްދެއްގެ ތެރޭގައި ބޮޑު ފުޓްބޯޅަ ދަނޑުތަކެއް ނެގޭގޮތަށް ބިމެއް އޮތުމުން 1982 ވަނަ އަހަރުގައި އޭރު ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފާނަންޑް ޝާސްޓްރޭގެ ވިސްނުމަށް އައީ ފުޓްބޯޅަ ސެންޓަރެއް ނޫނީ ފުޓްބޯޅައިގެ ސްކޫލެއް ވުޖޫދުކުރާށެވެ. އެ މަސައްކަތުގެ މަގު ޗާޓެއް އެކުލަވާލައި އޭނާ އެކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ގިނަ ކަންތައްތަކެއް ކުރި އެވެ.

ޓްރެއިނިންތައް ފަށަން މޮޑިއުލްތަކެއް އެކުލަވާލުމަށް ޓެކްނިކަލް ގިނަ ބަަޔަކާ މަޝްވަރާ ކުރުމަށް ފަހު އޭނާ އެންމެ ގަޔާވީ ރޮމޭނިއާގެ ލެޖެންޑަރީ ކޯޗު ސްޓެފަން ކޮވަކްސްގެ ޓެކްޓިކްސްތަަކަށެވެ. އެއަށް އަމާޒުކޮށް 1985 ވަަނަ އަހަރު ޓްރެއިނިން ސެންޓަރުގެ މަސައްކަތްތައް ފަށައިގެން ކްލެއާފޮންޓެއިން މިއަދާ ޖެހެންދެން ވެސް ފަސް އެނބުރި ބަލައެއްނުލަ އެވެ. ފްރާންސްގެ އެތަން މިތަނުން ކުޅުންތެރިން ހޯދައި އެ ކުޅުންތެރިން ޕްރޮފެޝަނަލުންނަށް ދަނީ ހަދަމުންނެވެ. އެ ސެންޓަރަކީ ފާއިތުވި 35 އަހަރު ތެރޭ ފްރާންސްގެ އެތައް ކުޅުންތެރިންނެއް ނެރުނު ފުޓްބޯޅަ ސްކޫލެވެ.

މި ޓްރެއިނިން ސެންޓަރުން ދަސްކޮށްދޭ ކަންތައްތަކަށް ބަލާއިރު މިއީ މަޝްހޫރު އެހެން އެކެޑަމީތަކާއި ތަފާތުކޮށް ހިންގާ ތަނެކެވެ. މި ސްކޫލު ފަށައިގަތީ ގިނަ ކުދިންތަކެއް ހިމަނައިގެން ކަމަށް ވިޔަސް ފަހުން އެލީޓް ޓްރެއިނިން ސެންޓަރަކަށް ބަދަލުކޮށް ފަހުން ޓްރަޔަލްތަކެއް ބާއްވާފައި އޭގެން 13 އަހަރާއި 15 އަހަރާ ދެމެދުގެ ބެޗެއް ނަގައިގެންނެވެ. އެއަށް ފަހު ކުޅުންތެރިން ޓްރެއިން ކުރަނީ އެވެ.

މޮޑިއުލް އެކުލަވާލާފައިވާ ގޮތުން ތިއަރީ ބައިގައި ކޮންމެ ކުޅުންތެރިޔަކަށް އެންމެ ފުރަތަަމަ ވެސް އެތުލީޓެއްގެ ދިރިއުޅުން ކިޔައިދެ އެވެ. ދެން ވިސްނައިދެނީ ހުނަރުގެ ބޭނުންކުރާނެ ގޮތެވެ. ރަނގަޅު ނިންމުން ނިންމާނެ ގޮތެވެ. އެ އަށް ފަހު ރަނގަޅުކުރަނީ ކުޅުންތެރިޔާ އަށް ލިބިފައިވާ ޓެކްނިކަލް ކަންތައްތަކެވެ. ދެން ޓީމެއްގެ ގޮތުގައި ކުޅޭނެ ގޮތް ކިޔައިދެ އެވެ. އެ އަށް ފަހު ގައުމީ ޓީމާ ހަމައަށް ދެވޭނެ ގޮތްތަކާއި އެހެނިހެން މުހިއްމު ކަންތައްތައް ދަސްކޮށްދެ އެވެ. މަހުން މަހަށް ކުޅުންތެރިންގެ ސްކޯ ޗާޓް ދައްކަ އެވެ. މިހެން ގޮސް އެކި ކުޅުންތެރިން ޑިވެލޮޕްކޮށްގެން ޕްރޮފެޝަނަލް ކްލަބްތަކުގެ ޔޫތު ޓީމުތަކުން ފުރުސަތު ހޯދައިދެ އެވެ.

ކްލެއަފޮންޓެއިންގެ ޝެޑިއުލް ރާވާފައިވަނީ ކުޅުންތެރިޔާގެ ޝެޑިއުލްގެ ތެރެއަށް ފެތޭ ގޮތަށެވެ. މީގެ ބޭނުމަކީ ކުޅުންތެރިންގެ ޑިވެލޮޕްމަންޓް ދެނެގަނެވޭނެ އުސޫލުތަކެއް ފެންނަން އޮތުމެވެ. އަދި ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރާޑަރު ތެރޭގައި އެ ގައުމުގެ ފުޓްބޯޅައިގެ މޮޅެތި އަދި ހުނަރުވެރި ހުރިހާ ކުޅުންތެރިންގެ މައުލާމާތު ވަގުތުން ވަގުތަށް ހުރުމެވެ.

2000 ވަނަ އަހަރުގެ ޔޫރޯ ތަށްޓާ އެކު ކްލެއާފޮންޓެއިންގެ އެއް ބެޗެއްގައި ޓްރެއިންވި ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން.

ކާމިޔާބީއާ ހަމައަށް ދިއުމަށް ކްލެއާފޮންޓެއިންގެ ވިޝަން އަކީ އަބަދުވެސް ގައުމީ ޓީމެވެ. އެ ޓްރެއިނިން ސެންޓަރުގައި ކޮންމެ ކުޅުންތެރިއެއްގެ މޮޓޯ އަކަށް ވެފައި އޮންނަނީ ވެސް ފްރާންސް ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިއަކަށް ކޮންމެ ކުޅުންތެރިއަކު ވުމެވެ. ކޮންމެ ކުޅުންތެރިއަކަށް ވެސް އޮންނަނީ އެ ކުޅުންތެރިއަކު އިހުތިޔާރުކުރާ މަގާމެއްގައި ކުޅުމުގެ ފުރުސަތު ދީފަ އެވެ. އެކަމަކު އެ ކުޅުންތެރިއަކު ބޭނުންވާ މަގާމަކަށް ކުޅެ ކުރިއެރުމެއް ނުލިބޭނަމަ ކުޅުންތެރިންގެ ޕްރޮގްރެސް ރިޕޯޓަށް (ސްކޯ ޗާޓަށް) ބަލާފައި ކުޅޭ މަގާމަށް ބަދަލު ގެނެއެވެ. މިސާލަކަށް ބަލާނަމަ މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް އަށް ކުރިން ކުޅުނު ފޯވާޑް ލުއިސް ސަހާ ވަނީ ކްލެއަފޮންޓެއިންގެ އެކެޑަމީގައި ފުލްބެކަކަށް ކުޅެފަ އެވެ. އެކަމަކު އޭނާގެ ޕްރޮގްރެސް ރިޕޯޓްތަކުން އޭނާ އަށް ފޯވާޑަކަށް ކުޅެވޭނެ ކަން އެނގުމާ އެކު ފަހުން މުޅި ރޯލު ބަދަލުކޮށް އޭނާ ފޯވާޑަކަށް ހެދީ އެވެ.

ޓްރެއިނިން ފޭސްތައް ބެހިފައި އޮންނަ ގޮތުން ކުޅުންތެރިން ފުރަތަމަ އިންޑިވިޖުއަލް ޑިވެލޮޕްމަންޓަށް ކުޑަ ދަނޑެއްގައި މަސައްކަތްކުރާއިރު ވެސް ފޯމޭޝަނަކާ އެއްގޮތަށް ބޯޅަ ކުރިއަށް ގެންދާނެ ގޮތް ބުނެދެ އެވެ. އެގޮތުން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ވިސްނުމާ އެކު ހުރިހާ ކުޅުންތެރިން ވެސް ފަހަކަށް އައިސް އިންޑިވިޖުއަލް އިން ފެށިގެން ޓީމު ޓްރެއިނިންއާ ހަމައިން ވެސް ކުރިއަށްގެންދަނީ 4-3-3 ފޯމޭޝަނަށެވެ. ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލުކުރާގޮތުގައި 4-4-2 ގެ ޒަމާން މާޒީވެ، މިހާރު ފެންނަ ޓެކްޓިކަލް އަދި ޓެކްނިކަލް ފުޓްބޯޅަ ފެންނަން އޮތީ އެންމެ ފުރަތަމަ އިރުއް ފެށިގެން ވެސް 4-3-3 އަށް ކުޅުވަން ފަށައިގެންނެވެ. އެ ގޮތަށް ހާނުވައިގެންނެވެ.

ކުޅުންތެރިން ޑިވެލޮލްމަންޓުގެ ކްރައިޓީރިއާތައް އިވެލުއޭޓްކުރާއިރު ސްޕޯޓްސް ސައިންޓިސްޓެއް މެދުވެރިކޮށް ކުޅުންތެރިންގެ ތިން ކަމަކަށް ކްލެއާފޮންޓެއިންގައި ފޯކަސް ކުރެ އެވެ. އެއީ ސައިކޮލޮޖިކަލް، މެޑިކަލް އަދި ފިޒިކަލް އެވެ. މި ތިން ބައިން ކުޅުންތެރިންނަށް ޓެސްޓް ދެނީ ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށް ފްރާންސްގެ ކުޅުންތެރިންނާ ގުޅޭނެ ވިސްނުންތަކާ އެކީގަ އެވެ. ކުޅުންތެރިންނަށް ރޯލް މޮޑެލުން ދެނީ ވެސް ފްރާންސް ފުޓްބޯޅައިގެ ނުވަތަ ޔޫރަޕްގެ ކުޅުންތެރިން ދައްކައިގެންނެވެ. މިސާލަކަށް ބަލާނަމަ އެމްބާޕޭގެ ރޯލް މޮޑެލަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެގެންދިޔައީ ވެސް މި ކަހަލަ ޓެސްޓްތަކުގެ ތެރެއިން ފެނިގެންދިޔަ ކަންތައްތަކަށް ފަހު އެވެ

ޓެސްޓްތަކަށް ބަލާއިރު ސައިކޮލޮޖިކަލް ޓެސްޓް ވަރަށް މުހިއްމެވެ. މީގައި ބަލާނީ ކުޅުންތެރިޔާގެ އުމުރާ ގުޅޭ ގޮތުން ދިމާވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތެވެ. މީގެ ތެރޭގައި ޓީމުގެ ތެރޭގައި ދިމާވާ ކަންތައްތަކާއި އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި އެންމެ ރަނގަޅު ނިންމުން ނިންމަން ކުޅުންތެރިޔާ ތައްޔާރުކުރެ އެވެ. އޭގެ ތެރޭގައި ކުޅުންތެރިން މީޑިއާއާ ކުރިމަތިލައި އިންޓަވިއު ދިނުމާއި އެ ފަދަ ކަންކަމަށް ވެސް އަހުލުވެރިކުރެ އެވެ.

މެޑިކަލް ޓެސްޓް ބައިން އަނިޔާގެ ސަބަބުން ދިމާވާ އުނދަގޫތަކާއި ނަފްސާނީ ގޮތުންކުރިމަތިވާ ޗެލެންޖްތައް ވަކިކޮށް ރަނގަޅު ވިސްނުމުގައި މިސްރާބުން ކައްސައިނުލައި ކުރިއަށްދާނެ ގޮތްތައް މި ޓެސްޓްގެ ތެރެއިން ކުޅުންތެރިންނަށް ބުނެދެ އެވެ. އެ އަށް ފަހު ފިިޒިކަލް ޓެސްޓްގެ ތެރެއިން އަނިޔާވުމުން ރިކަވަރީގައި އަމަލުކުރަން ޖެހޭނެ ގޮތާއި ދެ ވަނަފަހަރަށް އެއް އަނިޔާއެއް ތަކުރާރުނުވާނެ ގޮތަށް އަަމަލުތައް ބެހެއްޓޭނެ ގޮތްތައް ބުނެދެ އެވެ. އަދި އެއް އަނިޔާއެއް ތަކުރާރު ވިޔަސް އަލުން ޖެހިލުމެއް ނެތި ކެރިއަރު ކުރިއަށް ގެންދިއުމަށް އަމަލުކުރާނެ ގޮތް ވެސް ކުޅުންތެރިންނަށް ކިޔައިދެ އެވެ. އޭގެ އެއް މިސާލަކީ ދެ ފަހަރެއްގެ މަތިން ފައި ބިންދައިގެން ދިޔަ ފްރާންސްގެ ފޯވާޑް ޖިބްރީލް ސީސޭ އެވެ.

ގެނައި ކުޑަ ބަދަލުތަކަކުން އުހަށް

ކްލެއާފޮންޓެއިން އިން ހަމައެކަނި ފޯކަސް ކުރަނީ ފްރާންސް ފުޓްބޯޅައިގެ ވަކި އުމުރުފުރާއެއްގެ ކުޅުންތެރިންނަށް ކަމަށާއި އޭގެ އިން މާ ބޮޑު ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވާން ފެށީ 2001 އިން ފެށިގެން 2012 ވަަނަ އަހަރާ ހަމައަށެވެ. އެއީ އޭރު ފްރާންސް ގައުމީ ޓީމުތަކަށް މާ ބޮޑު ކާމިޔާބީއެއް ނުލިބޭ ކަމަށް ބުނެ އެވެ.

ކްލެއާފޮންޓެއިންގެ ޔޫތު ޕްރޮގްރާމްގެ ތެރެއިން ގިނަ މެޗުތަކަށް ރާވާ: ޔޫތު ލެވަލްގެ މެޗެއްގެ ތެރެއިން ފްރާންސްގެ ހަތެމް ބެން އާފާ (ކ) އާއި ސްޕެއިނުގެ ސެސް ފަބްރެގަސް.-- ފޮޓޯ: ފްރާންސް ފުޓްބޯލް

ކްލެއާފޮންޓެއިންގެ ކަރިކިއުލަމް އާއި ޓްރެއިން ދޭ އުސޫލުތައް ބަދަލުކުރަން ފްރާންސްގެ މަޝްހޫރު ކޯޗުން ގޮވާލި އެވެ. އެކަމަކު ވެސް ޓްރެއިނިން ދޭ އުސޫލުތަކަށް ބަދަލު ނުގެނެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ އެހީގައި ކްލެއާފޮންޓެއިން އިން ދެން ފެށީ ސްކައުޓުންތަކެއް ތަމްރީންކޮށް ފްރާންސާއި ގުޅޭ އެތަން މިތަނުން ހުނަރުވެރި ކުޅުންތެރިން ހޯދާށެވެ. އެގޮތުން ފްރާންސްގެ ގިނަ ސްކައުޓުން މިސްރާބު ޖެހީ އެފްރިކާ ބައްރުގެ ރެފިއުޖީ ކޭމްޕްތަކާއި އެފްރިކާ އިން ފްރާންސަށް ހިޖުރަކޮށްގެން އުޅޭ އާއިލާތަކުގެ ތެރެއިން ފުޓްބޯޅައިގެ ހުނަރުވެރިން ހޯދާށެވެ. ހާއްސަކޮށް ފުރުސަތު ނުލިބި ހުރި ދިމާތަކަށް ފޯކަސް ކުރާށެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅެވެ. ކްލެއާފޮންޓެއިން އިން ބޭނުންވާ ވަރުގެ ހަތް ވަރަކަށް ބެޗް ނެރެވޭ ވަރަށް ކުޅުންތެރިން ހޯދުނެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް މިހާރު ޔޫރަޕްގެ މަޝްހޫރު ކްލްބަތަކުގެ އިތުރުން ފްރާންސް ގައުމީ ޓީމަށް ވެސް ކުޅެ އެވެ. މިސާލަކަށް ބަލާނަމަ އެންގޯލޯ ކާންޓޭ، އެންތަނީ މާޝިއަލް އަދި ބެންޖަމިން މެންޑީ ފަދަ ކުޅުންތެރިން ފުދޭނެ އެވެ.

ފްރާންސް ފުޓްބޯޅައިގެ މަންޒަރު ބަދަލުވެގެންދިޔަ ކްލެއާފޮންޓެއިންގެ މި އުސޫލުތައް ފަހަކަށް އައިސް އެހެން ގައުމުތަކުން ވެސް އަންނަނީ ކޮޕީ ކުރަމުންނެވެ. އޭގެ ތެރޭގައި އިންގްލެންޑާއި ލެޓްވިއާ، ތުރުކީ، ބެލްޖިއަމް އަދި ގަތަރު ވެސް ހިމެނެ އެވެ. މި ގައުމުތަކުގެ ސްކައުޓުން އެފްރިކާގައި ހަރަކާތްރިވާ އަދަދު ފްރާންސެކޭ މިހާރު ދާދި އެއްވަރެވެ. ކްލެއާފޮންޓެއިންގެ ކާމިޔާބީގެ އަސްލަކީ ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނާއި އެ ޓްރެއިނިން ސެންޓަރުގެ ގުޅުން ރަނގަޅުވުމެވެ. ފްރާންސް ފުޓްބޯޅައިގައި މިހާރު އެކި ގައުމުތަކަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާއިރު، ފްރާންސްގެ އާއިލާ އަކަށް އުފަން ނުވި ނަމަވެސް ފްރާންސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެ ކުޅުންތެރިންގެ ހިތްތަކުގައި ޖައްސުވައިދެނީ ކްލެއާފޮންޓެއިންގެ ތެރެއިންނެވެ. މިހާރު އެތަން މަޝްހޫރު ވެފައި އޮތީ ފުޓްބޯޅަ ތަރިން އުފައްދާ ފެކްޓަރީއެއްގެ ގޮތުގަ އެވެ.

ނޯޓް:

މިއީ ފްރާންސް ފުޓްބޯލް އާއި ދީސް ފުޓްބޯލް ޓައިމްސްގެ ފީޗާ ލިޔުންތަކާއި ފްރާންސްގެ ޓީވީ ސްޕޯޓްސްގެ ޑޮކިއުމެންޓްރީއަކަށް ބިނާކޮށްފައިވާ ރިޕޯޓްކެވެ.