ބާސެލޯނާގެ އިންތިހާބީ ކެންޑިޑޭޓަކު އެމްބާޕޭއާ ވާހަކަދައްކަނީ

ޕެރިސް (އޮކްޓޫބަރު 17) - ބާސެލޯނާގެ އެޓޭކް ވަރުގަދަކުރަން ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ގެންނަން ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށް، އަންނަ އަހަރު ބާއްވާ ބާސެލޯނާގެ އިންތިހާބުގައި ވާދަކުރައްވާ ވިކްޓަ ފޮންޓްގެ ގާތް ފަރާތްތަކާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.


އުމުރުން 21 އަހަރުގެ އެމްބާޕޭ އަކީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް ގެންނަން ބޭނުންވާ ކުޅުންތެރިއެކެވެ. އެމްބާޕޭ ގެންނަން އެ ރޭހުގައި އިންގްލެންޑްގެ ޗެމްޕިއަން ލިވަޕޫލުން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މީގެ ކުރިން ބާސެލޯނާ އާއި އެމްބާޕޭއާ ގުޅުވައިގެން މާ ބޮޑު ވާހަކަތަކެއް ނުދެކެވުނު ނަމަވެސް ފޮންޓް ވަނީ އެމްބާޕޭ އަށް ތައުރީފުކޮށް ތަކުރާރުކޮށް ވާހަކަ ދައްކައިފަ އެވެ.

ބާސެލޯނާގެ ރައީސްކަމަށް ވާދަކުރާ ފޮންޓް.-- ފޮޓޯ: ބާސެލޯނާ

އެމްބާޕޭ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރީ 2022 ގެ ނިޔަލަށެވެ. މޮނާކޯ ދޫކޮށް ޕީއެސްޖީން 2017 ވަނަ އަހަރު އެމްބާޕޭގެ ސޮއި ހޯދީ 208 މިލިއަން ޑޮލަރަށެވެ. އެއީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. ރިޕޯޓްތައް ބުނާގޮތުން 100 މިލިއަން ޑޮލަރުގެ އަގަކަށް އަންނަ އަހަރު ޕީއެސްޖީން އެމްބާޕޭ ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. ރިޕޯޓްތައް ބުނާގޮތުން ފޮންޓްގެ ވިސްނުން ހުރީ އެންޓޮއިން ގްރީޒްމަން ޕީއެސްޖީ އަށް ދީފައި އަގުހެޔޮ ޑީލެއްގެ ތެރެއިން އެމްބާޕޭ ހޯދަން މަސައްކަތްކުރުމަށެވެ.

ބާސެލޯނާގެ މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއުގެ ބޯޑުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތްތައް ކްލަބްގެ މެމްބަރުން އިސްވެ ކުރަމުންދާއިރު، އެ ކަންތައްތައް ކުރިއަށްދާ ގޮތަކުން ބާޓޮމެއު މަގާމުން އިސްތިއުފާ ދީފާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މިހާރު އޮތްގޮތުން ބާސެލޯނާގެ އާ ރައީސަކު ހޮވާ އިންތިހާބު އޮންނާނީ އަންނަ އަހަރު މާޗް މަހު އެވެ.

ފޮންޓް އިންތިހާބުގައި ވާދަކުރަނީ ކުރީގެ ކުޅުންތެރިން ކަމަށްވާ ޒަވީ ހެނާންޑޭޒާއި ކާލޮސް ޕުޔޯލްގެ ސަޕޯޓާ އެކުގަ އެވެ. ފޮންޓް އަށް ބާސެލޯނާގެ ރައީސްކަން ލިބިއްޖެނަމަ ޒަވީ އެ ޓީމުގެ ކޯޗަކަށް ގެންނާނެ ކަމަށް ބުނެފައިވީ ނަމަވެސް ފަހުން އޭނާ ވަނީ އެ ވާހަކަތައް ބަދަލުކޮށްފަ އެވެ. ފޮންޓް ބުނީ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަންގެ މަސައްކަތް ރަނގަޅުނަމަ އޭނާ މަގާމުގައި ބަހައްޓާނެ ކަމަށާއި ޒަވީ އާއި ޕުޔޯލް ގެންނާނީ ޓީމުގެ އެހެން އިސް މަގާމުތަކަކަށް ކަމަށެވެ.