ރޮނާލްޑޯ އުސޫލާ ހިލާފުވެއްޖެ: އިޓަލީ މިނިސްޓަރު

ޓިއުރިން (އޮކްޓޫބަރު 16) - ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ސަރުކާރުން ހަދާފައިވާ ސިއްހީ ޕްރޮޓޮކޯލްތަކާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިލާފުވެފައިވާ ކަމަށް އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވެއްޖެ އެވެ.


ރޮނާލްޑޯ ޕޯޗުގަލަށް ގޮސް އެ ގައުމުގެ ދެ މެޗެއްގައި ކުޅެފައިވަނިކޮށް އޭނާ ވަނީ ހޯމަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާ ވަނީ ހާއްސަ އިހުތިޔާރެއްގެ ދަށުން އަމިއްލަ ޖެޓުގައި ބުދަ ދުވަހު އެނބުރި އިޓަލީ އަށް ގޮސް އައިސޮލޭޓް ވެފަ އެވެ. ސްޕަޑަފޯރާ ވިދާޅުވީ އޭނާގެ ނަޒަރުގައި ރޮނާލްޑޯ އުސޫލާ ހިލާފުވެފައިވާ ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ ރޮނާލްޑޯ އުސޫލާ ހިލާފުވެފައިވާ ކަމަށް. އަހަރެމެން ވަކި އޭނަ އަށް ވީމަ ހާއްސަ ހުއްދައެއް ނުދެން. ސިއްހީ ޕްރޮޓޮކޯލްގެ ދަށުން ނަގަންޖެހޭ ބައެއް ހުއްދަތަކެއް ފުރިހަމަނުވެ ހުއްޓައި ރޮނާލްޑޯ ވަނީ އިޓަލީ ދޫކޮށް ޕޯޗުގަލް އަށް ވެސް މީގެ ކުރިން ގޮސްފައި،" އިޓަލީގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ސްޕަޑަފޯރާ ވިދާޅުވި އެވެ.

އިޓަލީގެ ސިއްހީ އިދާރާތަކުން ކަނޑައަޅާފައިވާ ނިއު ނޯމަލް ޕްރޮޓޮކޯލްގެ ތެރެއިން ޓީމެއްގެ ކުޅުންތެރިން ނޫނީ އޮފިޝަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ފަހު ނަތީޖާ ނުލިބެނިސް ގައުމު ދޫކޮށް ނުދެވޭނެ އެވެ. އެކަމަކު ރޮނާލްޑޯގެ އިތުރުން ޔުވެންޓަސް އަށް ކުޅޭ ދެކުނު އެމެރިކާގެ ކުޅުންތެރިން ކަމަށްވާ ޕައޮލޯ ޑިބާލާ، ހުއާން ކުއަޑްރާޑޯ، ޑަނީލޯ އަދި ރޮޑްރީގޯ ބެންޓަންކޫރު ވަނީ ކޮވިޑް-19 ޓެސްޓްގެ ނަތީޖާ ނުލިބެނީސް ގައުމީ ޓީމުގެ މެޗުތައް ކުޅެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމަށް ގޮސްފަ އެވެ. އިޓަލީގެ ހެލްތު އޮތޯރިޓީން އެ ކުޅުންތެރިންގެ މި މައްސަލަ ބަލަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އެ މައްސަލައިގައި ރޮނާލްޑޯ އާއި ބާކީ ކުޅުންތެރިން ޖޫރިމަނާއެއް ދައްކަން ޖެހުމުގެ ފުރުސަތު ބޮޑެވެ.

ޔުވެންޓަސްގެ ރައީސް އަދްރެއާ އަގްނެލީ ވިދާޅުވީ އިޓަލީ ސަރުކާރުގެ އިސް ވެރިއަކު ރޮނާލްޑޯ ފަދަ ކުޅުންތެރިއަކު ބޮލުގައި އެ ފަދަ އިލްޒާމެއް އަޅުވާއިރު ހަގީގަތް ސާފުކޮށް ފެންނަން އޮންނަން ޖެހޭނެ ކަމަށާއި ރޮނާލްޑޯ ހިލާފުވި ގަވާއިދެއް ލިޔުމަކުން އަންގައިދިނުމަށް އެދޭ ކަމަށެވެ.

"ރޮނާލްޑޯ އެނބުރި އިޓަލީ އަށް އައީ ހުއްދަ ލިބެންޖެހޭ ފަރާތްތަކުން ހޯދައިގެން. އޭނަ ހިލާފުވި ގަވާއިދެއް ބުނެދިނުން އެދެން. ރޮނާލްޑޯ މި ވަގުތު ހުރީ އަމިއްލަ ގޭގައި އައިސޮލޭޝަނުގައި،" އަގްނެލީ ވިދާޅުވި އެވެ.

ޔުވެންޓަސްގެ އެމެރިކާ މިޑްފީލްޑަރު ވެސްޓަން މެކްކެނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެ ޓީމުގެ ކުޅުންތެރިން ވަނީ އައިސޮލޭޓްކޮށް ޓެސްޓްކޮށްފަ އެވެ. ރޮނާލްޑޯ އާއި މެކްކެނީ މިހާރު އައިސޮލޭޝަނުގައި ތިބީ 10 ދުވަސް ވަންދެނެވެ. މިހާރު އޮތް ގޮތުން އެ ކުޅުންތެރިންގެ ޓެސްޓް ދެން ކުރާނީ މި މަހު 21 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޓެސްޓުން ދެ ކުޅުންތެރިން ނެގެޓިވްވެއްޖެނަމަ އޭގެ ހަފްތާއެއް ފަހުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ދެ ކުޅުންތެރިންނަށް ކުޅެވޭނެ އެެވެ.