އިޓަލީ މިނިސްޓަރުގެ ވާހަކަތަކަށް ރޮނާލްޑޯ ރައްދުދީފި

ޓިއުރިން (އޮކްޓޫބަރު 17) - ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ސަރުކާރުން ހަދާފައިވާ ސިއްހީ ޕްރޮޓޮކޯލްތަކާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިލާފުވެފައިވާ ކަމަށް އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާ ދެއްކެވި ވާހަކަތަކަށް ރޮނާލްޑޯ ރައްދުދީފި އެވެ.


ރޮނާލްޑޯ އިޓަލީ ދޫކޮށް ގައުމީ ޓީމާ ގުޅެން ޕޯޗުގަލަށް ދިޔައީ ކޮވިޑް-19 ޓެސްޓް ހެދުމަށް ފަހު ނަތީޖާ ނުލިބެނިސް އެވެ. މިއީ އިޓަލީގެ ސިއްހީ ގައިޑްލައިނާ ހިލާފުކަމެއްކަމަށްވާތީ އެ މައްސަލަ ދަނީ ބަލަމުންނެވެ. ޕޯޗުގަލް ގައުމީ ޓީމާ އެކު ހުއްޓައި ރޮނާލްޑޯ މިދިޔަ ހޯމަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވިިއިރު، އިޓަލީ ސަރުކާރުގެ ހުއްދައާ އެކު މިދިޔަ ބުދަ ދުވަހު އޭނާ ވަނީ އަމިއްލަ ޖެޓުގައި އިޓަލީ އަށް ގޮސްފަ އެވެ.

ބުރާސްފަތި ދުވަހު އިޓަލީގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ސްޕަޑަފޯރާ ވަނީ ރޮނާލްޑޯ އުސޫލާ ހިލާފުވި ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅޭގޮތުން ވާހަަކަ ދައްކަވަމުން ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ވިދާޅުވީ ރޮނާލްޑޯ ހިލާފުވި އުސޫލެއް ބަޔާންކޮށްދޭން ޖެހޭނެ ކަމަށާއި އޭނާ އަށް އެނގިގެން ރޮނާލްޑޯ އަމަލުކުރީ ހުރިހާ އުސޫލަކާ އެއްގޮތަށް ކަމަށެވެ.

މިކަމާ ބެހޭގޮތުން ރޮނާލްޑޯ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ލައިވް އިންޓަވިއުއެއްގައި ބުނެފައިވަނީ އެއްވެސް ޕްރޮޓޮކޯލަކާ ހިލާފުވެފައިނުވާނެ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވުމުން ޕޯޗުގަލްގެ ޓްރެއިނިން ސެންޓަރުގައި އައިސޮލޭޓްވެ ހުރެ ރޮނާލްޑޯ ގައުމީ ޓީމުގެ ޕްރެކްޓިސް ބަލަނީ.-- ފޮޓޯ: އޭއެފްޕީ

"އެއްވެސް ޕްރޮޓޮކޯލަކާ ހިލާފެއް ނުވަން. އަހަރެން ދަތުރުފަތުރުކުރީ ހުރިހާ ހުއްދައެއް ހޯދައިގެން. އެކަމަކު ކޮންމެވެސް މީހެއް، އަހަރެން އެ މީހެއްގެ ނަމެއް އިޓަލީގައި ހުރެ ނުބުނާނަން، އެބަ ބުނޭ އަހަރެން ޕްރޮޓޮކޯލަށް އިހުތިރާމެއް ނުކޮށް އުސޫލާ ހިލާފުވެއްޖެއޭ. އެކަމަކު އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް،" އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ސްޕަޑަފޯރާ އަށް އިޝާރާތްކޮށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ މި ވަގުތު އައިސޮލޭޝަނުގައި ހުރީ މި މަހު 21 އާ ހަމައަށެވެ. އޭރު ކުރާ ޓެސްޓުން އޭނާ ނެގެޓިވްވެއްޖެނަމަ ޓީމާ ގުޅުމުގެ ހުއްދަ ލިބޭނެ އެވެ. ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ އެމެރިކާ މިޑްފީލްޑަރު ވެސްޓަން މެކްކެނީ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އިޓަލީގެ ސިއްހީ އިދާރާތަކުން ކަނޑައަޅާފައިވާ ނިއު ނޯމަލް ޕްރޮޓޮކޯލްގެ ތެރެއިން ޓީމެއްގެ ކުޅުންތެރިން ނޫނީ އޮފިޝަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ފަހު ނަތީޖާ ނުލިބެނިސް ގައުމު ދޫކޮށް ނުދެވޭނެ އެވެ. އެކަމަކު ރޮނާލްޑޯގެ އިތުރުން ޔުވެންޓަސް އަށް ކުޅޭ ދެކުނު އެމެރިކާގެ ކުޅުންތެރިން ކަމަށްވާ ޕައޮލޯ ޑިބާލާ، ހުއާން ކުއަޑްރާޑޯ، ޑަނީލޯ އަދި ރޮޑްރީގޯ ބެންޓަންކޫރު ވަނީ ކޮވިޑް-19 ޓެސްޓްގެ ނަތީޖާ ނުލިބެނީސް ގައުމީ ޓީމުގެ މެޗުތައް ކުޅެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމަށް ގޮސްފަ އެވެ. އިޓަލީގެ ހެލްތު އޮތޯރިޓީން އެ ކުޅުންތެރިންގެ މި މައްސަލަ ބަލަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އެ މައްސަލައިގައި ރޮނާލްޑޯ އާއި ބާކީ ކުޅުންތެރިން ޖޫރިމަނާއެއް ދައްކަން ޖެހުމުގެ ފުރުސަތު ބޮޑެވެ.