ރޭންކިން އެއް ވަނައާ ފިޔަވަޅަކާ ގާތަށް މަރޭ ޖެހިލައިފި

ވިއެނާ، އޮސްޓްރިއާ (އޮކްޓޯބަރު 31) - އޮސްޓްރިއާގައި ކުރިއަށްދިޔަ އާސްޓް ބޭންކް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް އެންޑީ މަރޭ ދުނިޔޭގެ ރޭންކިން އެއް ވަނައާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.


މި ފަހަރުގެ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްކޮޓްލެންޑަށް އުފަން މަރޭ އާސްޓް ބޭންކް އޯޕަން ކާމިޔާބުކުރީ އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލުގައި ފްރާންސްގެ ޖޯ ވިލްފްރިއެޑް ސޮންގާ ބަލިކުރުމަށް ފަހު އެވެ. މަރޭ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-3 7-6 އިންނެވެ.

މަރޭ ވަނީ ސޮންގާއާ ދެކޮޅަށް ކުޅުނު 16 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފަ އެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި މި ވަގުތު ސާބިއާގެ ނޮވަކް ޖޮކޮވިޗް އޮތީ 12،900 ޕޮއިންޓާ އެކު އެވެ. މަރޭ ދެ ވަނައިގައި އޮތީ 10،985 ޕޮއިންޓާ އެކު އެވެ.

އަންނަ ހަފްތާގައި އޮންނަ ޕެރިސް މާސްޓާސް މުބާރާތުގެ ނަތީޖާ ދެ ގޮތަކަށް ނުކުމެއްޖެނަމަ މަރޭ އަށް ރޭންކިން އެއް ވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ. ފުރަތަމަ ގޮތަކީ މުބާރާތުގެ ފައިނަލުން ޖޮކޮވިޗަށް ޖާގަ ނުލިބި މަރޭ އެ މުބާރާތް ކާމިޔާބު ކޮށްފިނަމަ އެވެ. އަނެއް ގޮތަކީ ޖޮކޮވިޗަށް މުބާރާތުގެ ސެމީ ފައިނަަލުން ޖާގަ ނުލިބި މަރޭ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިނަމަ އެވެ.

އުމުރުން 29 އަހަރުގެ މަރޭ ބުނީ ރޭންކިން އެއް ވަނަ އަށް އެރުމަކީ ކޮންމެ ކުޅުންތެރިޔެއްގެ ވެސް އުއްމީދެއް ކަމަށާއި އެހެން ނަމަވެސް އޭނާ މި ވަގުތު އިސްކަމެއް ދެނީ މިހާރު ހުރި ފޯމު ދެމެހެއްޓުމަށް ކަމަށެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި އެންމެ ރަނގަޅަށް ކުޅެވޭ ސީޒަން. ކޮންމެ ކުޅުންތެރިޔެއްގެ ވެސް ހުވަފެނެއް އެއީ ރޭންކިން އެއް ވަނަ އަށް އެރުމަކީ. އެކަމަކު އަހަރެން ބޭނުމީ މިހާރު މިހުރި ފޯމު ދަމަހައްޓަން. އެހެން ކަމަކަށް މާބޮޑު ސަމާލުކަމެއް ދީގެން ކުޅުމަށް އަސަރުކުރަން އަހަރެން ބޭނުމެއް ނޫން،" މަރޭ ބުންޏެވެ.

އާސްޓް ބޭންކް އޯޕަން އަކީ މަރޭގެ ޓެނިސް ކެރިއަރުގައި އޭނާ އަށް ލިބުނު 42 ވަނަ ތަށްޓެވެ.