ހާލަންޑްގެ ހުވަފެނީ ކްލަބަކީ ރެއާލް މެޑްރިޑް: ރިޕޯޓް

ޕެރިސް (ނޮވެމްބަރު 7) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އޭނާގެ ކެރިއަރުގައި އެންމެ ކުޅެން ބޭނުންވާ ކްލަބަކީ ރެއާލް މެޑްރިޑް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެޑްބުލް ސަލްޒްބާގުން ވިދާލި އުމުރުން 20 އަހަރުގެ ހާލަންޑް ހޯދަން ގިނަ ކްލަބްތަކުން ކިޔޫ ދަމާލާފައިވަނިކޮށް ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އޭނާގެ ސޮއި ހޯދީ ޖަރުމަނުގެ ގަދަ ބާރު ބޮރޫޝިއާ ޑޯޓްމަންޑުންނެވެ. ޖަރުމަނު ލީގުގައި ޑޯޓްމަންޑަށް މިހާތަނަށް ކުޅެދިން 20 މެޗުން ހާލަންޑް ވަނީ 18 ގޯލު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގައި އެ ޓީމަށް ހަ މެޗުން ފަސް ގޯލު ޖަހާފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ހާލަންޑްގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޑޯޓްމަންޑަށް ހާލަންޑް ސޮއިކުރި އެއްބަސްވުމުގެ ތެރެއިން ދެ ސީޒަން ފަހުން ހާލަންޑް އިހުތިޔާރު ކުރާ ކްލަބަކަށް މާ ބޮޑު ނޫން އަގެއްގައި ދޫކޮށްލަން މަޝްވަރާކޮށްފަ އެވެ. ހާލަންޑްގެ ގާތް ފަރާތްތަކާ ހަވާލާދީ ނޯވޭގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ކްލަބަކީ ރެއާލް އެވެ. އެއީ ހާލަންޑް އެންމެ ކުޅެން ބޭނުންވާ ކްލަބަކީ ރެއާލް ކަމަށްވާތީ އެވެ.

ރައިއޯލާ މީގެ ކުރިން ވަނީ އޭނާގެ އޭޖެންޓް ކަމުގައި ތިބި ދެ ކުޅުންތެރިއަކު 2022 ވަނަ އަހަރު ފެންނާނީ ރެއާލުން ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އޭނާ އޭރު އިޝާރާތްކުރީ ހާލަންޑްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށެވެ.

ދާދި ފަހުން ސަލްޒްބާގުގެ ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޮފާ ފްރެއުންޑް ބުނީ ހާލަންޑް ޑޯޓްމަންޑް ދޫކޮށްލައިފިނަމަ ދެން ފެނުން އެންމެ ގާތީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލުން ކަމަށެވެ. އެއީ މީގެ ކުރިން ހާލަންޑް ވެސް ލިވަޕޫލްގެ ހުށަހެޅުމަކަށް ޝައުގުވެރިވެފައިވާތީ ކަމަށް ކްރިސްޓޮފާ ވަނީ ބުނެފަ އެވެ.

ޑޯޓްމަންޑުން ހާލަންޑްގެ ސޮއި ހޯދީ 20 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ. މުސްތަގުބަލުގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ހާލަންޑަކީ ގޯލާ ރަށްޓެހި ފޯވާޑެކެވެ. ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން ހާލަންޑް ބޭނުންވަނީ ކަރިމް ބެންޒެމާގެ ލޯންގް ޓާމް ރިޕްލޭސްމަންޓެއްގެ ގޮތުގަ އެވެ.