ޔުނައިޓެޑާއި ޗެލްސީ އެއްވަރުވިއިރު، ލިވަޕޫލް ދެ ވަނަ އަށް

މެންޗެސްޓާ (އޮކްޓޫބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑު ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ފަހަތުން އަރައި 2-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.


ލީގުގެ އެއް ވަނައިގައި އެވަޓަން އޮތް ލިވަޕޫލާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. އެވަޓަން އެއް މެޗު މަދުންކުޅެފައިވާއިރު މިރޭ ރަށުންބޭރުގައި ސައުތެމްޓަން އަތުން މޮޅުވެއްޖެނަމަ އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ. ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓާ އެކު ޗެލްސީ ލީގުގެ ހަ ވަނައިގައި އޮތްއިރު، ފަސް މެޗުން ހަތް ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ 15 ވަނައިގަ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ޗެލްސީގެ ގޯލުގައި ހުރި ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި މާކަސް ރެޝްފޯޑާއި ހުއާން މަޓާ ފޮނުވާލި ބޯޅަތައް މަތަކުރިއިރު، ދެ ވަނަ ހާފްގައި ރެޝްފޯޑް ޖެހި ބޯޅަ ވެސް ވަނީ ހުއްޓުވައިފަ އެވެ. ފުރަތަމަ ފަހަރަށް ޔުނައިޓެޑް ޖޯޒީގައި ކުޅުނު އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ވެސް ވަނީ ކުޅެން އެރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ޔުނައިޓެޑްގެ ކެޕްޓަން މެގުއާ (ކ) ޗެލްސީގެ އަޒްޕިލިކުއޭޓާ ކަރުގައި އަތް އަޅުވާލައިގެން.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ރޭގެ މެޗުގައި ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެއީ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ ކަރުގައި އަތްއަޅުވާލައިގެން ހުރުމުންނެވެ. މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ އެ މަންޒަރު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ނުބެލީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށާއި ޔަގީނުން ވެސް އެނގޭ ކަމަކީ އެއީ ޕެނަލްޓީއެއް ދޭން ޖެހޭ ފައުލެއް ކަމަށެވެ.

މިއީ މިދިޔަ 48 އަހަރު ތެރޭ ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ ތިން މެޗުން އަމިއްލަ ދަނޑުގައި މޮޅެއް ނުލިބި ދިޔަ ފުރަތަމަ ފަހަރެވެ. ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ކްރިސްޓަލް ޕެލަސް އާއި ޓޮޓެންހަމް އަތުން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މިއީ ބޭނުންވި ނަތީޖާ ނޫން ކަމަށާއި އެކަމަކު މެޗުގެ ހާލަތު ދިޔަ ގޮތުން މި ޕޮއިންޓް މިއީ އެންމެ ގޯސް ނަތީޖާއެއް ގޮތުގައި ނުދެކޭނެ ކަމަށެވެ.

ލިވަޕޫލް ދަނޑުގައި ރޭގެ މެޗު ފަށައިގެން 13 ވަނަ މިނިޓްގައި ޝެފީލްޑް އިން ވަނީ ސެންޑާ ބާގާ ޕެނަލްޓީން ލީޑުނަގައިފަ އެވެ. މިއީ ލިވަޕޫލްގެ ފަބީނިއޯ ޝެފީލްޑްގެ އޮލީ މެކްބާނީ އަށް ފައުލުކުރިކަމަށް ބަލައި ދިން ޕެނަލްޓީ އެކެވެ. އެ ފައުލަށް ފުރަތަމަ ދިނީ ގޯލު ރޮނގުމަތިން ހިލޭ ޖެހުމެކެވެ. އެކަމަކު ފަހުން ވީއޭއާރް އިން ބެލުމަށް ފަހު ޕެނަލްޓީ އަކަށް ބަދަލުކުރި އެވެ. ޝެފީލްޑްގެ ލީޑުފުޅާކުރަން ބެން އޮސްބޯން ޖެހި ބޯޅަ ލިވަޕޫލްގެ ގޯލުގައި ހުރި އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން އެއްވަރުކުރީ ރޮބާޓޯ ފިރްމީނޯ ޖެހި ގޯލުންނެވެ. މެޗުގެ 41 ވަނަ މިނިޓްގައި ސަޑިއޯ މާނޭ ބޮލުން ޖެހި ބޯޅައެއް ޝެފީލްޑް ކީޕަރު އާރޮން ރާމްސްޑޭލް އަތުގައި ޖެހިފައި ނުކުތްވަގުތު ފިރްމީނޯ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ލިވަޕޫލަށް ލީޑުނަގައިދޭން މުހައްމަދު ސަލާހް ޖެހި ގޯލެއް ވީއޭއާރް މެދުވެރިކޮށް ބަލައި ވަނީ އޮފްސައިޑްކަމަށް ނިންމައިފަ އެވެ.

ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނިޓްގައި ޑިއޯގޯ ޔޮޓާ އެވެ. އޭނާ މި ލަނޑު ޖެހީ މާނޭ ނަގައިދިން ހުރަހަކުން ބޮލުންނެވެ.

ލީގުގައި އިއްޔެ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވެފަ އެވެ. މިކޭލް އެންޓޯނިއޯ ފުރަތަމަ ހާފުގައި ޖެހި މޮޅު ގޯލުން ވެސްޓް ހޭމް އިން ލީޑުނަގާފައިވަނިކޮށް ސިޓީ އަށް ދެ ވަނަ ހާފްގައި އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފިލް ފޯޑެން އެވެ. ސިޓީ މޮޅުކޮށްދޭން ރަހީމް ސްޓާލިން އަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

މި ނަތީޖާއާ އެކު ސިޓީ އޮތީ ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ފަސް މެޗަށް ފަހު ލީގެއްގައި އޭނާ ކޯޗުކޮށްދޭ ޓީމަކަށް 10 ޕޮއިންޓަށް ވުރެން މަދުން ލިބުނު ފުރަތަމަ ފަހަރެވެ.