މަގާމް ދިފާއުކުރަން ޖޮކޮވިޗް އަމާޒު ހިފައިފި

ޕެރިސް (ނޮވެމްބަރު 1) - އަންނަ ހަފްތާގައި ފަށާ ޕެރިސް މާސްޓާސް ޓެނިސް މުބާރާތް ކާމިޔާބުކޮށް ރޭންކިން އެއް ވަނަ ދިފާއުކުރަން ސާބިއާގެ ނޮވަކް ޖޮކޮވިޗް އަމާޒު ހިފައިފި އެވެ.


ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ބޭއްވި ތިން މުބާރާތް ކާމިޔާބު ކޮށް ދުނިޔޭގެ ދެ ވަނައިގައި އޮތް އެންޑީ މަރޭ ވަނީ ރޭންކިން އެއް ވަނައާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ. ޕެރިސް މާސްޓާސްގެ ނަތީޖާ ނުކުންނަ ގޮތަކުން މަރޭ އަށް ރޭންކިން އެއް ވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ.

ފާއިތުވި މުބާރާތްތަކުގައި އަނިޔާގެ ސަބަބުން ޖޮކޮވިޗަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ޖޮކޮވިޗް ބުނީ ކުޅުން ދަށްވެފައިވީ ނަމަވެސް އިތުރު ހިތްވަރެއް ލައިގެން ޕެރިސް މާސްޓާސް ކާމިޔާބު ކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

"މިހާރު މިއޮތީ ހާއްސަ ހާލަތެއް ކުރިމަތިވެފައި. މި މުބާރާތުން ދެ ކަމެއް ހާސިލްކުރަން ޖެހިފައި މިއޮތީ. އެއީ މުބާރާތް ކާމިޔާބު ކުރުމުގެ އިތުރަށް އެބަޖެހޭ މަގާމު ވެސް ދިފާއުކުރަން. މިއީ ފަހަތަށް ބަލަންވީ ވަގުތެއް ނޫން،" އުމުރުން 29 އަހަރުގެ ޖޮކޮވިޗް ބުންޏެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި ފާއިތުވި ފަސް އަހަރު ވެސް އޮތީ ޖޮކޮވިޗެވެ. މި ސީޒަނުގައި ޖޮކޮވިޗްގެ ފޯމު ދަށްވަމުން އައިއިރު ދެ ވަނައިގައި އޮތް މަރޭ އައީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. މަރޭ ވަނީ މި އަހަރު ހަތް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މަރޭ ވަނީ އެންމެ ފަހުން ކުޅުނު 56 މެޗުގެ ތެރެއިން 52 މެޗުން މޮޅުވެފަ އެވެ.

ރޭންކިން އެއް ވަނައިގައި މި ޖޮކޮވިޗް އޮތީ 12،900 ޕޮއިންޓާ އެކު އެވެ. މަރޭ ދެ ވަނައިގައި އޮތީ 10،985 ޕޮއިންޓާ އެކު އެވެ. ޕެރިސް މާސްޓާސް މުބާރާތުގެ ނަތީޖާ ދެ ގޮތަކަށް ނުކުމެއްޖެނަމަ މަރޭ އަށް ރޭންކިން އެއް ވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ. ފުރަތަމަ ގޮތަކީ މުބާރާތުގެ ފައިނަލުން ޖޮކޮވިޗަށް ޖާގަ ނުލިބި މަރޭ އެ މުބާރާތް ކާމިޔާބު ކޮށްފިނަމަ އެވެ. އަނެއް ގޮތަކީ ޖޮކޮވިޗަށް މުބާރާތުގެ ސެމީ ފައިނަަލުން ޖާގަ ނުލިބި މަރޭ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިނަމަ އެވެ.

ޖޮކޮވިޗް ބުނީ މަރޭ އޮތީ ރަނގަޅު ފޯމެއްގައި ނަމަވެސް ޕެރިސް މާސްޓާސް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޖޮކޮވިޗް މިދިޔަ އަހަރުގެ ޕެރިސް މާސްޓާސް ތަށި ހަތަރު ވަނަ ފަހަރަށް ކާމިޔާބު ކުރީ ފައިނަލުގައި މަރޭ ބަލިކުރުމަށް ފަހު އެވެ.